އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ވާހަކައާ އިންޑީއާއިން ރާއްޖެއަށް ތަކެތި ފޯރުކޮށްދޭ ވާހަކައާ ގުޅިގެން އިންޑީއާ ގެ ޓްރިވެންޑްރަމުގައި ހުންނަ ކޮންސިއުލޭޓުގެ ކުރިގެ ކޮންސިއުލް އަލީ އާދަމް ރައްދުދެއްވައިފިއެވެ.
ދުވަސްވަރަކީ އިންޑިއާ ރާއްޖޭގެ ގުޅުން ވަރަށް ބޮޑު ހީނަރުވެ ބަހުގެ ހަމަލާތައް ދެ ގައުމުގެ ދޭތެރޭގައިވެސް ރައްދު ކުރަމުން ގެންދާ ދުވަސްވަރަކަށް ވެފައި އިންޑިއާއިން ގެންދަނީ ކަލަ ގޮވާ އުސޫލުން ރާއްޖެއަށް ބަސްތައް ރައްދުކުރަމުންނެވެ.
މިކަމަށް އިޝާރާތްކުރައްވާ އަލީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާއިން ރާއްޖެއަށް ތަކެތި ފޯރުކޮށްދޭ ކަމަށާ ނަމަވެސް އެއިން ކޮންމެ ކަމެއްގެ ބަދަލުގައި ރާއްޖެއިން އެކަމަށް އަގު އަދާކޮށްފައިވާނެކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ މި ކުޑަ ކުޑަ އިގްތިސޯދުގެ ތެރެއިން އިންޑިއާގެ އިގްތިސޯދުގެ ތެރެއަށް ދައުރުވަމުންދާ ފައިސާގެ އަދަދު މަދު ނޫން ކަމަށާ އެގޮތުން ހަމައެކަނި ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުންގެ މިނިމަމް ވޭޖުން އެކަނިވެސް ދިވެހި އިގްތިސޯދުގެ ތެރެއިން 13.5 މިލިއަން ޑޮލަރު ޖެނެރޭޓު ވާކަމަށެވެ. މީގެ އިތުރުން އިންޑިއާއަށް ދިވެހިން ދަނީ ޗުއްޓީ ހޭދަ ކުރުމަށާ އަދި ބޭސްފަރުވާއަށް ކަމަށްވާއިރު، އެ ދިވެހިންގެ އަތުންވެސް އިންޑިއާގެ އިގްތިސޯދަށް ވަންނަ ފައިސާގެ އަދަދު މަދު ނޫންކަން ވެސް އަލީ ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން އިންޑިއާގެ ވިހި ހޮސްޕިޓަލަކުން ދިވެހިންނަށް ހެލްތު އިންޝުއަރެންސް ދިވެހި ސަރުކާރުން ހަމަޖައްސާފައިވާއިރު އެ ބޭސްފަރުވާގެ ކަންކަމުގެ ތެރެއިން އަހަރެއްގެ މައްޗަށް 337 މިލިއަން އެމެރިކާ ޑޮލަރު ހޭދަވާ ކަމަށްވެސް އަލީ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ރާއްޖެއަކީ އާބާދީ ކުޑަ ގައުމެކޭ އިންޑިއާއިން ފިއްތާލައިފިއްޔާ ރާއްޖެ އިނދަ ޖެހޭނެކަމަށް ބުނާބުނުމަކީ އެއީ ހަގީގަތެއް ނޫންކަމަށާ ބަދަލުގައި ރާއްޖެއިން ކަންކަން ހުއްޓާލައިފި ނަމަ އަދި އިންޑިއާ މަސައްކަތެރިން ބޮއިކޮޓުކޮށްފިނަމަ އޭގެ ގެއްލުންވާނީ ހަަމަ އިންޑިއާއަށް ކަން އަލީ ފާހަގަކުރެއްވިއެވެ.
ގައުމިއްޔަތުގެ ދިފާއުގައި އަޑު އުފުލުމަކީ މައްސަލައެއް ނޫންކަމަށާ ނަމަވެސް ހަގީގަތް ނޭނގި ތިބެ އަޑު ގަދަކުރުމަކީ ބުއްދިވެރިކަމެއް ނޫންކަމަށް ވިދާޅުވެ އަލީ ވަނީ އިންޑިއާއިން އަޑު އުފުލަމުންދާ ދިއުމަށް ރައްދު ދީފައެވެ. އަލީ ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ކަންކަން ކޮށްނުދޭކަމަށް ވިދާޅުވާން ނެތް ކަމަށާ ނަމަވެސް ވިދާޅުވާން އޮތް ވާހަކައަކީ ރާއްޖެއިން އެކަންކަމަށް އަގު އަދާކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން އެހީތެރިކަމުގެ ބަދަލުގައި ދިވެހިންގެ ގައުމިއްޔަތާ މިނިވަންކަމާ އިސްތިގުލާލު ގުރުބާން ކުރާނެކަމަށް އިންޑިއާއިން ހީކުރުމަކީ މޮޔަ ހިޔާލެއްކަމަށްވެސް އަލީ ވަނީ ވިދާޅުވެފައެވެ.
އިންޑިއާ ފަތުރުވެރިންގެ ފަރާތުން ރާއްޖެއަށް މަންފާ ލިބެމުންދާ ކަމަށް ބުނަމުންދާ ދިއުމަށް އިޝާރާތްކުރައްވާ އަލީ ވިދާޅުވީ ކޯވިޑް 19ގެ ތެރޭގައި ރާއްޖެއައި އިންޑިއާ މީހުންނަކީ ފަތުރުވެރިންނަށް ވުރެ މެދު އިރުމަތީގައި މަސައްކަތްކުރަމުން ދިޔަ އިންޑިއާގެ މަސައްކަތްތެރިން ކަމަށާ އޭރު އެމީހުންގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅިގެން ދިޔަ ކަމަށާ އިންޑިއާ މަސައްކަތްތެރިންގެ ސަބަބުން އޭރު ކޯވިޑުގެ ނުރައްކާ ދިވެހީންނަށް ބޮޑުވެގެން ދިޔަ ކަމަށެވެ. ނަމަވެސް އޭރު އޮތް އިންޑިއާގެ ގޮނޑި ކޮއްކޮ ސަރުކާރުން އެކަންކަން ވަންހަނާ ކޮށް މުޅި ގައުމަށް އޮޅުވާލީކަން ވެސް އަލީ ފާހަގަކުރެއްވިއެވެ.