އަރަފާތު ދުވަހަކީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރު ދައްކުވަދޭ ދުވަހެއް ކަމަށާއި އަރަފާތު ދުވަހު މުސްލިމުން އެއްތަންކުރުވަނީ މުސްލިމުންގެ އީމާންތެރިކަމުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ކުލަ ތަފާތަސް، ނަސްލު ތަފާތަސް ހުރިހާ މުސްލިމުން އެއްތަން ކުރުވާ މާތްﷲ އަށް މުނާޖާ ދަންނަވާ، އަރަފާތު ދުވަހު އަރަފާތު ބިމުގައި ތިބެ މާތްﷲ އަށް ތަލްބިޔާ ކިޔުން ހައްޖުގެ މާތް ކަމުގެ ތެރޭގައި ހިމެނެއެވެ.
އަރަފާތު ބިމުގައި ތިބޭ މަންޒަރަކީ ޝާއުގުވެރިކަމާއި އެކު މީސްތަކުންގެ ކަޅި އެ ދިމާލަށް އަނބުރައިލެވޭ މަންޒަރެއް ކަމަށާއި އެއީ މުސްލިމުންގެ އެއްބައިވަންތަކަން ހާމަކޮށްދޭ މަންޒަރެއް ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ބައިބައި ނުވެ އެންމެން އެކަތި ގަނޑަކަށްވެ މުސްލިމް އުއްމަތްތަކާއި ދެކޮޅަށް ކާފަރުން ހިންގަމުންދާ ތަފާތު އެކި އަނިޔާތަކާއި ދެކޮޅަށް ތެދުވުމަށް މިއަދު އިސްލާމީ އުއްމަތަށް ވަނީ ގޮވާލާފައެވެ.
މިއާއި އެކު ހައްޖު ދުވަހު ހައްޖުވެރިން ފިޔަވާ އެހެން މީހުން ރޯދަ ހިފުމުގެ މާތް ކަމަށްވެސް އަލިއަޅުވާލާފައިވެއެވެ. މިގޮތުން ހައްޖުވެރިންވެސް އަދި އެ ނޫން ފަރާތްތައްވެސް ގިނަގިނައިން ތަލްބިޔާ ކިޔުމަށާއި ރަސޫލާ ސ.އ.ވ އަށް ސަލަވާތް ކިޔުން އިތުރުކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
އަރަފާތު ދުވަހަކީ އެ ދުވަހެއްގައި މާތްﷲ އެކަނލާގެ ދީން ފުރިހަމަކުރެއްވި ދުވަހަށްވާއިރު މިފަދަ ބަރަކާތްތެރި ދުވަހުގައި ފާފަ ފުއްސެވުމަށް ދުޢާކޮށް ނަރަކައިން މިންޖުކޮށްދެއްވުމަށް އެދި ދަންނަވަންވެސް ހަނދާންކޮށްދީފައިވެއެވެ.
ޙައްޖުވެރީންނަށް އެ މާތްކަން މާތް الله ދެއްވައިފައިވާ އިރު އެ ޖަމާޢަތުގައި ބައިވެރި ނުވެވި ރަށުގައި ތިބޭ މީހުންނަށް ވެސް އެ ދުވަހު މާތްކަން ލިބިގަތުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެ
ތެރޭގައި ރޯދަހިފުމާއި، ޒިކުރުކުރުމާއި ދުޢާކުރުމާއި ތަކުބީރުކިޔުން ފަދަ ހެޔޮ ޢަމަލުކުރުން ހުށްޓެވެ.