ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކައި މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއެރްސީ) ގެ ޒިންމާދާރު ކުޑަކަން ހާމަވެއްޖެއެވެ.
އިންޑިޔާއިން ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް އެންޓި ކެމްޕެއިނެއް ފެށުމާއި ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިން ގިނަ ކުރުމަށްޓަކައި އެމްއެމްޕީއެރްސީގެ ފަރާތުން ކުރައްވާނީ ކޮން ކަމެއްތޯ ބަލަން ޗެނަލް 13 ގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓާރ ފާތިމަތު ތައުފީގް އާއި ސުވާލު ކުރެއްވުމުން އެ ސުވާލަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވެއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި ގުޅިގެން ފަތުރުވެރިކަން ރަނގަޅު ކުރުމަށްޓަކައި ކުރައްވާނީ ކޮން ކަމެއްތޯ ސުވާލު އުފެއްދުމުން އެ ސުވާލަށްވެސް ޖަވާބު ދެއްވާފައިނުވެއެވެ.
ނޫސްވެރިންނަށް މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް އެމްއެމްޕީއާރްސީގެ ފަރާތުން ދެއްވާފައި ނުވުމުން އަޅުގަނޑުމެން ވަކިން އެ ސުވާލުތައް އަމާޒުކުރެއްވުމުންވެެސް އެމްޑީ އެކަމާއި ބެހޭގޮތުން އެއްޗެެއް ވިދާޅުވެފައި ނުވުމުން ހާމަވެގެންދަނީ ސަރުކާރުގެ ކުންފުނި އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި ހާއްސަ ދައުރެއް އަދާ ކުރައްވާ ފަރާތެއްގެ ޒިންމާދާރު ކުޑަކަމެވެ.
ފާހަގަކޮށްލަން ޖެހޭ އިތުރުކަމަކީ ރާއްޖޭގެ ނޫސްތަކަށް މައުލޫމާތު ނުދެއްވާ އެމްޑީ ބޭރުގެ މީޑިޔާތަކަށް މައުލޫމާތު ދެއްވާކަމެވެ. ދިވެހިރާއްޖޭގެ ނޫސްވެރިންނާ ދޭތެރޭ ތަފާތު ކުރުމެއް ގެންގުޅުއްވާ ސަބަބު ވެސް ހާމަވެފައިނުވެއެވެ.
ދެން އޭގެއިތުރުންވެސް ފާހަގަކޮށްލަން ޖެހޭ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހިމް ފައިސަލް ވެސް މިކަމާ ބެހޭ މައުލޫމާތު ހިއްސާ ކުރެއްވުމަށްޓަކައި އެއްވެސް ވަރަކަށް ނޫސްވެރިންނާ ބައްދަލު ކުރައްވާފައިނުވެއެވެ.
އެމްއެމްޕީއާރްސީ އަދި ފަތުރުވެރިކަމާ ބެހޭ ވުޒާރާއަަށް ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވެގެންނެވެ.