
މަސްވެރިންނަށް ލިބެންޖެހޭ އުޖޫރަ ނުލިބި 3 މަސް ވެގެން ގޮއްސި ކަމަށް މަސްވެރިން ބުނެފިއެވެ.
އެކްސްގައި ޒުވާން މަސްވެރިއަކު ކުރި ޕޯސްޓެގައި ބުނެފައި ވަނީ އުޖޫރަ ނުލިބުނު ކަމުގައި ވީނަމަވެސް މި މަސްވެރިން އަންނަނީ ކަނޑަށް ނިކުންނަމުން ކަމަށެވެ.
ކަނޑަށް ނުކުތްކަމުގައި ވީނަމަވެސް އެމީހުންގެ ގޭގައި ކާބޯތަކެތިވެސް ހަމަނުވާކަމަށް އޭނާ ވަނީ ބުނެފައިއެވެ.
މަސްވެރިން މަހަށް ނިކުންނަ އިރު އެމީހުންގެ ދަރިންގެ ސްކޫލް ފީއާއިި، ގުރުއާން ކިލާސް ފީ، އަދި ގޭގެ ބިލުތައް މަދު ނުވާކަމަށް ބުނެ އޭނާ ވަނީ ޝަކުވާ ކޮށްފައިއެވެ.
ކަން މިހެން އޮތްނަމަވެސް އެ މަސްވެރިން މަހަށް ފުރާނެ ކަމަށް އޭނާ ފާހަގަކުރީ ހިތާމައާއި އެކުގައިއެވެ.
އިތުރަށް އެ މަސްވެރިޔާ ބުނެފައި ވަނީ މިއީ ބޮޑު އަނިޔާއެއް ކަމަށެވެ. އަދި މިއީ ވެރިން މަސްވެރިންނަށް ދޭ އަނިޔާއެއް ކަމަށެވެ.
މި ސަރުކާރުން އަންނަނީ މަސްވެރިންނަށް ދޭންޖެހޭ އުޖޫރަ ލިބޭނެ ކަމަށް ވައުދުވަމުންނެވެ. ނަމަވެސް މަސްވެރިންނަށް މި ފައިސާވެސް ލިބެނީ މުޒާހަރާކޮށްގެން ކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.
މަސްވެރިން މަސްކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ދޭނެ ކަމުގެ ވައުދާ އެކު ވެރިކަމަށް އައުމަށްފަހު މަސް ދެމަސް ވެގެންދާއިރުވެސް މަސްވެރިންނަށް ފައިސާ ދިނުމުގައި ސަރުކާރުން އަންނަނީ އިހުމާލުވަމުންނެވެ.










