ކަރަންޓު ބިލު މައްސަލައިގައި ކުރި މުޒާހަރާގައި ޕީއެންއެފުން ބައިވެރިވުމުން މި ސަރުކާރުގެ ޔުތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ ކަންބޮޑުވެއްޖެއެވެ.
މި މަހު އައި ކަރަންޓު ބިލުތައް ނިސްބަތުން ބޮޑުކަމުން ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކި ޕްލެޓު ފޯމުތަކުގައި ނުރުހުން ފާޅުކޮށްފައެވެ. އަދި ހޮނިހިރު ދުވަހު ވަނީ ސްޓެލްކޯ ސަރަހައްދުގައި މާލޭގައި މުޒާހަރާވެސް ކޮށްފައެވެ.
މިކަމާ ގުޅިގެން ޝިއުނާ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންގެ ނަމުގައި ތަން ހަލަބޮލިކޮށްލަން ނުކުމެ ތިބީ ޕީއެންއެފްގެ 6 މީހުން ކަމަށެވެ. ސްޓެލްކޯއިން ގެންދަނީ 24 ގަޑިއިރު މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން ކަމަށް ވިދާޅުވެ ޝިއުނާ ވިދާޅުވެފައިވަނީ މިހާރުވަނީ ޝަކުވާ ހުށަހަޅަން ނަމްބަރުވެސް ހިއްސާކޮށްފައިކަމަށާ އެހެން ސަރުކާރުގެ އެމްޑީއިން އުޅޭހެން މިހާރު ސްޓެލްކޯގެ އެމްޑީ ފިލައިގެން ނޫޅޭ ކަމަށެވެ.
ޝިއުނާ މިފަދައިން ވިދާޅުވެފައިވާއިރު މިއަދު އިހުތިޖާޖަށް މީހުން ދިޔައިރުވެސް މުޅި މަގު އޮތީ ދެކޮޅު ބެރިކޭޑު ޖަހާ ފުލުހުުން މެދުވެރިކޮށް ބަންދުކޮށްފައެވެ. މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ދޭން ބުނެ އައި ސަރުކާރެއްގައި އިހުތިޖާޖަށް ރައްޔިތުން ނުކުންނާނެ ކަމަށް އިއުލާންކުރި ފުރަތަމަ ފަހަރަށް ވީއިރު، މި ސަރުކާރުން ސަރުކާރުގައި ތިބެ ގްރީން ޒޯނެއްގައި މުޒާހަރަކުރިއިރުވެސް ބެރިކޭޑު ޖަހާ ބަންދުކުރީ އެ ސަރަހައްދަށް ސަރުކާރުގެ މުވައްޒަފުން ފޮނުވާ ނިމުމުންކަން ފާހަގަކޮށްލެވެއެވެ. އެއީ މަޖިލިސް ދޮށޫގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއިން ކުރި އިހުތިޖާޖެވެ.
ޝިއުނާ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުރެ އާންމު ރައްޔިތުންނަށް މަލާމާތްކޮށް ޕޯސްޓުކުރަމުނަދާއިރު، ނިމިދިޔަ ސަރުކާރުގައި ކަރަންޓުގެ އަގު ބޮޑުކަމުން ބިލުތައް ބޮޑުވާތީ އެންމެ ބޮޑަށް ފާޑު ކީ އެކަކީ ޝިއުނާކަން ފާހަގަކޮށްލެވެއެވެ.
ޕީއެންއެފްގެ ހަ މީހުން ނުކުމެ އިހުތިޖާޖުކުރި ވާހަކަ ލިޔެ ޝިއުނާ މަލާމާތް ޒާތަށް ޕޯސްޓުކޮށްފައިވާއިރު ނިމިދިޔަ ސަރުކާރު ޒިންމާދާރުކުރުވަން ޕީޕީއެމުން ވެސް ކުރި މަސައްކަތުގައި ޝިއުނާ އާ ޝިއުނާގެ މަންމަ ވެސް ހިމެނޭހެން ފުރަތަމަ ނިކުތީ މަދު މީސްކޮޅެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެ ހައެއްކަ މީހުން މަގުމަތީ ކުރި މަސައްކަތުން ސަރުކާރު ބަދަލުކުރިކަން ފާހަގަކޮށްލެވެއެވެ.