މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަހްމަދު ޝަމާހުގެ ސަސްޕެންޝަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އުވާލައިފި އެވެ.
އެ ބޯޑުން ބުނީ ސަސްޕެންޝަނުގައި ސަމާހު ހުރި މުއްދަތުގައި ކުންފުނީގެ ކަންކަން ހިންގުމަށް އުފެއްދި ކޮމިޓީ ވެސް މިހާރު އުވާލާފައިވާ ކަމަށެވެ.
މިފްކޯގެ ހިންގުމާ ގުޅޭ ހުރިހާ ކަމެއް މިފްކޯގެ ބޯޑު މެދުވެރިކޮށް ގެންދިއުމަށް ޕީސީބީ އިން ސަމާހުއަށް މިހާރު ވަނީ އަންގާފައެެވެ.
ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް ބެލުމުގެ ގޮތުން ސަރުކާރުގެ މަސް ކުންފުނީގެ ސީީއީއޯ އެންމެ ފުރަތަމަ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވަނީ، މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ.
އެކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އާންމުކުރި ސިޓީގައި ހާމަކޮށްފައިވަނީ، އޭނާއާ ގުޅޭގޮތުން ޕީސީބީއަށް ހުށަހެޅި ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއްގެ ފުރިހަމަ އިންކުއަރީއެއް ކުރިއަށްގެންދިޔުމުގެ ގޮތުން ޝަމާހު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
އެ ދުވަހު ދިން ސަސްޕެންޝަންގެ މުއްދަތު މާރޗު 31، ގައި ހަމަވާތީ އެޕްރިލް 21، ގެ ނިޔަލަށް ސަސްޕެންޝަން އިތުރު ކޮށްފައިވާ ކަން އަންގާ މިއަދު އަނެއްކާވެސް ޕީސީބީއިން ވަނީ ޝަމާހުއަށް ސިޓިއެއް ފޮނުވާފައެވެ.
ޝަމާހުއަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ ވަޒީފާތަކަށް ގާތް ތިމާގެ މީހުން ނެގުމާއި ކުންފުނީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާ ސިޔާސީ ބޭނުމަށް މިފްކޯގެ އިމާރާތް ބޭނުންކުރުން ފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް މި މައްސަލައިގައި އެސްއޯއީ ކޮމިޓީން ޕީސީބީ ވެސް ހާޒިރުކޮށްގެން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ޝަމާހު މި ތުހުމަތުތައް ދޮގުކޮށްފައިވެއެވެ.
އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި އެސްއޯއީ ކޮމިޓީގައި ތިއްބަވާ ބައެއް މެމްބަރުން ވަނީ ޝަމާހު ސަސްޕެންޑު ކުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން ޕީސީބީން ބުނީ އެ ބޯޑުން އަމަލުކުރީ ކޯޕަރޭޓް ގަވަނަންސްގެ މައްސަލަތައް ބަލާ އުސޫލުގެ ދަށުން ކަމަށެވެ.
އެގޮތުން ޕީސީބީ ސެކެރެޓަރީ ޖެނެރަލް ވިދާޅުވީ ނުފޫޒު ފޯރުވައިގެން ހެކި ނައްތާލަފާނެ ކަމުގެ ބިރު އޮތުމުން ޝަމާހު ސަސްޕެންޑް ކުރީ ކަމަށާ އެގޮތުން ޝަމާހުއާ ދެކޮޅަށް ކިތާބީ ހެކި ލިބިފައި ހުރި ކަމަށެވެ. މީގެ އިތުރުން މިހާރު މިފްކޯ ތެރޭގައި ޝަމާހުގެ މަސްލަހަތު އޮތް މީހުންވެސް ތިބުމާ އެކު އިތުރު ހެކި ނައްތާލުމުގެ ފުރުސަތު މަގާމުުގައި ހުރެގެން ލިބޭ ފުރުސަތަށް ވުރެ ހަނި ވާނެ ކަމަށް ޕީސީބީއަށް ފެންނާތީ ސަސްޕެންޑުކުރަން ބޯޑުން ނިންމީ ކަމަށެވެ. އަދި އެގޮތަށް ނިންމީ ކުރިންވެސް އެކި ކުންފުނިތަކުގެ ތަހުގީގުތައް ކުރިއަށް ދިޔައިރު ލިބިފައި ހުރި ތަޖުރިބާގެ ތެރެއިން ކަމަށް ވެސް ޕީސީބީއިން ވަނީ ހާމަކޮށްފައެވެ.