20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އޮފިޝަލުން ތަމްރީނު ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ 90 ޓްރޭނަރުން ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ ޓްރެއިނަރުންގެ ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީއޯޓީ) ޕްރޮގްރާމް މާލޭގައި އޮންނާނީ ފެބްރުއަރީ 16 އިން 23 އަށް ކަމަށާއި އެ ޓްރެއިނަރުންގެ ޓީއޯޓީގެ އެންމެހައި ޚަރަދުތައް ހަމަޖައްސާނީ އީސީން ކަމަށެވެ.
އޭގެއިތުރުން އަތޮޅުތެރޭގައި އޮފިޝަލުން ޓްރޭން ކުރާނީ ފެބުރުއަރީ 24 އިން މާރިޗު 5 އަށް އަދި މާލޭގައި ފެބުރުއަރީ 24 އިން މާރިޗު 9 އަށް ކަމަށް ޙަބީބު ވިދާޅުވިއެވެ.
ޓްރޭނަރުންގެ އެލަވަންސް:
މާލޭގައިނަމަ ކޮންމެ ދުވަހަކަށް 800 ރުފިޔާ.
އަތޮޅުތަކުގައިނަމަ ކޮންމެ ދުވަހަކަށް 1000 ރުފިޔާ.
އޮފިޝަލް ޓްރެއިނިންގ ދީ ނިމުމުން ޓްރޭނަރަކަށް 1400 ރުފިޔާ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އީސީއަށް "ޓްރެއިނަރުންގެ އެޕްލިކޭޝަން ފޯމް" ހުށަހެޅުމަށް ޙަބީބު ވަނީ އެދިވަޑައިގެންފައެވެ.
ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި އުނގަންނައި ދިނުމުގެ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދޭނެކަމަށްވެސް ހަބީބް ވަނީ ފާހަގަކުރައްވާފައެވެ.