އެމްއެމްޕީއާރްސީ މައްސަލައިގައި މަނީ ލޯންޑަރިން ކުރިކަމުގެ ތުހުމަތު ކުރެވޭ ކުރީގެ ބަންޑާރަ ނައިބުގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންގޮސްފިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް އައީ އެމްއެމްޕީއާރްސީ މައްސަލަ ވެސް އިންސާފުވެރިކަމާއެކު ބަލާނެކަމުގެ ވައުދާއެކުގައެވެ. އެކަމުގައި ޝާމިލުވި ހުރިހާ އެންމެނަށް ހައްގު އަދަބު ދެއްވާނެކަމަށާއި ކުރީ ސަރުކާރުން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ އެކަނި ބެއްލެވީ ބޭއިންސާފުންކަމަށް ވިދާޅުވެއެވެ.
އެހެންނަމަވެސް މިއަދު އެމަނިކުފާނު ވަނީ ވައުދުފުޅާ ހިލާފުވެ އާޒިމާގެ މައްޗަށް ކުރާ ދައުވާ އަނބުރާ ގެންދިޔުމަށް ޕްރޮސެކިޔުޓަ ޖެނެރަލްގެ އޮފީހަށް އަމުރު ކުރައްވާފައެވެ.
އާޒިމާގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާތައް ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ ފެބްރުއަރީ 17، 2019 ގަ އެވެ.
ޕީޖީން ބުނީ އާޒިމާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދަން ނިންމީ އެ ދައުވާތައް މުރާޖައާ ކޮށްދިނުމަށް އޭނާގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިޔާޔަތް ކުރުމަށްފަހު ކަމަށެވެ.
އާޒިމާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިން ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރިކަން ވެސް ޕީޖީން ފާހަގަކުރި އެވެ.
އާޒިމާއަކީ މުހައްމަދު މުއިއްޒުއާ ގާތް ގުޅުމެއް އޮތް މީހެކެވެ. އޭނާ ވަނީ މިދިޔަ ޖެނުއަރީ މަހު ބޭއްވި މޭޔަރު ކަމުގެ ބައި-އިލެކްޝަންގައި ޕީއެންސީ ޓިކެޓުގައި ވާދަކޮށްފައެވެ.
ރައީސް މުއިއްޒުގެ އާއިލީ ކަންކަމުގައި ލީގަލް އެޑްވައިޒަރެއްގެ ގޮތުގައި އާޒިމާ ހަރަކާތްތެރިވާކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.