ދިވެހިރާއްޖެ އަކީ ގުދުރަތީ ރީތި ކަމުގެ ލާމަސީލު މިސާލެކެވެ. ދިވެހިންނަކީ އެއް ބަހަކުން ވާކަހަދައްކާ އެއް ދީނަކަށް އުޅޭ ބައެކެވެ. ދިވެހިންނަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމުގެ ނިއުމަތުގެ ވެރި ﷲ ސުބުހާނަހޫ ވަތާއާލާއަށް ދިވެހިން ހަމްދާ ޝުކުރު ކުރަނީ މާތްވެގެންވާ އިސްލާމް ދީނުގެ އަސާސްތަކުގެ މަތީގައި ދެމި ތިބެގެންނެވެ.
މިސާލު ނަގަނީ މި އުއްމަތުގެ ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވައްސަލަމަގެ ސުންނަތުން ނުވަތަ އެކަލޭގެފާނު އުޅުއްވި ރިވެތި ގޮތުންނެވެ. ރާއްޖެ އަކީ އިސްލާމީ ދިގު ތާރީޚެއް އޮތް ގައުމެކެވެ. އިސްލާމީ ތާރީޚު ދެމެހެއްޓުމަށް ފުރާނައިން ގުރުބާންވި ކާބަފައިންނާއި އަބްތާލުންނަކީ ގައުމުގެ ފަޚުރެވެ.
ހިތި ތަޖުރިބާތަކުގެ ހަނދާންތައް ގުޅިފައިވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްލާމް ދީނަށް ދިވެހިން އުޅުމުގެ ހައްގު ނިގުޅައިގަތުމަށެވެ. ދިވެހިންގެ ތެރެއިން މަދުން ނަމަވެސް ބަޔަކު ގައުމާއި ދީނަށް ޣައްދާރުވެ ކުލީ މީހުން ރަށުތެރެއަށް އަރުވައިގެން ހަނދުވަރު ކުރަފި ހެދިގެން ރައްޔިތުން ނޮޅާލި ހަނދާންތައް ވެސް ގުޅިފައިވަނީ އެހެން ގޮތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށެވެ.
ނަމަވެސް ﷲ ސުބުހާނަހޫ ވަތަޢާލާ އަބަދުވެސް އެކަލާނގެ ދީނަށް ނަސްރު ދެއްވައެވެ. އެގޮތުން ދިވެހިރާއްޖޭގައިވެސް އެފަދައިން ދީނަށް ގޮން ޖަހާ ނުކުންނަ ކޮންމެ ވެރިއެއްގެ ނިމުން ނިކަން ހިތި ގޮތަކަށް ވަނީ ނިމިގެން ގޮސްފައެވެ. މިއި ތާރީޚު ހެކިދީފައި ހުރި ކަންކަމެވެ.
ޒަމާން ގަޑަކަށް ފަހު ފަހު ތާރީޚެއްގައި ދިވެހިންގެ ވެރިކަމުގެ ތެރެއިން ދީނާ ތޮޅެން ނުވަތަ ގޮން ޖަހަން ދިމާކުރީ މޯލްޑިވިއަން ޑިމޮކްރެޓިކު ޕާޓީ (އެމްޑީޕީ) މި ގައުމުގައި ވެރިކަން ކުރި ދެ ފަހަރުއެވެ. މިއީ ބަދަލު ނުވާނެ ހަގީގަތެވެ.
އެގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ 30 އަހަރުގެ ވެރިކަމުގެ ފަހު 10 ގައި ދީނީ މިނިވަންކަމަށް ވަކާލާތު ކުރަމުންދިޔައީ ކެރަފާ އަބްދުއް ސައްތާރުގެ ދަރިކަލުން ގ.ކެނެރީގެ މުހައްމަދު ނަޝީދެވެ. އޭނާގެ އަވައިގައި ބަޔަކު ޖެހި އިލެކްޝަންސް ކޮމިޝަންގެ ތެރެއިންވެސް ކުޑަ ޖާގައެއް ހަދައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި މަނިކުފާނަކަށް ވެ ވަޑައިގަތެވެ. އިއްޒަތްތެރިއަކަށްވެސް ވެވަޑައިގަތެވެ. އެއީ ރައީސް އަކަށް ވީމާ ބަހުގެ ހަމަތަކާއި ދަރަޖަ ގެންގުޅެންވާ ގޮތްތަކެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އިސްލާމް ދީނުގެ ނަޓު ދޫކޮށްލާ ވަސަރު ގަނޑުވެސް ދަމައިގަތެވެ. މުލިއާގެއިންވެސް ތުން ދިގު ފުޅި ރޭގަނޑު ބޯލަން ލިބެއެވެ. އޭގެ ބައިވެރިން މިހާރު މިއޮތް ސަރުކާރުގައިވެސް އެބަ ތިއްބެވެ.
ކޮންމެ އަކަސް ދިވެހިންނަށް އެ ރާއްޖެ ކަމު ނުގޮސްގެން މަދަނީ ބަސް ނޭހުމަކަށް ދިޔައެވެ. ނަތީޖާއަކަށްވީ 2012 ވަނަ އަހަރު ނަޝީދުއަށް ކެތްނުކުރެވިގެން އިސްތިއުފާ ދެއްވާ މަށަކަށް ދެން ނުވާނެއޭ ބުނެ ދުވެ ފިލުމެވެ. މޮޔައެއްގެ އަތަށް ކަނޑިއެއް ދިނީމާ ވީ ގޮތެވެ. އެހާ ހިސާބުން ފަސް އަހަރެއްގެ މެދު ކެނޑުމެއް އެމްޑީޕީގެ ލާދިނީ ސިޔާސަތުތަކަށް އައެވެ.
އޭގެ ފަހުން 2018 ވަނަ އަހަރު އަނެއްކާވެސް އިލެކްޝަން ކޮމިޝަންގެ އޭރުގެ ރައީސް އިންޑިއާއެކުވެގެން ހުޅުވާލަދިން ކުޑަ ދޮރަކުން އެމްޑީޕީއިން ދިވެހިންގެ ތަޚުތަށް ރެނދަލިވިއެވެ. މި ފަހަރު މި ތަހުތަށް ވެޑުވީ ރާއްޖެއަށް ޚިޔާނާތްތެރިވެ 19 ދިވެހިންގެ ލޭ އެމީހެއްގެ އަތުގައި ހޭކިފައި ހުރި ނިރުބަވެރިޔާ ސިއްކަ އަހުމަދު އިސްމާޢިލް މަނިކުގެ ޅީ ދަރި އިބްރާހިމު މުހައްމަދު ސޯލިހުއެވެ. މަޖިލިސް ވެސް ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބުނެވެ. ޖުޑީޝީއަރީގައިވެސް އެމްޑީޕީގެ މޫތައް ހަރުލެއްވިއެވެ. މުޅި ގައުމު ހިތަކަށް އެމްޑީޕީއަށް ލިބުނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އެއްކަލަ ވަޅު ޖެހިފައި އޮތް ލާދީނީ ސިޔާސަތު މަޑު މަޑުން ހޭލެއްވުމެވެ. އިސްލާމްދީނަށް ހަޖޫ ޖަހާ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްއަށް ފުރައްސާރަކޮށް ރިޕޯޓުތައް ނެރެ ޝާއިއުކޮށް އާންމުކުރިއެވެ.
މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކު (އެމްޑީއެން) ކިޔާ ލާދީނިއްޔާ ޖަމްއިއްޔާއަކުން އެކަންކަން ނުހަނު ފޯރީގައި މިނިވަންކަމާ އެކު ކުރަމުން ދިޔައެވެ. އެހެނީ އޭގެ ވެރިން ތިބީ އޭރު ދައުލަތުގެ މަތި ފަޑީގައި ކަމަށްވުމުންނެވެ.
މި ވާހަކަތައް އެންމެ ބާރަށް އޭރު ދެއްކެވީ މިހާރު ވެރިކަމުގައި މިތިއްބެވި ޕީޕީއެމް ވިއްކައިގެން އައި ޕީއެންސީ ސަރުކާރުގެ ވެރިންނެވެ. މިކަމާ ދެވަސް ވެވޭކަށް ނޯންނާނެއެވެ. ހެކި އެބަ ހުއްޓެވެ.
އެގޮތުން އޭރު ރައީސް އަބްދުﷲ ޔާމީނަށް ނުހައްގުން ހުކުމްކުރަމުން ދިޔައީ ވެސް އެމަނިކުފާނަކީ މި ގައުމުގައި އިސްލާމްދީން ނޫން އެހެން ދީނެއް ނޯންނާނެ ކަމަށް ވިދާޅުވި ހަަމައެކަނި ވެރިޔާ ކަމަށް ވުމުން އިންޑިއާގެ ނުފޫޒާއެކު ޕީޖީ ހުސެއިން ޝަމީމު ރައީސް ޔާމީންގެ މައްޗަށް އެމަނިކުފާނު ފެބްރިކޭޓުކޮށް އުފަންކުރި މައްސަލަތަކެއްގައި ސިޔާސީ ގޮތުން ބަނދެލައިގެން ގެންގުޅެނީ ވެސް އިސްލާމްދިނު އަދުއްވުންގެ ގޮތުގައި ތިބެގެން ކަމަށް އޭރު އަދުގެ ވެރިން ނިކަން އަޑު ހަރުކޮށް ވިދާޅުވަމުން ގެންދެވިއެވެ.
އެހެންކަމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީ ސަރުކާރަށް ނުލިބިއްޖެ ނަމަ އިސްލާމް ދިނުވެސް މި ބިންމަތިން ފޮހެވިގެން ދާނެ ކަމަށް އޭރު މި ބޭފުޅުން ވިދާޅުވިއެވެ.
ނަމަވެސް ވެރިކަމަށް އައުމަށް ފަހުން ކީހާ ޅެން ފަރިއްސަށް ވަރަށް ގިނަ ކަންކަމުގައި ވެގެން ދިޔަ މަންޒަރު ނުހަނު ގާޓުން ދިވެހިން ދެކެފިއެވެ. ކުރިން ބުނި އެއްޗެއްހި ނިކަން ގިނައިން ކެންސަލްވެސް ކޮށްފިއެވެ.
އެގޮތުން އެންމެ ފަހުން އިވުނު އެއް އަޑަކީ އިސްލާމްދީނަށް ތައުހީނުކޮށް ރިޕޯޓު ނެރުނު އެމްޑީއެންގެ މެމްބަރު ހުސެއިން ޝަމީމު މި ދައުރު ނިމެންދެން ރާއްޖޭގެ ޕީޖީގެ މަގާމުގައި ބެހެއްޓުމަށް ރައީސް މުހައްމަދު މުއިއްޒާ އިސް ވަޒީރު އަބްދުއްރަހީމު (އަދުރޭ) ނިންމެވި ވާހަކައެވެ. މިކަމަށް އެންމެ ބޮޑަށް ތާއީދުކުރެއްވި އެއް ވަޒީރަކީ އިސްލާމްދީނު ހިމާޔަތްކުރުމުގައި އެންމެ ބޮޑަށް މަސައްކަތްކުރަން މާތް ﷲ ގަންދީ ހުވާ ކުރައްވައިގެން ތިއްބެވި ފުލުހުންގެ ވަޒީރެވެ. އާދެ ދާޚިލީ ވަޒީރު އަލީ އިހުސާނެވެ.
ޝަމީމުއަކީ ހަފްތާއަކު މުސްލިމުންނާ ބައްދަލު އަހަރުމެންގެ އީދު ކަމަށްވާ ހުކުރު ދުވަހުގެ އެންމެ މާތް ޚުތުބާއަށް ހޮޓް ބާ (HOT BAR) ގެ ނަމުން ނަންދީ ހަޖޫ ޖެހި މީހެކެވެ. އިސްލާމް ދީނުގެ އެކި ކަންކަމުގައި ޝަމީމުވަނި އޭނާގެ އެކްސް ހެންޑްލްގައި އެކި ފަހަރު މަތިން ހަޖޫ ޖަހާ ފުރައްސާރަކޮށް ދީނަށް ކުޑައި މީސް ބަސް ބުނެފައެވެ.
އަދި އޭނާ ވަނީ ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްކުރުމަށް އިސްތިއުނާފު މަރުހަލާގައި ޕީޖީގެ ވަކީލުން ކޯޓަށް ނުފޮނުވާ މައްސަލަ ލަސްކޮށް އެމަނިކުފާނުގެ އިންތިހާބީ ހައްގުތައް ވެސް ގެއްލުވާލާފާއެވެ.
މިވަރު މީހާކު ދައުރު ނިމެންދެން މަގާމުގައި ބަހައްޓަން ވެރިން ނިންމާފައިވަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި ބާޓާ ސިސްޓަމްގެ އުސޫލަކުންނެވެ. އެގޮތުން މިއީ އެ ބޭފުޅުންގެ އެދުމުގެ ދަށުން ދައުލަތުން ރައީސް އަބްދުﷲ ޔާމީން އަަބްދުލްގައްޔޫމްގެ މައްޗައް އުފުލާފައިވާ ރިޝްވަތުގެ މައްސަލައިގެ އިސްތިއުނާފް ލަސްކުރުމުގެ އިނާމެއް ކަމަށްވެސް ގިނަ ބަޔަކު ބުނަމުން ގެންދެއެވެ.
ނަމަވެސް މިއީ އެންމެ ފަހުން ނިމި ދިޔަ މަޖިލިސް އިންތިހާބުގައިވެސް ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުމާ މުޅިން ބީރައްޓެހި އަމަލެކެވެ.
ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބްގެ ކެމްޕެއިންގައި ޕޯޑިއަމަކަށް އަރައިވަޑައިގެން ރައީސް މުއިއްޒު ވަނީ އެމްޑީއެންގެ އެއްވެސް މީހެއް ދައުލަތުގެ އެއްވެސް ހިސާބެއްގައި ބަހައްޓަވަން ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުުރުން މި ދިޔަ ފަސް އަހަރު އެކި ފަހަރު މަތިން އެކި ޕޯޑިއަމްތަކުގައި އެމްޑީއެންގެ ވަކިތައް ސަރުކާރުގެ ތެރޭގައި ހަން ފަތުރައިގެން ތިބި ތިބުން ނިމުމަކަށް ގެންނަވާނެ ކަމަށް ހަރު އަޑުން އަދުގެ އެކި ވަޒީރުންނާ މަޖިލީހަށް އިންތިހާބުވެފައި ތިއްބެވި އެކި މެމްބަރުންވެސް ވިދާޅުވެފައިވެއެވެ. ޚާއްސަކޮށް އިސް ވަޒީރު ބަނަފްސާ އަދުރޭ ވެސް ވަނީ މި ވާހަަކަ ނިކަން ހަރު އަޑުން ދައްކަވާފައެވެ.
ނަމަވެސް ސަރުކާރުގެ މިހާ ކުރީ ކޮޅު ޝަމީމު ކުރިމަތީ މި ސަރުކާރުގެ ވެރިން ކުޑަ ކަކޫ ޖަހާ ސައިޒަށް ތިރިވާން މި ޖެހުނީ ކޮން ފަދަ މަޖްބޫރެއް އޮވެގެންތޯ މިއަދު ސުވާލު އުފެދެއެވެ.
އެންމެ ފުރަތަމަ ދީނާ ގައުމޭ ކިޔާ ވެރިކަމަށް އައުމަށް ފަހު އެމްޑީއެންގެ ވެރިޔަކަށް ފިޔަވަޅު އަޅަން ނުކެރިގެން މިއުޅެނީ ކީއްވެބާއެވެ؟ އެންމެ ފުރަތަމަ ދީނޭ ކިޔާ ވެރިކަމަށް އައި މީހުންނަށް އެމްޑީއެންވެސް މިހާރު ހަމަ އޯކޭ ވީތޯއެވެ؟ ވެރިކަމާ ހުރެ ހަމަ އެހާ ވަރަށް ވެރިން މިއޮއް އަވަހަށް ޑެސްޕަރޭޓުވެ ޑިފެންސަށް ކުޅެން މަޖްބޫރުވީތޯއެވެ؟ ނަމަވެސް މިއީ ދެރަ ވަރުގެ ދެރަ ފެންވަރުގެ ކަންކަމެވެ.
ސަލަފް ފަދަ ދީނީ އިލްމުވެރިންގެ ހިޔާވަހިކަމުގައި އައި ސަރުކާރަކުން މި އަޅުވަނީ އެ ދީނީ އިލްމުވެރިންގެ ބޮލުގައި ކޯރިތާއެވެ.