ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ބޭއްވި ރޭގައި ފުލުހުންގެ ފަރާތުން ދިން އަނިޔާ ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ ކަމަށް އެ ޕާޓީގެ ސެނެޓަރު އަނީސާ ސައީދު ވިދާޅުވެއްޖެއެވެ.
އަނީސާ މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް 13 އަށް ދިން ޚާއްސަ އިންޓަވިޔުއެއްގައެވެ.
އެގޮތުން އަނީސާ ވަނީ އެރޭ ކަންތައް ހިނގައިދިޔަ ގޮތް ތަފްސީލްކޮށް ކިޔައިދެއްވާފައެވެ.
ޖަލްސާ ޢިޔާސުއްދީން ސުކޫލްގެ ހޯލްގައި ބޭއްވުމަށް ހަމަޖެހިފައި އޮތުމުން އެ ސަރަހައްދައް ދިޔަ އިރުވެސް އެ ސަރަހައްދައް ނުވަދެވޭ ކަމެއް ނޭނގޭ ކަން އަނީސާ ފާހަގަކުރެއްވިއެވެ. އެގޮތުން އެ ސަރަހައްދުގައި އެވަގުތު ބެރިކޭޑް ޖަހާފައިވެސް ނެތުމުން ގޭޓް އާ ހަމަޔަށް ދިޔައީ ކަމަށާ ދިޔައިރު ގޭޓް ކުރިމަތީގައި އެސްއޯ ފުލުހުން ތިބުމުން އެތަނަށް ވައްދާ ދިނުމަށް ތަކުރާރުކޮށް ވެސް އެދުމުން ނުވެއްދިކަމަށް އަނީސާ ވިދާޅުވިއެވެ.
ޖަލްސާ ބާއްވާ ހޯލަށް ނުވެއްދިތާ އަނީސާ ގެ މުޅި މޫނަށާއި ލޮލަށް ޕެޕާރ ސްޕްރޭ ޖެހީ އޭނާ އަށް އެއްވެސް އިންޒާރެއް ވެސް ނުދީކަމަށް އަނީސާ ބުންޏެވެ. ޕެޕާރ ސްޕްރޭ ޖެހުމާއެކު އުނދަގޫވެގެން އުޅެމުންދިޔަ އިރު އަނީސާގެ އަތުގައި ފިިރިހެން ފުލުހެއް ހިފައި އޭނާ ދުރައް ކޮށްޕާލިކަމަށް ވެސް އަނީސާ ވަނީ ވާހަކަދައްކަމުން ފާހަގަކުރައްވާފައެވެ.
އެތައް ފަހަރެއްގެ މަތިން އޭނާ ސަލާމަތްކޮށްދިނުމަށް އެދުމުން ވެސް ފުލުހުން އޭނާއަށް އެއްވެސް ވަރަކަށް އަޅާލައިފައި ނުވާކަމަށާއި ފުލުހުން ބެލީ އިތުރަށް އަނިޔާ ކުރެވޭތޯ ކަމަށް ވެސް އަނީސާ ވިދާޅުވިއެވެ.
އެރޭ ފުލުހުން އަނީސާ އަށް ކުރި އަނިޔާ ގެ ސަބަބުން އަނީސާ ހޮސްޕިޓަލްގައި އެތައް ދުވަހެއް ވަންދެން އެޑްމިޓްކުރެވިފައި އޮތް ކަމަށް ވެސް އަނީސާ ވިދާޅުވިއެވެ.
އޭގެއިތުރުން އަނީސާ ވިދާޅުވީ،ހޮސްޕިޓަލުގައި އައިސީޔޫގައި ހަފްތާއެއްހާ ދުވަހު ބޭއްވުމަށް ފަހު އަނީސާ ދޫކޮށްލާފައިވާއިރު އެ މައްސަލަ މިހާރު އެެންއައިސީއަށް ހުށަހަޅާފައިވާ ކަމަށެވެ.