
އިންޑިއާއަށް ބިރުން ޔޯގާ ޑޭ ފާހަގަކުރުން މަނާކުރަން ޕީއެންސީގެ ސަރުކާރަށް ނުކެރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ޔޯގާއަކީ ހިންދޫއިންގެ އަޅުކަމެއްގެ ތެރޭގައި ހިމެނޭ ހަރަކާތަކަށްވާތީ މިދިޔަ އަހަރު ޔޯގާ ޑޭ ފާހަގަކުރުމާ ދެކޮޅަށް މިހާރު ވެރިކަމުގައި އޮތް ޕީއެންސީ ހިމެނޭ ކޯލީޝަނުން ނުކުތެވެ. އެގޮތުން ގަލޮޅު ދަނޑުގައި އެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ އެކަން ހުއްޓުވާފައިވެއެވެ. ދީނި އިލްމުވެރިންވެސް އެކަމުގައި ހިމެނޭ އިރު އޭރު ބުނަމުން ދިޔައި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެފަދަ ހަރަކާތްތައް ހިންގިގެން ނުވާނެކަމަށެވެ.
ނަމަވެސް މިއަހަރުވެސް މިވަނީ ދުނިޔޭގެ ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކޮށްފައެވެ. އެކަމާ ގުޅިގެން ފާޑުކިޔަމުން މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބައިނަލަގުވާމީ ޔޯގާދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކުރިކަމަށާ ސަރުކާރުންވެސް ބައިވެރިވިކަމަށެވެ.
މީގެ އިތުރުން އިންޑިއާ އެމްބެސަޑަރު ރާއްޖެއާ އޮންނަ ގުޅުން ރަގަޅުވާނެކަމަށް ވިދާޅުވާތީ މިފަދަ ކަންކަން ހުއްޓުވަން ރައީސް މުއިއްޒަށް ކެރިވަޑައިނުގަންނަވާނެކަން ދޭހަވާ ފަދަ މޭރުމަކުން އެ ޕޯސްޓުގައި ލިޔެފައިވެއެވެ.
މި ޕޯސްޓަށް ކޮމެންޓުކޮށްފައިވާ ބައެއް ފަރާތްތަކުންވަނީ އަލީ ޒައިދުމެން ފަދަ ދީނި އިލްމުވެރިން ކޮބައިތޯ ސުވާލުކޮށްފައެވެ.
މީގެ އިތުރުން މިއީ ގިނަ ދީނީ އިލްމުވެރިންގެ ތާއީދާއެކު އައި ސަރުކާރެއް ނަމަވެސް މި ސަރުކާރުގެ ފަރާތުން ފެނިގެން ދަނި ޖާހިލުންގެ ސިފަކަމަށް ބުނެ ވެސް ކޮމެންޓުކޮށްފައިވެއެވެ.










