ރާއްޖޭގައި ހިދުމަތް ދިނުމުގައި ތަފާތު އެކި ދާއިރާތައް ހުރިއިރު ޓެކްސީ ރޭޓު ކޮންޓްރޯލުކޮށް ފޯރުވަމުން ގެންދާ ނުފޫޒު ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ޓެކްސީ ޑްރައިވަރުން ހާމަކޮށްފިއެވެ.
ޓެކްސީގެ އަގުތައް ކޮންޓްރޯލުކޮށް އެއަށް ވުރެ ބޮޑު އަގުގައި ޓެކްސީ ނުދުއްވޭނެ ކަމަށް ނިމި ދިޔަ ހަފްތާގެ ތެރޭގައި ޓްރާންސް ޕޯޓު މިނިސްޓްރީއިން ކަނޑައެޅުމުން އެކަމާ ޓެކްސީ ޑްރައިވަރުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
އެގޮތުން އެ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހިއްސާކޮށް ޗެނަލް13އަށް ދިން އިންޓަރވިއުއެއްގައި ޑްރައިވަރަކު ބުނެފައިވާ ގޮތުގައި ހިދުމަތް ފޯރުކޮށްދޭ ގިނަ ދާއިރާތައް ހުރިއިރު ފެންނަމުން ދަނީ ކޮންމެ ސަރުކާރަކުންވެސް ހަމައެކަނި ޑްރައިވަރުންނަށް ބާރު ފޯރުވަން މސައްކަތްކުރާ މަންޒަރު ަކަމށެވެ.
އެގޮތުން ކޮންސްޓްރަކްޝަން ދާއިރާއަކީ ވެސް ހަމައެއް ލަމައެއް ނެތި ރައްޔިތުން އަތުން ހިދުމަތަށް އަގު ނަގާ ބަޔަކަށްވާއިރު ވިޔަފާރި ވެރިންގެ ތެރޭގައި ހިމެނޭ އާންމު ވިޔަފާރިވެރިންވެސް އެއްޗެއްހި ހިތު ހުރި އަގަކަށް ވިއްކަމުން ގެންދެއެވެ. ނަމަވެސް ދުވަހަކުވެސް އެ ތަކެތީގެ އަގު ކޮންޓްރޯލުކޮށް މިވެނި އެވެނި އަގެއްގައި ވިއްކަން ނާންގާ ކަމަށާ އެހެންކަމުން ޒަމާނުއްސުރެ މިއޮތް ސަގާފަތް ބަދަލުކުރަން ޖެހޭ ކަމަށް އެ ޑްރައިވަރު ވަނީ ހާމަކޮށްފައެވެ.
އަަބަދުވެސް މި ފެންނަނީ ފުށާ ހަކުރާ ހަނޑޫލާ އަދި ޓެކްސީ ރޭޓު ކޮންޓްރޯލުކުރާ މަންޒަރު. މިއީ ނިމުމަކަށް ގެންނަން ޖެހޭ ކަމެއް. މާލެ ސަރަހައްދުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ރެންޓު. އެ މައްސަލައަށް ކީއްވެތޯ ސަރުކާރުން ނުވަންނަނީ؟
ބައެއް ޑްރައިވަރުން ބުނެފައިވަނީ ޓެކްސީތަކަކީ ބޭންކުން ލޯނު ނަގައިގެން ގަނެފައިވާ ޓެކްސީތަކަށްވާއިރު އަގުތައް ކޮންޓްރޯލް ކުރުމުން ޑްރައިވަރުންނަށް ލިބޭ އާމްދަނީ ދެކޮޅު ނުޖެހޭނެ ކަމަށެވެ.
މި ވަގުތު ހުރިހާ ޑްރައިވަރުންގެ ފަރާތުން އެދޭ އެންމެ ބޮޑު އެދުމަކީ ޓެކްސީގެ އަގުތައް ކޮންޓްރޯލް ކުރުމުގެ ކުރިން އަސާސީ ހައްގުތަކާއި ގުޅުންހުރި އެހެން އަގުތައް ކޮންޓްރޯލް ކުރުމަށްފަހު ޓްކްސީގެ އަގުތައް ކޮންޓްރޯން ކުރުމެވެ.