ނިމިގެން ދިޔަ ފަސް އަހަރު، މިއަދުގެ ސަރުކާރުގައި ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެންމެ ގިނައިން ދެއްކެވި ވާހަކައަކީ އެމްޑީޕީ ސަރުކާރުން ގައުމު ދަރުވަމުން ދިޔަ ވާހަކައެވެ. އިގްތިސޯދު ފުނޑަމުން ދިޔަ ވާހަކައެވެ. މިހާރު މި ސަރުކާރުން މި ކުރަނީ ވަކި ކޮންކަމެއްތޯ ފެންނަމުންދާ މަންޒަރުތަކުން ހިތުގައި ރިހުމަކާ އެކު ސުވާލު އުފެދެއެވެ.
2018 އިން 2023ގެ ފަހު ކޮޅާ ހަމައަށް ދިވެހިން ތިބީ ނުހަނު ޥޭނުގައި އޮތް ސަރުކާރެއްގެ ތެރޭގައި ފިތިފައެވެ. އަތްފޯރާ ފަށަށް ކާބޯތަކެތި ގެނެސްދޭނެ ކަމަށާ ދިރިއުޅުމުގެ އަގުތައް ހަމމަގަށް އަޅުވާނެކަމުގެ ވައުދާއެކު އައި ސަރުކާރެއް އޮތް ނަމަވެސް ވެރިންގެ އަމަލުން އެކަން ނުފެނި ރައްޔިތުން މާޔޫސްވިއެވެ/
ރައްޔިތުންގެ ފައިސާއިން މުސާރަދޭން ތިބި ވެރިންގެ އަދަދު ހެޔޮވާނީ އިރު އަލީގައި ކިއްކުރަން ބޮކި އަލީގައިވެސް ނުދެއްކިއްޔާއެވެ. ރާއްޖޭގެ ތާރީޚުގައި ނުފުށަށަ ނުގޮތަށް ރެކޯޑުތައް ހެދި ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރަކީ މަތި ބަރު ސަރުކާރެކެވެ. ރާއްޖޭގައި އުފެދުނު އެންމެ މަތި ބަރު ސަރުކާރެކެވެ. މަތި ބަރުކަމުން ގުޑުވާލަން ހިފާލިޔަސް ހިފާ މީހާގެ އުނަގަނޑަށް ގުޑޫން އަރައެވެ.
އަރަނީގައި އޮތް ދައުލަތުގެ ޚަޒާނާ އަރައިގެން ދިޔައީ ޖަވަޔަށް ފަޒަޔަށް ހަވައެއް ކަމެއް ދެކި ދެނިވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. ހެދި ނުހެދި އެއް ވެސް ނާންގާ ހިންޏަށް ހަކުރު އޮޅުވާލީ އިގްތިސޯދީ މާހިރުން ބަލަބަލާ ތިއްބައެވެ. އާއިލީވެރިކަމެއް ކުރަމުން މަޖްބޫރުވީ ގޭ ހުރިހާ ކުދިންނަށް ބައި އަޅަންށެވެ. އެއާއެކު އިސާހިތަކު ދައުލަތް ބަގްރޫޓުވެްއްޖެއެވެ. ދެން ހަދާނެ ގޮތް ހުސްވެ ގޮނޑި ކޮއްކޮ ސަރުކާރުން ބޮޑުބޭބެ ކަމަށް ދައުވާ ކުރާ ބައެއްގެ އުނގަށް ވެއްޓިގަތެވެ. ނަތީޖާއަކަށްވީ އަހަރުމެން މޮޑަން އަޅުވެތިކަމެއްގައި ފިތި ބާރުވުމެވެ. އަތަކަށް ގުޑިލަން ވިޔަސް ބޮޑުބޭބެ ހުއްދަ ހޯދަން ޖެހުމެވެ.
ކޮންމެއަކަސް މާ ގިނަ ދުވަސްތަކެއް ނުވެ ދިވެހީން އެ ނޫން ގޮތެއް ހޯދަން ބޭނުންވިއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގިނަ ދިވެހީން ވޯޓު ދިނީ އެހެންކަމުން ބޮޑު ބޭބެއާ ދަނބި ދަރި ނޫން ގޮތެއް ހޯދަންށެވެ.
ދިވެހީންގެ ރާއްޖެއަކަށް ދާން ފަން ރިޔަލުގައި ދިވެހީން ދުއްވީ ޖަޒީރާ ރާއްޖެއާ ދެކޮޅަށެވެ. ނުފޫޒާ ބާރާ ދެކޮޅަށް ކުރި އެދަތުރަކީ އޮޔާ ވަޔާ ދެކޮޅަށް ކުރި ނުހަނު ކަނޑު ގަދަ ދަތުރެއް ނަމަވެސް އަލިވިލުނީ ދިވެހީންގެ ރާއްޖެއަކަށެވެ.
އެހާ ހިސާބުން ގިނަ ބަޔަކު އުއްމީދުކުރީ ކުރިން ކަންވީ ގޮތަށް ކަންތައް ނުވާނެ ކަމަށެވެ. އެހެނީ ދިވެހީންގެ ރާއްޖޭގެ ކައްޕިތާނަކީ ކިޔަވައިގެން ހުންނެވި ބޭފުޅަކަށްވެފައި އެ ވރާއްޖޭގެ މޭސްތިރިއަކީ ގައުމު ދުށް އެންމެ ފައްކާ ސިޔާސީ ލީޑަރަށްވުމުންނެވެ.
ނަމަވެސް ވެރިޮކަމުގެ ހަތަރުވަނަ ދުވަހު ފެނުނީ މޭސްތިރިޔާއަށް ކުރަމުން ދިޔަ ތުރާލާ ކެތް ނުވެގެން އޮޑިން ފުންމަވާލެއްވި މަންޒަރެވެ. އެއާއެކު ދެން ދިވެހިން ތިބީ ވާގަތް ބަލަންށެވެ. އަސްތާ ދެނަކާ ދެނެއް ނެތެވެ. ބަޑި ތަކުރު ވިހޭރޭ އަލަފަތް އައިހެން ސަރުކާރުގެ މަތިފަޑި ވަަރށް ތިޔާގިވާން ފެށިއެވެ. މިނިސްޓަރުންނާ ސްޓޭޓުންނާ ނައިބުންނާ ކޯޑިނޭޓަރުންނާ މިހެން ގޮސް ކިޔާފައި ނުކިޔާނެ މަގާމެއް ނެތވެ. ނަަމަވެސް ރައްޔިތުން ބުނަން ފެށީ ކަމަށް ގާބިލު ހަމަ އެކަކުވެސް ނެތް ކަމަށެވެ. އިލްމީ ބޭފުޅާ ހައްދަވަމުން ގެންދަވަނީ ކޮންކަހަލަ ޗަރުކޭހެއްތޯވެސް ސުވާލު އުފެއްދިއެވެ. އަހަން ސުވާލު އުފައްދާނެތާއެވެ. މަތިބަރު ކަމުން ގޮސް ސަރުކާރުގެ އެތެރ ބަލާލަން ފިޔަންވެސް އުފުއްލާނުލެވޭ ވިއްޔާއެވެ.
ކޮންމެ އަކަސް އެމްޑީޕީ ސަރުކާރުގައި ކުޅެމުން ދިޔަ ކުޅި ކަމު ނުގޮސްގެން ރައްޔިތުން ގެނައި ވެރިކަމުގައި ވެސް ފެށީ ހަމަ އެއާ ދާދި އެއްކަހަލަ ކުޅިއެއްކަމަށް ބުނަން ފެށީއެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެގެން އުޅޭއިރުވެސް ލިބޭ މިންވަރަށް ފަރުވާލެއް ބެހެއްޓުމެއް ނެތި ހަރަދު ބޮޑު ދައުލަތެއް ފައްކާކުރަނީ ވިއްޔާއެވެ. ފަރުދީ ފެންވަރުގައި އަމިއްލަ ދިރިއުޅުމުގެ ހަރަދުތައް ނުވަތަ ގޭތެރޭގެ ހަރަދުތައް ވެސް ހަމަޖައްސަން ވާނީ ލިބޭ އާމްދަނީއަކަށް ބަލައިގެން ކަމަށްވާއިރު ގައުމީ ފެންނވަރުގައި އަދި އެކަމަސް މާބޮޑަށް ސަމާލުކަން ދޭން ޖެހެއެވެ. ނޫނީ ދެން ޖެހޭނީ ސަލާމުގެ ނާށިގަނޑު ހިފައިގެން ދުވަން ކަމަށްވުމުންނެވެ. އެކަމުގެ ހިތި ނިމިދިޔަ ފަސް އަހަރު ފެނިފައިވާއިރު އިލްމީ ބޭފުޅާގެ ސަރުކާރުގައި އެއީ ދިވެހީން ދެކެން ބޭނުންވާނެ މަންޒަރެއް ނޫން ކަން ޔަގީނެވެ.
ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ބަޖެޓަކީ އެވްރެޖުކޮށް 10 އިން ސައްތަ ބޮޑުވަމުން އަންނަ ބަޖެޓަކަށްވާއިރު އާމްދަނީއަށް 30 ބިލިއަން ރުފިޔާ ލިބޭއިރު ހަރަދު 40 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެހެންކަމުން ކުރާ ހަރަދުތައް އާމްދަނީއަށް ވުރެ 11 ނުވަތަ 12 ބިލިއަން ރުފިޔާ ކޮންމެ އަހަރަކު ވެސް އެވްރެޖްކޮށް ބޮޑުވާއިރު މިއީ ވެރިން ވިސްނާލުން މުހިއްމު ކަމެކެވެ. ހިސާބަށް ނުހަނު މޮޅު ބޭފުޅުންވެސް އެބަތިއްބެވި ވިއްޔާއެވެ.
ދަރަނި ނެގުން މައްސަލައެއް ނޫނެވެ. ނަމަވެސް ދަރަނި ނަގައިގެން ކުރަން ޖެހޭނީ ނިކަން އުފެއްދުންތެރި މަސައްކަތްތަކެކެވެ. ގޯތި ކުދިންނާ އަވައްޓެރިންނާ އެޑްވައިޒަރުން ރުއްސަން މަގާމުދޭން ނަގާ އެއްޗަކަށް ދަރަނި ވެގެން ނުވާނެއެވެ. އެހެންކަމަށް ވަނީ ނަމަ އިސާހިތަކު ސޯޓު ބޭލިދާނެއެވެ. އެހެންޏާ ފަހެދެން ޖެހޭނީ ނުފޯރާ ފޮތިން ފޫގަޅޭލަން ވީއްޔާއެވެ. އޭރުން ދެން ފެންނަ މަންޒަރު ވަރަށް ލަދު ހުތުރުވާނެކަން ޔަގީނެވެ.ދަރަންޏަށް ފައިސާ ނަގައިގެން ވަޒީފާ ދިނުން އޯކޭ ނޫނެނެވެ. އިގްތިސޯދަށް ނުކަތައިގެން ބޭޒާރުތައް ބޮޑުތަނުންވުން އޮތީ ދުރަކުނޫނެވެ.
އިހަކަށް ދުވަހުވެސް ސީނު ކަރައަށްވެސް ގޮސްފައި ވަޑައިގެންނެވީ ބޮޑު ލޯނެއް ކޮޑުފުޅުގައި އަޅުއްވައިގެންނޭ ރަށު ތެރެއިން ކިޔާތި އަޑު އިވެއެވެ. ދައުލަތުގެ ޚަރަދުތައް ފޫބައްދަން ބަޖެޓުގެ އިތުރުން އަދިވެސް ބޮޑު އަދަދެް ހޯދަން ޖެހޭއިރު ނިކަން ތިޔަ ސަރުކާރުގެ މަތި ލުއިކޮށް އަޅުގަޑުމެން ދިވެހިންނަށްވެސް ލުއިކޮށްލަ ދެއްވަބަލައްވާށެވެ، ނޫނީ ނިމި ދިޔަ ފަސް އަހަރުގައި އެގޮވި ގޮވެލި ފަތި މި ފަސް އަހަރު އަޅުަގޑުމެން މަނިކުފާނުގެ ސަރުކާރަށް ގޮވަން ޖެހިދާނެއެވެ.
ރިޕޯޓު ނިންމާލަމުން އިލްމީ ވެރިޔައަށް ހަނދާން އައުކޮށްލަދޭން ބޭނުންވަނީ ިދވެހި އަދަބީ ގުލްޝަންގެ އެން ވިދާލި އެއް ތަރި ހުސެއިން ސަލާހުއްދީނުގެ ބަސްކޮޅެކެެ.
"ލަދެއް ނެތި އަތް ދިމާކުރުމީ ތިމާގެ އެދުންތަކާ މެދުގައި،
ހިނގާ ގޮސް އަނެކަކުގެ ގާތަށް ކަމެއްތޯ ހުތުރުނުވެދާނޭ
ލިބޭ މިންވަރު ނިކަން ދަނެގެން ވިބޭނުންތައް ބަހާލައިގެން،
ތިބޭނަމައީ ފިކުރުކޮށްގެން މި ބޭޒާރެއް ވެސް ނުވެސް ވާނޭ"