ވެރިކަމަށް މަސްދުވަސް ވެގެންދިޔަ އިރު ސަރުކާރުގެ ގޮތް ވަރަށް ވެސް ސާފުކަމަށް ޕީއެންއެފްގެ މެމްބަރ ހަލީމަތު ޒުހައިރާ ވިދާޅުވެއްޖެއެވެ.
ހަލީމަތު މިފަދައިން ވިދާޅުވެފައިވަނީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.
އެގޮތުން އެ ޕޯސްޓްގައި އޭނާ ވަނީ ސަރުކާރުގެ އިސްވެރިންގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ފެންނަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އެ ގައުމަކަށް ބަރޯސާނުވާނެ ކަމަށް ވިދާޅުވި ގައުމުގެ ބޮޑު ވަޒީރު ނަރެންދަރ މޯދީ ރުއްސާ މަންޒަރުކަމަށް ހަލީމަތުގެ ޕޯސްޓްގައި ވެއެވެ.
ފަސްޓް ލޭޑީ މެޑަމް ސާޖިދާ އުޅުއްވަނީ ކަރޯކޭ ކުރުމުގައި ކަަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދުރޭ އަވަދިނެތި އުޅުއްވަނީ ނެށުމުގައި ކަމަށްވެސް ހަލީމަތު ވަނީ ވިދާޅުވެފައެވެ.
އިތުރަށް ހަލީމަތު ވިދާޅުވީ ފިޝަރީޒް މިނިސްޓާރ އަހުމަދު ޝިޔާމް އުޅުއްވަނީ މިޔަރު ނައްތާލުމުގެ ކަންކަމުގައި ބައްދަލުވުމެއްގައި ކަމަށާއި ޓުއަރިޒަމް މިނިސްޓާރ އިބްރާހިމް ފައިސަލް އުޅުއްވަނީ ޓިއުޝަން ކްލާސްތަކުގައި ކަމަށެވެ.
މާލީ ހާލަތު ހުރި ގޮތުން ފިނޭންސް މިނިސްޓާރ އުޅުއްވަނީ ކަންބޮޑުވުމެއްގައި ކަމަށާއި ޖެންޑާރ މިނިސްޓާރ އުޅުއްވަނީ ހާލު ބެލުމުގައި ކަމަށް ވެސް ހަލީމަތު ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.
އޭގެެއިތުުރުންވެސް އެހެން ވަޒީރުންގެ ހާލަތުވެސް ހަލީމަތު ވަނީ ބަޔާންކޮށް ޕޯސްޓަގައި ފާޑުވިދާޅުވެފައެވެ.
ސަރުކާރުގެ ހާލަތު މިފަދައިން ހުރިއިރު މަސްވެރިން ތިބީ ކިރި މަހަށް ފައިސާ ނުލިބި ބަނޑަށް ޖެހިފައި ކަމަށާއި ގައުމު އޮތީ ފެލާލައިފައި ކަމަށް ހަލީމަތު ވަނީ ފާހަގަކުރައްވާފައެވެ.
ހާލަތު ބަދަލުކޮށްދެއްވާނެ ކަމުގެ ވައުދާއެކު އައި ސަރުކާރުން ގެންދަނީ ހާލަތު އިތުރަށް ގޯސް ކުރަމުން ކަން ފާހަގަކޮށްލެވެއެވެ.