ގއ. ވިލިނގިލިން ހާލު ދެރަވި ކުއްޖާ މާލެ ގެނައުން ލަސްވި ސަބަބު އާސަންދަ ކުންފުނިން ސާފުކޮށްދީފިއެވެ.
އެގޮތުން އާސަންދައިން ބުނީ 18 ޖެނުއަރީ 2024 ވަނަ ދުވަހުގެ ފަތިހު 05:03 ގައި އާސަންދައަށް އިމަޖެންސީ އިވެކުއޭޝަން ( އީއީވީ ) ގައި ގއ. ވިލިނގިލި އަތޮޅު ހޮސްޕިޓަލުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ބަލި މީހާ ބަދަލުކުރުމަށް އެދިފައިވާކަމަށެވެ. އަދި ހަމައެހެންމެ މެޑިކަލް ސެކްޝަނުން 12 މިނެޓުގެ ތެރޭގައި މައްސަލަ ޕްރޮސެސްކޮށް އެޕްރޫވްކޮށްފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އަދި ހެނދުނު 05:19 އާ ހަމައަށް އާސަންދައިގެ ކަސްޓަމަރ ސާވިސަސް ސްޓާފުން ވަނީ އެޕްރޫވަލް ހޮސްޕިޓަލަށް އަންގާ ފްލައިޓް ހުރިތޯ ބެލުމަށް އަންގާފައެވެ.
އެކުންފުނިން ބުނީ ކޫއްޑޫ އެއާޕޯޓުން އެންމެ އަވަހަށް ޝެޑިއުލް ފްލައިޓެއް އޮތީ ޖެހިގެން އައި ޖެނުއަރީ 19 ވަނަ ދުވަހުގެ ހެނދުނު 05:55 ގައި ކަމަށެވެ. އެހެންނަމަވެސް އެބޭފުޅުން ވަގުތުން ޗާޓަރޑް ފްލައިޓެއްގެ އިންތިޒާމުތައް ފެށި ކަމަށް ވަނީ ވިދާޅުވެފައެވެ.
އާސަންދައިން ބުނީ އެދުވަހުގެ ހެނދުނު 08:57 ގައި އެބޭފުޅުންނަށް މޯލްޑިވިއަން އިން ޗާޓަރ ފްލައިޓް ޓައިމިންގސް ލިބުނު ކަމަށެވެ. އެގޮތުން ޗާޓަރޑް ފްލައިޓް މެންދުރު 02:55 ގައި ކޫއްޑޫ އެއާޕޯޓަށް ޖެއްސުމަށްފަހު އެ ދުވަހުގެ ހަވީރު 4:20 ގައި އެނބުރި މާލެއަށް ދިއުމުގެ އިންތިޒާމް ހަމަޖެހުނުކަމަށްވެސް އެ ކުންފުނިން ބުނިއެވެ.
މީގެއިތުރުން އެބޭފުޅުން ބުނީ ހޮސްޕިޓަލުގެ އެދުމަށް ހެނދުނު 11:18 ޖަވާބުދީ މެންދުރުފަހު 2:45 ގައި ވިލިނގިލިން ކޫއްޑޫއަށް ބަލި މީހާ ގެންދިއުމަށް އެމްއެންޑީއެފް ސީ އެމްބިއުލާންސްގެ އިންތިޒާމް ހަމަޖެއްސިކަމަށެވެ.
އަދިހަމައެހެންމެ މާލެއިން ކައްދޫއަށް ޝެޑިއުލް ފްލައިޓެއް ކޫއްޑޫއަށް ޑައިވާޓް ކުރެވިދާނެ ކަމަށާއި އެ ފްލައިޓުން 13:50 ގެ ކުރިން ބަލިމީހާ ޓްރާންސްފާ ކުރެވޭނެ ކަމަށް ކޫއްޑޫ އެއާޕޯޓުން ހެނދުނު 11:40 ގައި އެންގިކަމަށްވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެންމެ ފަހު ވަގުތު ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ރާވާފައިވާ ގޮތަށް ޑައިވާޝަން ނުކުރެވުނުކަމަށް އާސަންދައިން ވަނީ ބުނެފައެވެ.
އެހެންކަމުން އަނެއްކާވެސް ޗާޓާޑް ފްލައިޓެއް ބާއްވައި 18 ޖެނުއަރީގެ 4:35ގައި ކޫއްޑޫ އެއާޕޯޓުން 5:15ގައި މާލެ ގެނައިކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެއިތުރުން އާސަންދައިން ވަނީ މައުލޫމާތު ފެތުރުމުގެ ކުރިން އާއިލާއާއި މި މައްސަލައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކާ މެދު ވިސްނުމަށް މީޑިއާއާއި އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.