މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 19 ޖެނުއަރީގެ ނިޔަލަށް 325 ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވެއްޖެއެވެ.
އަންނަ މާޗުމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވައިލީ ޖެނުއަރީ މަހުގެ 10 ގައެވެ.
އިންތިޚާބު ބާއްވާ ދުވަހުގެ ނިޔަލަށް 18 އަހަރުފުރޭ މީހުންނާއެކު ޖުމްލަ 2،84،327 މީހުންނަށް މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށް އީސީއިން އާންމުކުރި ލިސްޓުން ދައްކައެވެ.
ޙަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖެނުއަރީ 19 ގެ ނިޔަލަށް ލިބިފައިވަނީ 325 ޝަކުވާ ކަމަށެވެ. ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ ޖެނުއަރީ 21 ގެ 15:00 ކަން ވެސް ޙަބީބުގެ ޕޯސްޓުގައި ފާހަގަކުރައްވައިފައި ވެއެވެ.
ޙަބީބު އާންމުކުރެއްވި މައުލޫމާތު ތަކުގައިވާ ގޮތުން އެންމެ ގިނައީ އެޑްރެސް ބަދަލުވެފައިވާތީ ހުށަހެޅުނު ޝަކުވާއެވެ. އެޑްރެސް ބަދަލުވެގެން 185 ޝަކުވާ ހުށަހެޅިފައި ވެއެވެ.
މީގެއިތުރުން މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނޭތީ 131 ޝަކުވާ ހުށަހެޅުނުއިރު ދާއިރާ ބަދަލުވެގެން ހަތަރު ޝަކުވާއާއި ލިސްޓުގައި ނަން ނެތުމުން ދެ ޝަކުވާ ހުށަހެޅިފައި ވެއެވެ.