އެމްއެމްޕީއާރުސީ މައްސަލައިގައި ކުރީގެ ބަންޑަރަ ނައިބު އައިޝަތު އާޒިމާ ޝަކުރުގެ މައްޗަށް އުފުލާފައި އޮތް ދައުވާ އަނބުރާ ރައީސް މުހައްމަދުގެ ސަރުކާރުން ގެންދިއުމުން، ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
އެގޮތުން އާޒިމާގެ މައްސަލަ އަނބުރާ ގެންދިޔައީ އާޒިމާއަކީ ރައީސް މުއިއްޒުގެ އާއިލީ ވަކީލު ކަމަށްވާތީ ކަމަށް ވިދާޅުވެ ޑރ ޖަމީލު އެކްސްގައި ޕޯސްޓު ކުރައްވާފައިވެއެވެ. އެ ޕޯސްޓާ ގުޅިގެން އާޒިމާ ޑެސްޕަރޭޓުވެވަޑައިގެން ދިފާއުގައި އެކްސްގައި ޕޯސްޓެއް ކުރައްވާ ވިދާޅުވީ، ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށް ވަކާލާތުކުރައްވާއިރު، މަނީ ލޯންޑްރިންނަށް އެ މަނިކުފާނަށް އެހީތެރިވެދިން ކަމަށް ތުހުމަތުކުރެވޭ މީހަކު މުޖުރިމަކަށްވަނީ ކިހިނެއްތޯ ކަމަށެވެ. އާޒިމާ ވަނީ ދިގު ޕޯސްޓެއް މިކަމާ ގުޅިގެން ކުރައްވާފައެވެ.
އާޒިމާގެ އެ ޕޯސްޓަށް އަނެއްކާވެސް ޑރ ޖަމީލު ވަނީ ރައްދު ދެއްވާ އެކްސްގައި އިތުރު ޕޯސްޓެއް ކުރައްވާފައެވެ. އެގޮތުން އާޒިމާގެ އެ ދިގު ޕޯސްޓަށް ޑރ ޖަމީލު ރައްދު ދެއްވީ 4 ފޮޅުވަތުގެ ކުރު ލިޔުން ކޮޅަކުންނެވެ.
އެމަނިކުފާނު ވިދާޅުވީ، އާޒިމާގެ ދައުވާ އަނބުރާ ގެންދިއުމާ ގުޅިގެން އެމަނިކުފާނު ދެއްކެވި ވާހަކަ އޮޅުވާ ނުލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އާޒިމާއަކީ މުޖްރިމެކޭ އެމަނިކުފާނު ނުދަންނަވާ ކަމަށާ ދައްކަވަނީ ޕްރޮސިކިއުޓަރ ޖެނެރަލް މައްސަލަތައް އަނބުރާ ގެންދިއުމުގައި ނުފޫޒުގައި ޖެހިފައިވާ ވާހަކަ ކަމަށް ކަން ވެސް ޑރ ޖަމީލު ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން އާޒިމާއާ އަދި އެހެން މީހުންގެ ދައުވާތައް ވެސް ކުރީ ސަރުކާރުން ކުރިޔަށް ނުގެންދޭތޯ އައްސަވާ ޑރ ޖަމީލު ވިދާޅުވީ ދައުވާތައް އަނބުރާ ނެގީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް އައިސްގެން ކަން އެއީ ފެންނަން އޮތް ހަގީގަތް ކަމަށެވެ. ހަމައެހެންމެ އާޒިމާއަކީ ރައީސް މުއިއްޒުގެ އާއިލީ ވަކީލުކަން އެންމެންނަށްވެސް އެނގޭ ކަމަށާ އެހެންކަމުން އެމަނިކުފާނު ދައްކަވަނީ އެ ނާޖާއިޒް ނުފޫޒުގެ ވާހަކަ ކަމަށް ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ރައްދުގެ ހޫނު ބަސްތަކުން އަމުނާލާފައިވާ އެ ކުރު ޕޯސްޓު ނިންމަވާލައްވަމުން ޑރ ޖަމީލު ވިދާޅުވެފައިވަނީ ރައީސް ޔާމީނަކީ މައްސޫމެއް ކަން ފެންނަން އޮތްއިރު އެ މައުސޫމުކަން ސަރުކާރުން ގަބޫލުކުރާ ނަމަ އެންމެންގެ ދައުވާތަކަށް އެއް ހަމައަކުން އަމަލު ނުކުރެވެންވީ ކީއްވެތޯ ކަމަށެވެ.
ވާހަކަ އޮޅުވާ ނުލައްވާ. އާޒިމާއަކީ މުޖްރިމެކޭ ނުބުނަން. މިދައްކަނީ ޕްރޮސިކިއުޓަރ މައްސަލަތައް އަނބުރާ ގެންދިއުމުގައި ނުފޫޒުގައި ޖެހިފައިވާ ވާހަކަ.
— Mohamed Jameel Ahmed (@MJameelAhmed) November 27, 2025
އާޒިމާ އަދި އެހެންމީހުންގެ ދައުވާތައް ކުރީ ސަރުކާރުން ކުރިޔަށް ނުގެންދޭތޯ؟ ދައުވާތައް ނެގީ މުއިއްޒު ވެރިކަމަށް އައިސް. އާޒިމާއަކީ… https://t.co/6EYmWFGveO
ބެލެވޭ ގޮތުގައި ޑރ ޖަމީލު އެ ވިދާޅުވީ، ގް ވޮޑެމުލާ މައްސަލައިގައި ރައީސް ޔާމީންގެ މައުސޫމުކަން ކޯޓުން ސާބިތުވެފައިވާއިރު، އެ ހެކިތައް ބޭނުންކޮށްގެން އެމަނިކުފާނުގެ މައްޗަށް އިތުރު މައްސަލައެއް ނުބެލޭނެ ކަމަށް ސުޕްރީމު ކޯޓުން ކުރި ހުކުމާ ޚިލާފަށް އިތުރު މައްސަލަތައް އެއް ހެކިތަކެއް ބޭނުންކޮށްގެން ރައީސް ޔާމީންގެ މައްޗަށް ކުރީ ސަރުކާރުން އުފުލާފައިވުމުން އެމަނިކުފާނުވެސް މައްސަލަ ރިވިއުއަށް މި ސަރުކާރުގައި ހުށަހެޅުމުން އެމަނިކުފާނުގެ މައްސަލަ ކުރިއަށް ގެންދަން ޕީޖީ ނިންމާފައިވާ ވުމަށެވެ. އަދި މިހާރުވެސް އެމަނިކުފާނުގެ މައްޗަށް ކުރިއަށް ގެންދާ އާރަށުގެ މައްސަލައިގައި ރިޝްވަތު ދިން ކަމަށް ދައުވާ އުފުލި އަހުމަދު ކުރިކު ރިޒާގެ މައްސަލަ ރިވިއުއަށް ހުށަހެޅުމުން ަމއްސަލަ ކުރިއަށް ނުގޮސް ދިގުލާތީ ކަމަށްވެސް ބުނެ މި ސަރުކާރުން ވަނީ ކުރިކުގެ މައްސަލަވެސް އަނބުރާ ގެންގޮސްފައެވެ.
އެހެންކަމުން އެއް ހަމައަކުން އެއް އުސޫލަކުން ކަންކޮށް ވަކި މީހަކަށް ވަކި ގޮތެއް ނުވަތަ ސެލެކްޓިވް ޖަސްޓިސެއް ކުރިއަށް ނުގެންދާނަމަ އެފަދައިން ކަންވާން ޖެހޭ ގޮތެއް ސަބަބުވެރި އިންސާނާގެ ސިކުނޑިއަށް ނުވިސްނޭ ކަމަށް ގިނަ ބަޔަކު ބުނަމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ.