ދިވެހި ސަރުކާރުގެ އިސް ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ ރައްޔިތުންނަށް ސޯޝަލް މީޑިއާގައި ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރީ ސަރުކާރުގެ ތެރެއިން އެކަމަށް ހިތްވަރު ދީގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ތުހުމަތުކުރައްވައިފިއެވެ.
ޑރ. ޖަމީލު މިފަދަ ތުހުމަތެއް ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޯދީއަށް ފުރައްސާރަކޮށް ކުޑައިމީސް ބަސްތަކެއް ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށް މަރިޔަމް ޝިއުނާ، މަލްޝާ ޝަރީފު އަދި އަބްދުﷲ މަހްޒޫމު ވަނީ އެކްސްގައި ރައްދުކޮށްފައިވެއެވެ. މިކަމާ ގުޅިގެން އިންޑިއާ-ރާއްޖޭގެ ގުޅުން އިހުނަށް ވުރެެވެސް ހީނަރުވެގެން ދިޔައެވެ. އަދި އިންޑިއާ ފަތުރުވެރިން ރާއްޖެ އައުން މަދުވެގެން ވެސް ދިޔައެވެ.
ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ތިން ޑެޕިއުޓީންގެ އަމަލުން އިންޑިއާގެ ފަތުރުވެރިން ރާއްޖެ އައުން މަދުވެގެން ދިޔަކަމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި އެއީ ސަރުކާރުގެ ސްޓެންޑް ނޫންކަމަށް ތަކުރާރުކުރައްވާ ޒަމީރު ވިދާޅުވީ ތިން ޑެޕިއުޓީއިންނާ މެދުވެސް ވާނީ އެކަމަށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާފައި ކަމަށެވެ.
Maldives’ government is attempting to mislead #India by claiming that derogatory remarks from its deputy ministers won't be tolerated. All evidence suggests that this was orchestrated at the highest level, as no meaningful actions were taken against these abhorrent acts.… https://t.co/hHPp7SHOTR pic.twitter.com/Hmpq6R5Xa6
— Mohamed Jameel Ahmed (@MJameelAhmed) May 11, 2024
ނަމަވެސް ތިން ބޭފުޅުންވެސް ތިއްބެވީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަންގައި ކަމަށްވާއިރު މިއި ޑިޕްލޮމެޓިކު އުސޫލަށް ބަލާއިރު ކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށް ކާރިޖީ ދާއިރާގެ ތަޖުރިބާކާރުން ހާމަކުރެއެވެ. އެގޮތުން އެ ތިން ބޭފުޅުންވެސް މަގާމުން ވަކިކުރަން ޖެހޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
މިކަމަށް އިޝާރާތްކުރައްވާ ޑރ. ޖަމީލު ވިދާޅުވީ، ދިވެހި ސަރުކާރުން ގެންދަނީ އެކަމުގައި އިންޑިއާއަށް ބޮޑު އޮޅުވާލުމެއް އޮޅުވާލަމުން ކަމަށާ އެގޮތުން ތިން ބޭފުޅުންނަށް މުސާރަ ހިނގާ ގޮތަށް ސަސްޕެންޝަންގައި ތިބުމަކީ ފިޔަވަޅު އެލުން ކަމަށް ބަލައި ނުގަނެވޭނެ ކަމަށެވެ.
ޑރ. ޖަމީލު އިތުރަށް ވިދާޅުވީ އެކަންކަމުން ހާމަވެގެން ދަނީ އެ ތިން ބޭފުޅުންވެސް އެކަން އެގޮތަށް ކުރީ ސަރުކާރުން ހިތްވަރު ދީގެން ކަމަށާ ސަރުކާރުގެ ތެރެއިން އެކަމުގެ ދިފާއުގައި ބަޔާންތައް ނެރުއްވި ބޭފުޅުންނާ ޓްވީޓުކުރެއްވި ބޭފުޅުންގެ ސްޓޭޓުމަންޓުތަކުން އެކަން ނިކަން ރަގަޅަށް ހާމަވާ ކަމަށެވެ.