ޒީނާ / ޕީއެސްއެމް
ސިޔާސީ
ފެކްޓް ޗެކް: މޯދީ ހުވާ ކުރެއްވި ރަސްމިއްޔާތު ލައިވް ކުރުމަށްޓަކައި ޕީއެސްއެމް އިން ތައްޔާރުވި!
Aishath Naja
އައިޝަތު ނަޖާ
11 ޖޫން 2024
މާލެ ސިޓީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ 3 ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތު ޕީއެސްއެމް އިން ލައިވް ކުރަން ނިންމި ނަމަވެސް ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ލައިވްކުރުން ކެންސަލްކޮށްލި ކަން ހާމަވެއްޖެއެވެ.

"ތޭރަ އޮންލައިން" އަށް މައުލޫމާތު ދެމުން ޕީއެސްއެމްގެ މުވައްޒަފަކު ބުނީ މޯދީ ހުވާ ކުރެއްްވި ރަސްމިއްޔާތު ލައިވް ކުރުމަށްޓަކައި އެފަދަ ވާހަކަތަކެއް ދެކެވުނު ކަމަށާއި ލައިވް ކުރުމަށް ތައްޔާރުވެސްވި ކަމަށެވެ.

ނަމަވެސް އަމާޒުވެދާނެ ފާޑުކިޔުންތަކަށް ބަލައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓާރ ޒީނާ ޒާހިރު ފަހު ވަގުތު ލައިވް ނުކުރުމަށް ނިންމި ކަމަށް ވެސް އެ މުވައްޒަފު ވަނީ ބުނެފައެވެ.

ޕީއެސްއެމް އިން މޯދީ ހުވާ ކުރާ ރަސްމިއްޔާތު ލައިވް ކުރާނެ ކަމުގެ މައުލޫމާތު ލިބިގެން އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" ނޫހުން ވަނީ ޚަބަރެެއްގެ ގޮތުގައި އެވާހަކަ ޝާއިއުވެސް ކޮށްފައެވެ.

ނަމަވެސް ލައިވް ނުކުރަން ނިންމާ އެ ޚަބަރަކީ އަދަދު ނޫހުން ފެތުރި ދޮގު ޚަބަރެެއް ކަމަށް ޒީނާ ވަނީ ވިދާޅުވެފައެވެ.

ޒީނާ ވަނީ އަދަދު ނޫހާ ދެކޮޅަށް މޯލްޑިވްސް މީޑިޔާ ކައުންސިލަށް މައްސަލަވެސް ހުށަހަޅާފައެވެ. މިކަން ޕީއެސްއެމް އިން ނެރުނު ނޫސްބަޔާނުގައި ވަނީ ކަށަވަރުވެސް ވެފައެވެ.

އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ އެ ކުންފުނިން އެއްވެސް އިރެއްގައި ރަސްމިއްޔާތު ލައިވްކުރަން ނިންމާފައިނުވާކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ދަތުރުފުޅުތައް ކަވަރު ކުރާގޮތަށް ރައީސްގެ ދަތުރުފުޅު ޕީއެސްއެމްގެ ޗެނަލްތަކުން ލައިވް ކުރާނެ ކަމަށެވެ.

އަދި އެއީ ހުވާ ކުރައްވާ ރަސްމިއްޔާތަށް ޚާއްސަކޮށްގެން ގެނެސްދޭ ކަވަރޭޖެއް ނޫން ކަމަށެވެ.

ބަޔާނުގައި މިފަދައިން ބުނެފައިވީ ނަމަވެސް "ތޭރަ އޮންލައިން" އަށް މައުލޫމާތު ދިން ޕީއެސްއެމްގެ އިތުރު މުވައްޒަފެއް ވެސް ވަނީ ބަޔާން ދޮގުކޮށްފައެވެ.

ޒީނާ މޯދީގެ ރަސްމިއްޔާތު ލައިވް ކުރަން ބޭނުންވެގެން އުޅުނު ކަމަށާއި ބަހަނާއަކަށް ދައްކަން އުޅުނީ ރައިސް މުއިއްޒު ބައިވެރިވެވަޑައިގެންނަވާ އިވެންޓް ލައިވް ކުރުން ކަމަށް ވެސް އެ މުވައްޒަފު ވަނީ މައުލޫމާތުދީފައެވެ.

ޒީނާ ޕީއެސްއެމްގެ އެމްޑީއަކަށް ހުންނަވާތީ ޕީއެސްއެމްގެ ގިނަ މުވައްޒަފުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައް
ހަސަން
11 ޖޫން 2024, 17:23
ޒީނާކޯންޗެއް ދޮވުކުރާކަށް ލައިވްކުރަންނިންމި. މިކަހަލަ އެތަށް އެތަށް ޖަރީމާއެއް ޒީނާހިންގަމުންދަނީ. މުވައްޒަފުންނަށް މަލާމާތަށް ތިމަންނަ އެމްޑީއަކަށް ހުއްޓަ ލޭބަރިލޭޝަންސްއަށް މުވައްޒަފުން ހުށައަޅާ މައްސަލަތަށް ކުރިއަށްނުދޭނެކަމަށް ބުނެ އިންޒާރުވެސް ދީފަވޭ
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved