މި މަހު 21 ގައި ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ތެރެއަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ނުފޫޒު ފޯރުވިކަން ހާމަވެއްޖެއެވެ.
އެގޮތުން އެ މިނިސްޓްރީއިން ވަނީ، ދޫނުކޮށް ހިފަހައްޓާފައި ހުރި ބައެއް ސެޓްފިކޭޓުތައް ވޯޓު ނުދޭނެ ކަމަށް ބުނި ބަޔަކަށް ދޫކޮށްފައެވެ.
ޗެނަލް13އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި ރ. އުނގޫފާރުގައި މެރިޓައިމް ޓްރެއިންނިން އިންސްޓިޓިއުޓްގެ ފަރާތުން ހިންގި ނިއަމި ކަމުގެ ކޯހުގެ ބައިވެރިންގެ ސެޓްފިކެޓުތައް ނުދީ ހިފަހައްޓާފައެވެ. ޖުމްލަ 30 ކުދިންނާ އެކު ކުރިއަށް ގެންދިޔަ ނިއަމި ކަމުގެ ލެވެލް2 ގެ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓު އެޕްރޫވު ނުކޮށްދީ ހިފަހައްޓާފައި ހުރި ސަބަބެއްވެސް ހާމަނުކޮށް ސެޓްފިކޭޓުތައް ހިފަހެއްޓީ މައުލޫމާތު ލިބިފައިވާ ގޮތުގައި ޓްރާންސްޕޯޓުގެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އާދިލް ރަޝީދުއާ ޓްރާންޕޯޓުގެ ސްޓޭޓު މިނިސްޓަރ ކެޕްޓަން އަބްދުއްލަތީފު މުހައްމަދުގެ ނުފޫޒުންނެވެ.
މި ދެބޭފުޅުންނަކީ ވެސް މިފަަދަ ކޯސްތައް ހިންގާ ދެ އިންސްޓިއުޓުގެ ވެރިން ކަމަށްވެފައި އެބޭފުޅުންގެ މަސްލަހަތުވެސް މިކަމުގައި ހިމެނޭތީ މެރީޓައިމް އިންސްޓިޓިއުޓުގެ ކޯސްތަކުގެ ސެޓްފިކެޓުތައް ހިފަހައްޓާ ގެންދަނީ ތަނުގެ ލެކްޗަރާއިންނަށާ އަދި ތަނުގެ ވެރިންނަށްވެސް އިންޒާރުދީ އެ ކޯސްތައް ހުއްޓާލުމަށް އިންޒާރު ދެމުންކަމަށްވެސް ޗެނަލް13 އަށް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅިގެން ޗެނަލް13އާ ވާހަކަ ދައްކަވަމުން މެރިޓައިމް އިންސްޓިޓިއުޓުގެ މެނޭޖިން ޑިރެކްޓަރ ކެޕްޓަން މުހައްމަދު އަސްލަމް ވިދާޅުވީ މި ސަރުކާރު އައި ފަހުން ކޯސްތައް ހިންގުން ވަރަށް ދަތިވެފައިވާ ކަމަށާ އެގޮތުން ލެކްޗަރާއިންނަށާ ދަރިވަރުންނަށްވެސް މިނިސްޓްރީގެ އިސް ދެ ބޭފުޅުން އިންޒާރުދީ، މެރިޓައިމްއިން ވަކިވުމަށް އަންގަމުން ދާކަން ހާމަވެފައިވާ ކަމަށެވެ.
އަސްލަމް ވިދާޅުވި ގޮތުގައި މިކަން މިނިސްޓަރު ކެޕްޓަން މުހައްމަދު އަމީންގެ ސަމާލުކަމަށް ވެސް އެކި ފަހަރު މަތިން ގެނެވިފައިވާނެ ކަމަށާ އަދި އަމަލީ ގޮތުން ވެސް މިނިސްޓަރާ ބައްދަލުކޮށް މިކަން ހިއްސާކުރި ނަމަވެސް އެއްވެސް ހައްލެއް އައިސްފައި ނުވާ ކަމަށެވެ.
މިކަމާ ގުޅިގެން ޗެނަލް13 އިން މިނިސްޓަރު އަމީނަށް ގުޅާލުމުން ވިދާޅުވެފައިވަނީ އެކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށާ އެކަން ހިނގަމުން ދާ ގޮތެއް ބައްލަވާނެ ކަމަށެވެ. ނަމަވެސް ކެޕްޓަން އަސްލަމްގެ ފަރާތުން މިނިސްޓަރު އަމީން ފޮނުވި އީމެއިލްތަކުގެ ތަފްސީލުވެސް އޭނާވަނީ ޗެނަލް13އާ ހިއްސާކޮށްފައެވެ.
މިހެން މިކަން އޮއްވާ ރ. އުނގޫފާރުގައި މެރިޓައިމްގެ ފަރާތުން ހިންގި ނިއަމި ކޯސް 2 ގެ ސެޓްފިކެޓު ވެސް އެޕްރޫވްނުކޮށް މިނިސްޓްރީއިން ހިފަހައްޓާފައިވަނިކޮށް، އެ ކޯހުގައި ބައިވެރިވި އުނގޫފާރުގެ 21 ކުއްޖަކު ސެޓްފިކެޓު ނުދެނީސް މަޖިލިސް އިންތިހާބުގައި ވޯޓު ނުލާނެކަމަށް ބުނުމުން، ވަގުތުން ޓްރާންސްޕޯޓު މިނިސްޓްރީއިން ވަނީ އެ 21 ކުދިންގެ ސެޓްފިކޭޓު އެޕްރޫވްކޮށްދީފައެވެ. ނަމަވެސް އެ ބެޗުގައި ހިމެނޭ ބާކީ 9 ކުދިންގެ ސެޓްފިކޭޓު އަދިވެސް ނުލިބޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އާދިލް އާ ލަތީފުއާ ދެ ބޭފުޅުން، މަގާމުގެ ނުފޫޒު ބޭނުންކޮށް ހިންގަމުން ގެންދާ ޖަރީމާތައް މިނިސްޓަރު އަމީންގެ ސަމާލުކަމަށް އެކި ފަހަރުމަތިން ސިޓީ ބިޓީ މެދުވެރިކޮށް ގެެނެސްފައިވާނެ ކަމަށްވެސް އަސްލަމް ވަނީ މައުލޫމާތު ދީފައެވެ.
ނަމަވެސް ކެޕްޓަން އަމީން ވަނީ ކެޕްޓަން އަސްލަމްގެ އެ ވާހަކަތައް ދޮގުކޮށް އެ ފަދަ ކަމެއް ހިނގަންޏާ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މަޖިލިސް އިންތިހާބާ ދިމާކޮށް ދޫކުރި ސެޓްފިކެޓުތަކުގެ ކަންކަން އެކަން އެހެން ހިނގާ ދިޔަކަން އެ ކޯހުގެ ދަރިވަރަކުވެސް ވަނީ ޗެނަލް13އަށް މައުލޫމާތު ހިއްސާކޮށްފައެވެ.
އެގޮތުން އެ ދަރިވަރު ކިޔައިދިން ގޮތުގައި ކޯސް ނިމި އެތައް ދުވަހެއް ފާއިތުވިއިރުވެސް މިނިސްޓްރީއިން ގެންދިޔައި ސެޓްފިކޭޓުތައް ދޫކުރުމާ ދެކޮޅު ހަދަމުން ކަމަށާ އުޒުރަކަސް ދެއްކީ ގާނޫނު ބުނާ އަދަދަށް ވުރެ ގިނަ ކުދިން ބެޗެއްގައި ހިމެނުން ކަމަށެވެ. ނަމަވެސް ގާނޫނުގައި ވާ ގޮތުން އެންމެ ގިނަވެގެން 30 ކުދިން ނަށް ބައިވެރިވެވޭނެްއެވެ. އަދި މެރިޓައިމްއިން ހިންގި އެ ކޯހުގައި ވެސް ތިބީ 30 ކުދިންނެވެ.
ޗެނަލް13އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓްރާންސްޕޯޓުގެ ޑީޖީގެ މަސްލަހަތު އޮންނަ އައިލެންޑް އިންސްޓިޓިއުޓު އޮފް ޓާޝަރީ އެޑިއުކޭޝަން ވަނީ ނިމި ދިޔަ ޑިސެމްބަރު މަހުގެ ފަހު ކޮޅު ހއ. ބާރަށުގައިވެސް 30 ކުދިންނަށްވުރެ ގިނަ ކުދިންނާ އެކު ނިއަމި 2 ކޯސް ހިންގާފައެވެ. ނަމަވެސް އެ ކޯސްތަކުގެ ސެޓްފިކޭޓު ގަވާއިދާ ހިލާފުވެގެން ހިފަހައްޓާފައިނުވެއެވެ.
މީގެ އިތުރުން ޓްރާންސްޕޯޓުގެ ސްޓޭޓު އަބްދުއްލަތީފުއަކީ ވެސް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދުގެ ދަށޫން ތަމްރީނު ކުރުމަށްޓަކައި ހުއްދަދީފައިވާ އިންސްޓިޓިއުޓުތަކުގެ ތެރޭގައި ހިމެނޭ އެކަޑެމީ އޮފް އިންޓަނޭޝަނަލް މެރިޓައިމް އެންޑް މެނޭޖުމަންޓް ސްޓަޑީޒްގެ ވެރިޔާވެސް މެއެވެ. އެހެންކަމުން މަގާމުގެ މަސްއޫލިއްޔަތުތަކުގެ ސަބަބުން މި މައްސަލައިގައި މި ދެބޭފުޅުންގެ މަސްލަހަތު ފުށު އަރާނެކަން ވަރަށް ސަރީޚަކޮށް މިއޮތީ ފެންނަންށެވެ.
މަޖިލިސް އިންތިހާބުގައި ދައުލަތުން ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާކަން ޓްރާންޕޭރެންސީ ފަދަ މުއައްސަސާތަކުން ފާހަގަވެސް ކޮށްފައިވެއެވެ. ނަމަވެސް އޭސީސީގެ ހިލަމެއް މިކަމުގައި ނެތްކަން ފާހަގަކޮށްލެވެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ ތެރެއިން މިވަރުގެ ޖަރީމާއެއް ހިންގަމުންދާއިރު އާދިލް ރަޝީދަކީ މިފަދަ ކަންކަން ހިންގާފައިވާތީ ކުށްވެސް ސާބިތުވެފައިވާ މީހެކެވެ.