ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ޓަވަރުތައް / އެޑިޝަން.އެމްވީ
ހަބަރު, ސިޔާސީ
ވަކި ބަޔަކަށް ދޭން, ވިނަރެސް ފްލެޓުތައް ނުވިއްކަން ނިންމައިފި
Azhan Ibrahim
އަޒްހާން އިބްރާހިމް
30 އޭޕްރީލު 2024
މާލެ ސިޓީ

ހުޅުމާލެ ދެވަނަ ވިޔަވަހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓުތަކުގެ ތެރެއިން ވިއްކަން ހުޅުވައިލި އެޕާޓްމެންޓުތައް ނުވިއްކަން އެޗްޑީސީން ނިންމައިފި އެވެ.

ވިނަރެސް ފްލެޓުތަކުގެ ތެރެއިން ނުވިކި ހުރި އެޕާޓްމެންޓުތައް ވިއްކަން ހުޅުވައިލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ. އެދުވަހުގެ ހެނދުނު 10:00 ގައި އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕާޓްމެންޓުތައް ގަންނަން ހުޅުވައިލުމާއިއެކު އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެއާއެކު ގާތްގަނޑަކަށް 30 ވަރަކަށް މިނެޓުގެ ތެރޭގައި ޕޯޓަލް ބިޒީވެ ޓެކްނިކަލް މައްސަލައެއް ދިމާވި އެވެ. އެހެންވުމުން ގިނަ ބަޔަކަށް ފޯމު ހުށަނޭޅި ޝަކުވާ ބޮޑުވި އެވެ.

އާންމުންގެ ފަރާތުން ހުށަހެޅުނު ޝަކުވާތައް ބަލަން ކަމަށް ބުނެ އެޗްޑީސީން ވިނަރެސް އެޕާޓްމެންޓުތައް ވިއްކުން މަޑުޖައްސައިލި އެވެ. އެއަށްފަހު ފޯމުތައް ބާތިލުކޮށް އެތަންތަން ނުވިއްކަން އެޗްޑީސީން މިހާރު ވަނީ ނިންމައިފަ އެވެ.

އެކުންފުނިން ބުނީ މިގޮތަށް ނިންމީ ހުޅުމާލޭގައި ފްލެޓް އިމާރާތް ކުރުމަށް ފަށާފައިވާ އެކިއެކި މަޝްރޫއުތަކުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކައި, ފްލެޓު ނުލިބި ތިބި ފަރާތްތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. އެހެންކަމުން ވިނަރެސް އިމާރާތުގައި ނުވިކިހުރި އެޕާޓްމެންޓުތައް އެފަރާތްތަކަށް ދޭން ނިންމާފައިވާކަމަށް އެޗްޑީސީން ބުންޏެވެ.

ޗެނަލް13 އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިނަރެސް ފްލެޓުތައް ދޭން މަސައްކަތް ކުރަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށެވެ. އެއްވެސް އުސޫލެއް ނެތި އެ އެޕާޓްމެންޓުތައް ރައީސް އޮފީހުން ތައްޔާރުކުރާ ލިސްޓަށް ދޫކުރަން ނިންމާފައިވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ވިނަރެސް މަޝްރޫއުގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1344 އެޕާޓްމަންޓް ހުރެ އެވެ. ނުވިކުރި ފްލެޓުތައް ވިއްކުމަށް ހުޅުވާލީ 2.5 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި މި ފްލެޓުތަކުގެ ނަން ވިނަރެސް މަޝްރޫއަށް ބަދަލު ކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގަ އެވެ. މިއީ މެދުފަންތީގެ މީހުންނަށް އަމާޒުކޮށްގެން އިމާރާތް ކުރަން ފެށި ތަނަވަސް އެޕާޓްމެންޓުތަކެކެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved