ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންގައިގެން ފުލުހުން ނިކުމެ ޕެޕާ ސްޕްރޭ ޖަހައިގެން ޕީއެންއެފް އުފެއްދިޔަ ނުދޭން މަސައްކަތް ކުރިނަމަވެސް ޕާޓީ އުފެއްދިއްޖެ ކަމަށް، ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް، ޕިއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދާފައި މިވަނީ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުންނެވެ. އެ ޕާޓީ އުފެއްދުނު ކަމުގެ ރަސްމީ ލިޔުމުގެ ފޮޓޯ ހިއްސާކޮށް މަލީހު މިއަދު ވިދާޅުވީ ޕީއެންއެފް އުފެއްދުނީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއިއެކު ކަމަށެވެ.
އެގޮތުން ރައީސް ޔާމީން ދައުލަތުގެ އަނިޔާގައި ބަހައްޓަވައި، ޕާޓީ އުފައްދާ ޖަލްސާ ހުއްޓުވަން ކަރަންޓު ނުދީ ސަރުކާރުން އަސޭމިރުހާއި އެތައް މެމްބަރުންނަށް ކުރި އަނިޔާ އާއިއެކުވެސް އެންމެ ފަހުން ރާޅުގަނޑު ސަރަހައްދުގައި ޕާޓީ އުފަންކުރުވާފައިވާ ކަމަށެވެ. އަދި އެއީ މާޒީ ކަމަށާއި ޕާޓީ ދާނީ ވަރުގަދަކޮށް ކުރިއަށް ކަމަށްވެސް މަލީހު ވިދާޅުވި އެވެ.
ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި އެޕާޓީގެ ވަގުތީ ރައީސަކަށް އިންތިހާބުވީ ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އެވެ. އެހެންކަމުން ޕާޓީގެ މަސްއޫލުވެރިޔާގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ ޒޭން އެވެ. ރަސްމީކޮށް ޕީއެންއެފް ރަޖިސްޓްރީ ކޮށްފައިވަނީ މިއަދު އެވެ.
ޕީއެންއެފްއަކީ ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީ އެވެ. މި ޕާޓީއާއި ގުޅުމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން ދާކަމަށް ޕާޓީން ވަނީ ބުނެފަ އެވެ.