ވެރިކަމަކީ ނިކަން ފާދެއްގެ އެއްޗެކޭ ކިޔާތި އަޑު ނިކަން ކުޑަ އިރުއްސުރެއް އަޑު އަހަމުއެވެ. އެއީ ބައްޔެއްގެ ގޮތުގައި ވެސް ބައެއް މީހުން ސިފަކުރެއެވެ. އެ ބަލި ޖެހިއްޖެ ނަމަ ދެން އެބަލިން ފަސޭހަވާން އުނދަގޫ ވާ ވާހަކަވެސް އަޑު އަހަމުއެވެ.
ކަން މިހެން ހުރިއިރު ވެރިކަމުގެ އިއްޒަތާ ލަގަބަކީ މިހުރިހާ ކަމެއްގެ އަސްލެވެ. އެގޮތުން ވެރިކަމަކީ ރައްޔިތުންގެ ފައިސާއިން ތިމާ އައްޔާޝީކޮށް އައްޔާރުން ގޮވައިގެން ކަރަކަރައިން ދުވުން ކަމަށް ބައެއް ވެރިންނަށް ހީވެފައި އޮތް އިރު އަނެއް ބައިވެރިންނަށް އެއީ ރައްޔިތުން ހަވާލުކުރި އަމާނާތެއް ކަމަށް ގަބޫލުކުރެވި ވެރިކަމާ ފައިސާވެސް ހަރަދު ކުރެއްވީ އެ ރައްޔިތުންގެ ހައްގުގައެވެ.
2018 އިން 2023 އަށް ދިވެހިންގެ ވެރިކަމުގައި ރެދަނަލި ކުރީ ފައިސާއާ މަގާމާ ލައްޒަތަށް ނިކަން އަރާ ތިބި އާއިލާއެއްގެ ޅީ ދަރިއެކެވެ. ފައިބައިގެން ދިޔައިރު އަހަރުމެންގެ ބައިތުލް މާލު އޮތީ ދޮވެ ހިއްކަން އަޅާފައެވެ.
ކަން މިހެން ހުރިއިރު ދަރަނި ހުރީ އަރާ ނޭފަތުކުރީގައެވެ. ނުވިހާ ކުއްޖާގެ ފޫޅަށް ދާންދެން އޮތީ މޯގޭޖުކޮށް ދަރަނީގައެވެ.
ވެރިކަން ފުރޮޅި ހުސްގޮނޑިއެއްގެ އެހީގައި ވެރިކަމަށް އައި ވެރިން އޭރު ބުނަމުން ދިޔައީ ރާއްޖެ ފެލާލައިފި ކަމަށެވެ. ނޭވާ ހޮޅިން ވައްކަން ކުރި ވާހަކައެވެ. ތިމަން މެންގެ ވެރިކަމުގައި އެ ހުރިހާ ކަންކަން ބަލާ ފިޔަވަޅު އަޅާނެ ވާހަކައާ ދަރަނި އަރަންޏަށް ހަދާ ދިވެހީންގެ ރާއްޖޭގައި ދިވެހީންނަށް އުފާވެރިކަން ގެނެސްދޭނެ ވައުދުވިއެވެ.
ވެރިކަންވެސް ލިބި 6 މަސް ފާއިތުވެއްޖެއެވެ. ދިވެހީންނަށް ވީކަމަކީ ކޮބައިތޯ ބަލާލަން ޖެހެއެވެ. ތަކެތީގެ އަގު ހުރީ ހުރި ވަރަށެވެ. ތިރިއެއް ނުވެއެވެ. ހިދުމަތްތަކުގެ އަގު ދިޔައި އުފުލިގެންނެވެ. ކަރަންޓާ ފެން ބިލުތަކުން ކުރީ ވައްކަމެވެ. ރައްޔިތުންނަށް އެކަން ފަޅާ އެރުމުން ޗުކީ ކިޔައި ޑިސްކައުންޓު ދިނަވެސް މެއެވެ.
އިންޑިއާ މިލިޓަރީ ބޭރުކުރާނެ ކަމަށް ބުނެ ބޭލީ އެމީހުންގެ ޔުނިފޯމު އެކަންޏެވެ. އުޒުރަކަށް ދެއްކީ ދިވެހި އަސްކަރިއްޔާއަކީ ނާގާބިލުބައެއްގެ ގޮތުގައެވެ. އެމްޑީޕީއެކޭ ތަފާތެއް ނެތެވެ. ހާހުން ތިބި ކަމަށް ބުނި ސިފައިންގެ އަދަދު ވެރިކަން ލިބުމާއެކު 70 އަށް ތިރިވިއެވެ.
މަސްވެރިން ކިރާ މަހަށް ޑޮލަރުން ފައިސާ ދޭން ވީ ވައުދު އޮތްތާ އޮތްއިރު މަސްވެރިންނަށް ދިވެހި ފައިސާއިންވެސް އުޅެނީ ފައިސާ ނުދެވިގެންނެވެ. މިކަންކަން އޮޅުވާލަން ރައީސް މުއިއްޒުގެ މަދަދު ގާރަކީ ވަޒީރު އަހުމަދު ޝިޔާމެވެ. ރައީސް މިހާ ފައިސާ ދޭން ވީމާ މި ބުނަނީ ފައިސާ ނެތްކަން މަސްވެރިންވެސް ގަބޫލުކުރާށޭއެވެ. އަޖާއިބެއް ފަހެ ބަޔަކު ނުވާނެތޯއެވެ. ފައިސާ ނެތުމުން ފައިސާ ހޯދަން އުފެއްދުންތެރިކަން އިތުރުކުރުމަކީ ވެރިމީހާގެ ޒިންމާއެކެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ނިމިދިޔަ ސަރުކާރުން ބެހި ގޯތިތަކުގެ ލިސްޓަށް ބަދަލު ނުގެނެސް އޭގެ ވެރިންނަށް އަމާނާތްތެރިކަމާ އެކު ރައްދު ކުރާނެނކަމުގެ ވައުދާއެކު އައިސް 3 މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލުކުރަން މަޖިލީހުން ގެނައި އިސްލާހުވެސް ތަސްދީގުނުކޮށް ބޮލާލާ ޖެހީއެވެ. އިން ކަނޑަ ނޭޅޭ ތަނެއްގައި ރަޖިސްޓްރީ ދޫނުކުރެވޭނެ ކަމަށް ބުނެ ހައުސިން މިނިސްޓަރު ލައްވާ މިކަންވެސް އޮއްބާލީއެވެ. ހެދި ކޮމިޓީ ވީ ހިސާބެއް ވެސް ނޭނގެއެވެ.
ދައުލަތަށް ބޭނުންވާ ވަރަށް ފައިސާ ވަންނަ ކަމަށް ވެސް ބުންޏެވެ. ލޯނުތައް ދައްކަން ބޭނުންވާ ފައިސާވެސް ލިބެމުންދާ ކަމަށް ބުނޏްނެވެ. ނަމަވެސް އާޚިރުގައި ކަން ވީ ކިހިނަކުންކަން ރައްޔިތުންނަށް ނިކަން ސާފުކޮށް ފެނިގެން ދިޔައެވެ. ސަލާމުގެ ނާށިގަނޑާއެކު އިންޑިއާ ކައިރިން ރޮއި އާދޭސްކޮށްގެން ލޯނު ދެއްކުމުގެ މުއްދަތު ފަސްކުރަން އެދުނީއެވެ. މިއީ އެބުނާ ގާބިލު ވެރިމީހާގެ ހާލަތެވެ.
ސިޔާސީ މަގާމުތައް ނޫން އެހެން ހުރިހާ މަގާމުތަކުގައި ތިބި ރައްޔިތުންގެ ވަޒީފާގެ ކަށަވަރުކަން އޮންނާނެކަމަށް ވިދާޅޫވެ ވަޑައިގެން އެތައް ބަޔަކު ވަޒީފާއިން ވަކިކޮށް ނުފޫޒުން އެތައް ބަޔަކު އެކި ކުންފުންނިތަކުގެ އެކި އެކި ވަޒީފާތަކަށް ވައްދަން ވެސް ވެއްދީއެވެ. ކުރިން ބުނި އެތި ކެންސަލްވީޔޯލައެވެ.
ތަރައްގީގެ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށްވައުދުވެވަޑައިގެން ވެރިކަމަށް އައުމަށްފަހު ފައިސާ ނެތް ކަމަށް ބުނެ ބައެއް ޕްރޮޖެކުޓުތައް މަޑު ަޖއްސާލާ ރީޝެޑިއުލްވެސް ކުރިއެވެ. ބަހާ އަމަލާ ދިމާ ނުވީތާއެވެ.
ހާމަކުރަން ބުނި އެގްރިމަންޓުތައް އަދިވެސް ވަތު ބަތާނައިގައެވެ. މިހާރު އެކަން ޖާޟިނުކުރަނީ މަޖިލީހާއެވެ. މިއީ ވެރިކަމަށް ހަމަސްފާއިތުވިއިރު ދައުލަތުގެ ހާލަތެވެ. ބަނޑަށް 4 މަސް ވާއިރު، ދަރިފުޅު ނުތޮޅެންޏާ ޑޮކްޓަރަށް ގޮސްގެން އެކުއްޖާގެ ހާލު ރަނގަޅުތޯ ނޫންތޯ ބަލާނެއެވެ!
ވެރިކަމަށް 6 މަސް ވީއިރުވައި ، ވީ ކަމެއް އަދި ނުވާ ކަމަކީ ކޮބާ ކަން ދެނެހުރި މަޚުލޫގެއް ނެތް އިރު މިކަން ކަން ބަލަން ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ބޭނުން ހިފުމުން އެ ގާނޫނަށްވެސް ރައީސް އޮފީހުން ބޯ ނުލަނބައެވެ. އެހެންކަމުން މިއީ ނިކަން ޖައްބާރު ވެރިއަކު ކުރަމުން ގެންދާ ވެރިކަމެކޭ ބުނެވިދާނެއެވެ.