ކުރީ ސަރުކާރުން ޑޮމެއިން ވިއްކުން ހުއްޓާލާފައި އޮއްވާ ކުރިއަށްވުރެ ބޮޑު އަގުގައި ޑޮމެއިން ވިއްކުމަށް ތައްޔާރުވަމުންދާކަމަށް މި ސަރުކާރުން ބުނެފިއެވެ.
ކުރީ ސަރުކާރުން ޑޮމެއިން ވިއްކުން ހުއްޓާލީ ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ޑޮމެއިން ވިއްކުމުގެ ކަންކަން ކުރިއަށްގެންދާތީއެވެ.
އެހެން އެކަން އޮއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ މައްސަލައިގައި މިހާރު ގޮތްތަކެއް ނިންމާފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓަރު ކެޕްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ބޭރުގެ ބައެއް ޤައުމުތަކުގައި މިހާރުވެސް ޑޮމެއިން ނަންބަރުތައް ވިއްކަމުންދަނީ ވަރަށް އަގުބޮޑުކޮށްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީގެ ވިސްނުން ވެސް މިވަގުތު ހުރީ އެގޮތަށް ކަމަށެވެ. އެއީ ސަރުކާރަށް ވެސް އާމްދަނީ ލިބޭނެ ގޮތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓްރީއާ ޙަވާލުވެވަޑައިގެންނެވިއިރު ވެސް 200 ވަރަކަށް ޑޮމެއިންގެ ޚިދުމަތަށް އެދިފައި އޮތްކަން ފާހަަގަ ކުރައްވައި އަމީން ވަނީ ސައްޙަ ގޮތުގައި ހުރި ޑޮމެއިން ނަގާފައިވާ މީހުންނަށް އެ ޚިދުމަތް ލިބެންޖެހޭކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުން މިކަން މިގޮތަށް ކުރަން ނިންމާފައި ވާއިރު އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުން ކުރުމުގެ ޤަވާއިދުގެ 6 ވަނަ މާއްދާއާ 7 މާއްދާގައި ބަޔާންކުރާ ކޮމިޓީތައް މިނިސްޓްރީން އެކުލަވާލާފައިނުވާތީ އާ ޑޮމެއިން ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭގޮތަށް ޑޮމެއިން ވިއްކުމުގެ ކަންކަން ގެންދާކަން ފާހަގަވާކަމަށް ބަޔާންކޮށް ނިމިދިޔަ ސަރުކާރުގައި ވަނީ އެކަން ހުއްޓުވާފައެވެ.