theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
. / ތޭރަގްރެފިކްސް
ރިޕޯޓު
މިފްކޯ އިން ކެއުމަށްފަހު ސްޓެލްކޯ އިން ކެއުމަށް ޖާގަ ދިނީ ހަމަ އެނގިހުރެ!
Yana Shareef
ޔާނާ ޝަރީފް
12 ޖެނުއަރީ 2026

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނެގުމުގެ ތުހުމަތު އޮތް ފަރާތްތަކަށް ފުރުސަތު ދެމުންދާކަމުގެ ބަހުސް މިވަނީ އަނެއްކާވެސް ފެންމަތިވެފައެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ނަމަކީ މިފްކޯ އަދި ފަހުން ސްޓެލްކޯގެ އެމްޑީކަން ފުރުއްވި އަޙްމަދު ޝަމާހު ރަޝީދެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް ޝަމާހު އައްޔަންކުރީ މިފްކޯ މާލީ ގޮތުން ބޮޑު އަނދަވަޅެއްގައި އޮއްވައެވެ. ނަމަވެސް، މަގާމާ ހަވާލުވުމަށްފަހު ކުންފުނީގެ ހާލަތު ރަނގަޅުކުރުމުގެ ބަދަލުގައި، އޭނާގެ މައްޗަށް ކުރެވުނީ ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ސީރިއަސް ތުހުމަތުތަކެކެވެ.

މީގެ ތެރޭގައި މުވައްޒަފުން ނެގުމުގައި އުސޫލުން ބޭރުން އަމަލުކުރުމާއި، ކުންފުނީގެ ރަސްމީ ބޭނުމެއް ނެތި އަމިއްލަ އާއިލާގެ މީހުން އޮފީހަށް ގެނައުން ހިމެނެއެވެ. އަދި ކުންފުނީގެ މާލީ ދަތިކަން އިންތިހާއަށް އޮތްއިރު، ބިޒްނަސް ކްލާހުގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމާއި، މަސައްކަތާ ނުގުޅޭ މީހުން ސަރުކާރުގެ ޚަރަދުގައި ދަތުރުތަކުގައި ގެންދިޔަ ކަމުގެ ތުހުމަތުތަކާ ގުޅިގެން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މައްސަލަ ބަލަން ފެށިއެވެ. މި މައްސަލަތަކާ ގުޅިގެން މާޗު 2024 ގައި އޭނާ ސަސްޕެންޑް ކުރުމަށްފަހު، ފަހުން މަގާމުން ވަކިކުރިއެވެ.

މިފްކޯއިން ވަކިކުރުމަށްފަހު ޝަމާހުއަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެވުނެވެ. ނަމަވެސް، އޭނާ ރައީސް ޢަބްދުﷲ ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް) އޮފީހަށް ގޮސް ރައީސް ޔާމީނާ ބައްދަލުކުރުމުން، އެކަމުގެ ސިޔާސީ ބިރުވެރިކަމެއްގެ ތެރެއިން ރައީސް މުޢިއްޒު ވަނީ އޭނާއަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަން ދީ ޕްރޮމޯޓުކޮށްފައެވެ.

މިއީ ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވާ ފަރާތްތަކަށް ސަރުކާރުން ހިމާޔަތްދޭ ކަމުގެ ހެތްކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

މި މަހުގެ 11 ވަނަ ދުވަހު ޝަމާހު ސްޓެލްކޯގެ އެމްޑީކަމުން ވަކިކުރެވުނު އިރު، އޭނާ ސްޓެލްކޯއިން ވެސް ފައިސާ ކެއި ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި މިކަން ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޝަމާހު މަގާމުން ވަކިކުރީ ރައީސް މުޢިއްޒުއާ ދެމެދު އުފެދުނު ޒާތީ މައްސަލަތަކެއްގެ ތެރެއިން ކަމަށް ބެލެވޭއިރު، އޭނާގެ އޯޑިއޯއެއްވެސް ވަނީ މީސްމީޑިއާގައި ވައިރަލްވެފައެވެ. މިއަދު އިވިގެންދިޔަ ޚަބަރަކީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޭނާގެ މައްސަލަ ބަލަން ފަށާފައިވާ ކަމެވެ.

މިފްކޯގައި ހިންގި ކޮރަޕްޝަންގެ މައްސަލަތައް އެނގި ތިބެ، އަލުން ސްޓެލްކޯ ފަދަ ބޮޑު ކުންފުންޏެއްގެ ޒިންމާ ޝަމާހުއާ ހަވާލުކުރުމަކީ، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމަށް ސަރުކާރުން ދިން ފުރުސަތެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. މިއީ ދެފުށް ފެންނަ ވެރިކަމެއް ކުރާނެ ކަމަށް ވިދާޅުވި ރައީސްގެ ވައުދުތަކާ މުޅިން ޚިލާފު އަމަލެކެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?