މަސްވެރިކަމަކީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާ އަދި ރާއްޖޭގެ އިގްތިސާދަށް ވެސް އެހާ ބޮޑު މަންފާއެއް ކުރާ ކަމަކަށް ވާއިރު މަސްވެރިންގެ ޝަކުވާ އަޑުއަހައި އެކަންތައް ހައްލުކޮށްދެއްވަން އަދުގެ ސަރުކާރުގެ ވެރިން މަސައްކަތް ކުރައްވަނީ ކިހާ ވަރަކަށްތޯ ؟
މަސްވެރިން އަބަދުވެސް ޝަކުވާކުރަމުން އަންނަ އެއްކަމަކީ ބާނާ މަހަށް ހަމަ އަގު ނުލިބުން ނުވަތަ މަސް ކިރާނެ ގޮތެއް ނެތި ނުވަތަ އައިސް ފަސޭހައިން ލިބޭނެގޮތް ނެތުމުގެ ވާހަކައެވެ. މިއީ މިއަދަކު ނުވަތަ އިއްޔެއަކު މަސްވެރިން ދެއްކި ވާހަކައެއް ނޫނެވެ. މި ސަރުކާރު އައީ މިކަމަށް ހައްލު ގެނެސްދެއްވާނެ ކަމުގެ ވައުދާއެކުގައި ކަމީ ދޮގަކަށްވެ ނުދާނެއެވެ.
އެވަރުން ވެސް މަސްވެރިންނަށް ހައްގުވާ ފައިސާކޮޅު އަތުންއަތަށް ނުލިބޭއިރު، އެފައިސާ ހޯދަން ވެސް ގިނަ ފަހަރަށް ދާންޖެހެނީ މަސްވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރުގެ ފައިބުޑަށް ސަލާން ޖަހާށެވެ. މިއީ މަސްވެރިން ބާނާ މަހަށް 48 ގަޑި އިރު ތެރޭގައި ފައިސާ ދޭނެކަމަށް ވައުދުވި ސަރުކާރުގެ ހާލަތެވެ. ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މަސްވެރިންނަށް ފައިސާ ނުދީގެން، މަސްވެރިންގެ ޝަކުވާތަކަށް ބީރުކަންފަތް ދީގެން އުޅުއްވި އިރު އެކަމާ ދެކޮަޅަށް އެންމެ ގިނައިން އަޑުއުފުލި ފަރާތަކީ އަދުގެ މަސްވެރިކަމާ ބެހޭ ވަޒީރު އަދި ކުރީގެ ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރުވެސް ވެސް މިނިސްޓާރ ޝިޔާމް އަދި ރައީސ ޑރ މުއިއްޒުވެސް އެންމެ ގިނައިން ދެއްކެވީ މަސްވެރިން ބިކަ ނުކުރާނެކަމުގެ ވާހަކަތަކެވެ. ޕޯޑިއަމްތަކަށް އަރާވަޑައިގެން ރަނގަޅަށްވެސް މަސްވެރިން ގުނބޯ ހެއްދެވީ ވޯޓު ހޯދުމުގެ ނިޔަތުގައިކަން މިއަދު ކަންކަން މިދާ ގޮތުން ސާފެވެ. މިިކަމަށް ދެން ބުނާނެ އެއްޗެއް ނެތެވެ.
މަސްވެރިންގެ ހައްގުގައި ވާހަކަތައް ދައްކަ ދައްކާފައި ވެރިކަމަށް އައުމަށްފަހު މިވެރިން މަސްވެރިންނަށް ހަދަމުން ގެންދާ ގޮތުގެ ވާހަކަ ނުދައްކަނީީހެން އަޅުގަނޑުގެ މި ރިޕޯޓެއް ފުރިހަމަ ނުވާނެއެވެ. އެގޮތުން މަސްވެރިންނަށް ނުދެވި 298 މިލިއަން ރުފިޔާ ހުރުމުން މަސްވެރިން ވަނީ ކޫއްޑޫގައި އިހުތިޖާޖްވެސް ކޮށްފައެވެ. މަސްވެރިންނަށް ފައިސާ ދެއްވާނެ ކަމަށް ވައުދުވެ، އެކި ފަހަރު އެކި ތާރީހްތަކެއް ކަނޑައަޅާފައިވެސް އެ ތާރީހްތަކުގައި މަސްވެރިންނަށް ފައިސާ ދިނުމުގައި ސަރުކާރުން ވަނީ ނުކުޅެދިފައެވެ.
މަސްވެރިންގެ ޝަކުވާތަކަށް ކެތްނުވެގެން ރޯދަމަހު ވަނީ ދޭންޖެހޭ ފައިސާގެ ބެކްލޮގް އެއްކޮށް ކްލިއާރ ކޮށްފައެވެ. އަދި މިނިސްޓާރ ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ފައިސާ ދިނުމުގައި ފަރުވާކުޑައެއް ދެން ނުކުރައްވާނެކަމަށެވެ. ފައިސާ ނުދެވުނު ސަބަބަކަށް ހާމަކުރެއްވީ މާލީ ހާލަތު ގޯސްވުމެވެ. ޝިޔާމެވެ. ދިވެހީން އެހާވެސް ގަމާރެއް ނޫނެވެ. ފައިސާ ނުދެވި ހުރީ ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފައިވާ ފަރާތްތަކަށް މުސާރަ ހަމަޖައްސަން ހަދައިގެންކަން އެންމެންނަށްވެސް އެނގެއެވެ. މިނިސްޓާރ ޝިޔާމްމެން ހީފުޅުކުރައްވާހެންނެއް ނޫނެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބް އޭޕްރިލް 21 ވަނަ ދުވަހު ބޭއްވުމަށް ނިމުމާއެކު މަސްވެރިންނަށް ފައިސާ ދޭނެ ކަމުގެ ހުވަފެންތައް ދެއްކުމައިގެން ސަރުކާރުން އުޅުނީ އަވަދިނެތިއެވެ. ސަބަބެއް ނެތިވެސް ނޫނެވެ. މަޖިލީހުގެ ސުޕާރ މެޖޯރިޓީ ސަރުކާރަށް ހޯދައިދެވެން އޮތީ މަސްވެރިން ގުނބޯ ހައްދައިގެން ކަމަށް ވާތީއެވެ. ކަންވެ ނިމުނީވެސް ހަމަ އެ ޒާތަށެވެ. މަސްވެރިންނަށް އޭޕްެރިލް 22 ވަނަ ދުވަހު ފައިސާ ދިން ކަމަށް ހުދު މިނިސްޓާރ ޝިޔާމް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އޭގެފަހުން މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެގެން މިދަނީ މަސްވެރިންނަށް ފައިސާ ދޭކަށް ސަރުކާރަކުން އުޅޭ މަންޒަރެއް ނުފެނެއެވެ.
މިނިސްޓާރ ޝިޔާމް އަދި މިފްކޯވެސް އޮތީ ނިދާފައެވެ. މަސްވެރިން ސޯޝަލް މީޑިޔާގައި ފައިސާ ނުލިބިގެން ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެ އަޑު އަހާލާނެހާ ހިތްވަރުވެސް ސަރުކާރުގެ ނެތެވެ. މިއީ މަސްވެރިންނަށް މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭނަމޭ ކިޔާފައި ވެރިކަމަށް އައި ބަޔެކެވެ. ނުވާވަރުން ކަންކަން ކުރަން އުޅެން ހަދައިގެން އަބަދުވެސް ގޮވަނީ އަތަށެވެ. މިފަހަރު މިކަމުގައިވެސް ކަންވެ ނިމުނީ ހަމަ އެފަދައިންނެވެ.
މިކަމުގައި ތިހާ ހިތްހަރު ނުވާށެވެ. އެ މަސްވެރިން ބާނާ މަސް ކިރައިގެން އެ ލިބޭ ފައިސާއިން ރާއްޖޭގެ ކިތައް އާއިލާ އެބަ ދިރިއުޅެއެވެ. އެ އާއިލާތަކާމެދު ވިސްނާލާށެވެ. ކިތައް މަސްވެރިންގެ ދަރީންގެ ޓިއުޝަން ފީ އެ ފައިސާއިން އެބަ ދައްކައެވެ. ކިތައް ގޭގެ ކަރަންޓް ބިލެެވެ. ކިތައް ގޭގެ ކެއިން ބުއިން އެ ބަލަހައްޓަނީ އެ ފައިސާއިންނެވެ. މިނިސްޓާރ ޝިޔާމެވެ.މަސްވެރިން ނިކަމެތި ކޮށްނުލައްވާށެވެ! މަނިކުފާނު އޭރުގައި މަސްވެރިންގެ ހައްގުގައި ވަކާލާތު ކުރެއްވި ފަދައިން މިއަދު މަސްވެރިންނަށް އެމީހުންގެ ހައްގު ފައިސާ ދެއްވާށެެވެ. ހަނު ހުރުމުގެ ބަދަލުގައި މަނިކުފާނަށް ކުރެވޭނެ ކަންކަން ކިތަންމެހާވެސް ގިނައެވެ.
މަސްވެރިކަމަކީ ދިވެހީންގެ ލެއާއި ގުޅިފައިވާ ކަމެކެވެ. އަދި ގިނަދުވަސްވީ އިގުތިސާދީ “ލޭނާރު" ކަމުގައިވީ ދިވެހިވަންތަ މައިގަނޑު މަސައްކަތްވެސް މެއެވެ.