ނިމިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގައި މަސައްކަތްކުރާ ސިޔާސީ މުވައްްޒަފުންގެ އަދަދު ތިން ގުނަ އިތުކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު އެންޑް ޓްރޭޑަށް އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ އަދަދާއި މުސާރައިގެ ތަފްސީލު ހޯދަން އޮންލައިން ނޫހަކުން އެދުމުން ހާމަކުރި މައުލޫމާތުންނެވެ.
އެގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު އެންޑް ޓްރޭޑަށް 34 ސިޔާސީ މުވައްޒަފުން އައްޔަނު ކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އޮންލައިން ނޫސް "އަދަދު"އިން ވަނީ 2023 ނޮވެމްބަރު 17 އިން 2024 1 މެއި އާ ހަމައަށް އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އެދިފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ލިބޭ މުސާރަ
އެއް މިނިސްޓަރު - 58,500ރ.
ފަސް ސްޓޭޓް މިނިސްޓަރުން - މީހަކަށް 43,500ރ
10 ޑެޕިއުޓީ މިނިސްޓަރުން - މީހަކަށް 31,500ރ.
ނުވަ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 25,500
މި މައުލޫމާތަށް ބަލާއިރު އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 1,023,000 ރ. (އެއް މިލިއަން ތޭވީސް ހާސް ރުފިޔާ) ހޭދަވެ އެވެ. އެއީ، އަހަރެއްގެ މައްޗަށް 12،276،000ރ. (ބާރަ މިލިއަން ދެ ލައްކަ ހަތްދިހަ ހަ ހާސް ރުފިޔާ) އެވެ.
ރައީސް މުއިއްޒުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އެ އަދަދު 61 މިލިއަން ރުފިޔާ ފަހަނައަޅައި ދާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ މީގެ ކުރިން ދޫކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ މިނިސްޓްރީއަށް އައްޔަން ކުރި ސިޔާސީ މުވައްޒަފުންނަށް ވުރެ އެ މިނިސްޓްރީގައި ތިބި ސިޔާސީ މީހުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް ތިން ގުނަ އިތުރުވެފައެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގައި އެ މިނިސްޓަރީއަށް އައްޔަންކޮށްފައިވަނީ ޖުމުލަ 12 ސިޔާސީ މުވައްޒަފުންނެވެ.
މަތި ލުއި ސަރުކާރެއް ދަމަހައްޓަން ވެރިކަމަށް އައި ސަރުކާރުން ދަނީ އެއްވެސް ހައްދެެއްނެތި މަގާމްތަކަށް މީހުން އައްޔަންކުރަމުންނެވެ. ރައީސް މުއިއްޒު ވަނީ ސިޔާސީ މަގާމްތަކުގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މިހާރުވެސް އެ އަދަދު ވަނީ ފަހަނަ އަޅާގޮސްފައިކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދުގެ ވާހަކަތަކުން ވަނީ ދޭހަވެފައެވެ. އެގޮތުން ހީނާ ވަނީ ސިޔާސީ މަގާމްތަކުގެ އަދަދު 3000 އަށްވުރެ މަތި ކަމަށް ވިދާޅުވެފައެވެ.