
ފެންނަ ނުފެންނަ ވޯޓަށް ހޭލުންތެރިކުރުވުމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ސިޔާސީ ހަމަހަމަކަން ގެއްލި، ވަކި އަތަކަށް ޖެހިފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން އެ ކުންފުންޏަށް އަމާޒުވެއްޖެއެވެ.
އާންމުންނާއި ސިޔާސީ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ދައުލަތުގެ މީޑިއާގެ ގާނޫނާ ޚިލާފަށް އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދީ، މި ޕްރޮގްރާމްތައް ކުރިއަށްގެންދަނީ ހަމައެކަނި ސަރުކާރަށް ތާއީދުކުރާ ފަރާތްތައް ބައިވެރިކޮށްގެންނެވެ. މިއީ ސީދާ ރައީސް މުއިއްޒުގެ ނުފޫޒުން ހިންގާ ހަރަކާތްތަކެއްގެ ގޮތުގައި ސިފަކުރަމުންދާއިރު، މިއީ ރައްޔިތުންގެ ފައިސާއިން ހިންގާ މުއައްސަސާއަކުން ހިންގާ ގާނޫނާ ޚިލާފު "ޖަރީމާއެއް" ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މީގެ އިތުރުން، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ޝަކީބުގެ މުސާރައާއި އޭނާ ކުންފުނި ހިންގަވާ ގޮތާމެދުވެސް ބޮޑެތި ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، ދަރަނިވެރިވެފައިވާ ކުންފުންޏަކުން ޝަކީބަށް މަހަކު 80،000 ރުފިޔާގެ ބޮޑު މުސާރައެއް ދެމުންދަނީ ދައުލަތުގެ "އޭ" ކެޓަގަރީގެ ކުންފުނިތަކަށްވުރެވެސް ބޮޑު މިންވަރަކަށެވެ. ފުރަތަމަ ސިއްރުކޮށްފައި އޮތް މި މުސާރައިގެ މައުލޫމާތު ފަޅާއަރާފައިވާއިރު، ގާނޫނާ ޚިލާފަށް ކުންފުނި ހިންގުމާއި، ވަކި ފަރާތަކަށް ޖެހިގެން މައުލޫމާތު ފެތުރުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ބުނެ، މި މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ތަހުގީގު ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.










