

އާންމުނާ ބޭނުންވާ ކަންކަން ފުރިހަމަ ކުރުމުގައި މި ސަރުކާރުގެ ވެރިން އަމަލުކުރާ ގޮތާ މެދު ރައީސް އަބްދުﷲ ޔާމީންގެ ނުރުހުމާ ފާޑުވިދާޅުވުން އާމަޒުކުރައްވައިފިއެވެ.
ބޭސް ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައި އޮންނަތާ އެތައް ދުވަހެއްވެ އެ މައްސަލަ ހައްލުކުރަން ސަރުކާރުން އެކި ތާރީޚުތައް ދިން ނަމަވެސް އެ މައްސަލައަށް އަދިވެސް އެކަށިގެންވާ ހައްލެއް ލިބިފައިނުވާތީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ޔާމީން ޕީއެންއެފް ޓައުން ހޯލު ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ރައީސް ޔާމީން ވިދާޅުވީ، އާންމުކޮށް މީހުން ކައިނޫޅޭ އަދި މަދުން ނޫނީ ނުފެންނަ ބާވަތުގެ ބަލިތަކުގެ ފަރުވާއަށް ބޭނުންވާ ބޭސް ގެންނަންޖެހޭނީ ސަރުކާރުން ކަމަށެވެ. އެކަން، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ނުކުރަނީ ކީއްވެތޯ އެ މަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން ކަމަށާ އެއީ ރައްޔިތުންގެ ވިޔަފާރި ކުންފުންޏެއް ކަމަށާ ގިނައިން ނުވިކޭ އަދި ފައިދާނުވާ ބޭސްތައް އަމިއްލަ ފާމަސީތަކުން ނުގެންނާނެ ކަމަށާ ރައްޔިތުންގެ ކުންފުނިން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭން ވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ރަށްރަށަށް ވަޑައިގެން އަދިވެސް ބިންގާ އަޅުއްވަނީ ކަމަށާއި އެއީ "ޕްރައޯރިޓީސް" ސެޓްކުރަން ނޭނގޭތީ ވާ ކަމެއް ކަމަށެވެ. އެންމެ ޒަރޫރީ އެއް ކަމަކީ ބޭސްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ އެކަން ނުކޮށް، ރަށްރަށުގައި އެކިއެކި މަޝްރޫއުތަކުގެ ބިންގާ އަޅައި، އެއާޕޯޓުތަކަށް ބިން ހިއްކުމުގެ މަސައްކަތް ކުރާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ހަމައެހެންމެ ބޭސް ނުލިބުން ފަދަ އެންމެ ޒަރޫރީ ކަންކަން ހައްލުކުރެއްވުމުގެ ބަދަލުގައި އެކިއެކި މަޝްރޫއުތަކުގެ ބިންގާ އަޅުއްވައި ބިން ހިއްކުން ފަދަ ކަންކަން ކުރައްވަނީ އެއްވެސް ވަރަކަށް ރައްޔިތުންނާ މެދު ކުލުމެއް ނެތީމާ ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، އާންމު މީހުންނާ މެދު އެއްވެސް ކުލުނެއް ހުރި ނަމަ މިހެން ކަންތައް ނުކުރާނެ ކަމަށެވެ.
މި ކަމަށް ހަމަ އެއްވެސް ކަހަލަ ސަމާލުކަމެއް، ހެލްތު މިނިސްޓަރު ވެސް ނުދެއްވަނީ، ނޫނީ ހެލްތު މިނިސްޓަރު ދެއްވާ ކަމަށްވަންޏާ ފިނޭންސް މިނިސްޓަރު ނުދެނީ. އާންމު މީހުންގެ އިހުސާސަކަށް މި ސަރުކާރުގެ ހަމަ އެއްވެސް ވަރެއްގެ ކުލުނެއް ނެތީ. ހަމަ ލޯންގް އެންޑް ޝޯޓް އޮފް އިޓް އިސް ދެޓް އެނގޭތޯ
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން ސަރުކާރުން އެކި ތާރީޚުތައް ދިން ނަމަވެސް އަދިވެސް ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ އާންމުން އަންނަނީ ބޭސް ނުލިބޭކަމުގެ ޝަކުވާ ކުރަމުންނެވެ. ޚާއްސަކޮށް ބޮޑެތި ބަލިތަކުގެ ފަރުވާއަށް ބޭނުންވާ، އާންމުކޮށް ބޭނުންނުކުރާ ޒާތުގެ ބޭސް ނުލިބޭކަމުގެ ކަންބޮޑުވުން ވަރަށް ބޮޑެވެ.
އެ ކަންކަން ހައްލުކުރަން ސަރުކާރުން ވަނީ ބޭސް ކުންފުންޏެއް އުފައްދާފައެވެ. އެކަމަކު، އެ ކުންފުނީގެ މަސައްކަތް ފަށަން އަދި ހަތަރު މަސް ނަގާނެ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.