ޗައިނީޒް އައު އަހަރަކީ ބަރަކާތްތެރި މަހެއް ކަމަށް ރާއްޖޭގެ ޓުއަރިޒަމް ކުރިއެރުވުމަށް އުފައްދާފައިވާ ކުންފުނި މޯލްޑީވްސް މާކެޓިން އެންޑް ޕަބްލިކު ރިލޭޝަންސް ކޯަރޭޝަންސް އެމްއެމްޕީއާރުސީއިން ބުނެފިއެވެ.
އެމްއެމްޕީއާރުސީއިން މިފަދައިން ހާމަކޮށްފައިވަނީ ޗައިނާއިން ފާހަގަކުރާ “އިޔަރ އޮފް ދަ ޑްރެގަން“ އަށް މަރުހަބާ ކިޔުމުގެ ގޮތުން އެ މުވައްސަސާގެ ވެބްސައިޓުގައި އާންމުކުރި ލިޔުމެއްގައެވެ.
އެގޮތުން ލިޔުމުގައި ބުނެފައިވަނީ އިޔަރ އޮފް ދަ ޑްރެގަން މި ހަރަކާތަކީ “އޮސްޕިޝަސް“ ހަރަކާތެއް ކަމަށެވެ. ޖަނަވަރީ 8 ވަނަ ދުވަހު އާންމުކޮށް ޝާއިއުކުރި މި ލިޔުމުގައި ވަނީ ޗައިނާ މީހުން މުޅި އަހަރަށް އެމީހުންގެ ދުލަ ހެޔޮ ކަމަށާ އަދި ދިރިއުޅުން ފާގަތިކުރުމަށް އެދޭ އެދުމުގެ މައްޗަށާ އަދި ނަސީބު ރަގަޅުކުރުމަށް ޑްރެގަންއެއްގެ ފަރާތުން ހޯދާ ބާރުވެރިކަމެއް ފެންނަ ފަދަ ހަރަކާތްތަކަށް ރާއްޖޭގެ ސިއްރު ފެންފުށީގައި ފާހަގަކުރުމަށް ދައުވަތު އަރުވާ ކަމަށެވެ. މި ލިޔުމުގައި ޗައިނާ މީހުން ޝިރުކުގެ އަމަލެއްގެ ތެރެއިން ފާހަގަކުރާ އެ ހަފްލާއަކީ ބަރަކާތްތެރި ކަމެއްގެ ގޮތުގައި ދޭހަވާ ފަދަ އިބާރާތެއް ބޭނުންކޮށްފައިވުމުން ދިވެހިން ދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން އިނގިރޭސި ބަހުން ލިޔެ އާންމުކުރި އެ ލިޔުމުގައި ޗައިނީޒު އައު އަހަރަކީ "އޮސްޕިޝަސް" އަހަރެއް ކަމަށް ބުނެފައިވާއިރު "އައުސްޕިޝަސް" މި ލަފްޒު އިނގިރޭސި ބަހުގައި ބޭނުންކުރަނީ އެއީ ބަރަކާތްތެރި ކަމެއްކަން އެންގުމުގެ ގޮތުންނެވެ.
އެހެންކަމުން އިސްލާމް ދީނު ފިޔަވައި އެހެން ދިނެއްގެ ނުވަތަ ސަގާފަތެއްގެ ކަމަކީ ބަރަކާތްތެރި ކަމެއްގެ ގޮތުގައި ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ މުއައްސަސާއަކުން އިޝްތިހާރުކުރުމަކީ ސައްތަ އިސްލާމީ ގައުމެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ގިނަބަޔަކު ގެންދަނީ ބުނަމުންނެވެ.
މިކަން މިހެން ދިމާވެފައިވީ ނަމަވެސް މިކަމާ ގުޅިގެން ރާއްޖޭގެ އެއްވެސް އިލްުމުވެރިއަކު އަދި އިލްމީ ޖަމްއިއްޔާއަކުވެސް ބަހެއް ބުނެފައިނުވެއެވެ.
މިކަމާ ގުޅިގެން އެމްއެމްޕީޢާރުސީގެ ބަހެއް ހޯދާލުަމށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ފާތިމަތު ތައުފީގަށް ގުޅާ އަދި މެސެޖުކުރުމުންވެސް ޖަވާބެއް ދެއްވާފައިނުވެއެވެ.
ޗައިނާގެ އައު އަހަރު ފެށެނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހެވެ. އައު އަހަރު ފާހަގަކުރުމުގެ ގޮތުން މިފަހަރު ޗައިނާ ރުއްސުމަށް ބުދިޒަމް އާއި ގުޅޭ ގިނަ ހަރަކާތްތައް ރިސޯޓްތަކުގައި ކުރިއަށް ގެންދިޔުމަށް ޓުއަރިޒަމް މިނިސްޓްރީއިން އަންގާފައިވާ ކަމަށް ވެސް ވަނީ ބައެއް ފަރާތްތަކުން ހާމަކޮށްފައެވެ.
ޗައިނާގެ ފަތުރުވެރިން ރުއްސުމަށް މިފަދަ ދީނާ ހިލާފު ކަންކަން ކުރަމުން މިގެންދަނީ ޗައިނާއިން މި ސަރުކާރަށް ބޮޑެތި އަދަދުތަކުން ލޯނާ އަދި އެހީތެރިކަން ދޭން ނިންމާފައިވާތީ ކަމަށް ބުނެވެސް ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެއެވެ.