
އިރުގެ ކަލާނގެ ނުހިމަނައި ޔޯގާ ހަދަންޏާ އެވާނީ ކަސްރަތަށް ކަމަށް ޝެއިޚް އަލީ ޒައިދު ބުނުމުން ގިނަ ބަޔަކު ޒައިދުއަށް ރައްދުދީފިއެވެ.
އިންޑިއާ އެމްބަސީގައި އިއްޔެ ފާހަގަ ކުރި އިންޓަނޭޝަނަލް ޔޯގާ ޑޭއަށްފަހު، ކުރިން ޔޯގާ ހެދުން ކުށްވެރި ކުރި ބައެއް އިލްމުވެރިން މިހާރު އެކަން ކުށްވެރިނުކުރާތީ ފާޑުކިޔުން އަމާޒުވެފައި އޮއްވައި، ޒައިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔޯގާ އަކަށް ވަނީ އިރުގެ ކަލާނގެ ތަޤްދީސް ކުރާ ރޫހާނީ ބައިވެސް ހިމެނިގެން ކަމަށާއި އެބައި ނުހިމެނި ކުރާ ޔޯގާ އަކީ ސައްހަ ކަސްރަތެއް ކަމަށެވެ.
ނަމަވެސް މީގެ ކުރިން ރާއްޖޭގައި ޔޯގާ ޑޭ ފާހަގަކުރުމާއި ގުޅިގެން ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ އިލްމުވެރިންގެ ޖަމިއްޔާތަކުން ވަނީ އެ ހަރަކާތައް ހުރަސްއަޅާ ހަމަނުޖެހުން ހިންގާފައެވެ. މީގެ ތެރޭގައި ޒައިދުވެސް ވަނީ ޔޯގާ ނެހެދުމަށާއި ޔޯގާ އަކީ ހިންދޫ ދީނުގެ އިރުގެ ކަލާނގެއަށް ގުޅުން ހުރި ހަރަކާތެއްކަމަށް ބުނެ ގޮވާލާފައެވެ.
ޒައިދުގެ ވާހަކަތަކަށް ރައްދުދީ އާންމުންވަނީ އެކްސް ހެންޑްލައިގައި ޕޯސްޓުކޮށްފައެވެ.
އެގޮތުން ބައެއް މީހުން ޒައިދުގެ އެ ވާހަކައަށް ރައްދުދީ ބުނެފައިވަނީ، ސިޔާސީ މަންފާއަކަށްޓަކައި ކުރިން ބުނި އެއްޗެހި ކެންސަލްކޮށްފި ކަމަށާ ކޮންމެ އަހަރަކުވެސް ޔޯގާއާ ދެކޮޅަށް ކުރަމުން އައި ޓްވީޓު މި ފަހަރު މަތި އެޅުމުގެ ޓްވީޓަކަށް ބަދަލުވެފައިވާ ކަމަށެވެ.
މީގެ އިތުުރުން ޒައިދު އެކި އަހަރުތަކުގައި ޔޯގާއާ ގުޅުވާ ކޮށްފައި ހުރި ޓްވީޓުތައްވެސް ހަނދާން އައުކޮށްދީ މާޒީ ހަނދާނަށް ގެެނެސްދީފައިވެއެވެ.
ރާއްޖޭގައި ދީން ފަތުރާ އިސްލާމްދީނުގެ ހައްގުގައި ވަކާލާތުކުރާ މިފަދަ ބޭފުޅުން ފާޅުކަންބޮޑު ގޮތެއްގައި ސޯޝަލް މީޑިޔާގައި އެހެން ދީންތަކުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ހަރަކާތްތަކަށް ހިތްވަރުދީ ވާހަކަދެއްކުމަކީ އާންމުންގެ މެދުގައި ފިތުނަ އުފެދި ދީނާއި ގުޅުވާ ތަފާތުތައް އުފެދިގެންދާނެ ކަމެކެވެ.
ކުރީ ސަރުކާރުތަކުން ހިންގާ ހަރަކާތްތަކަށް ލާދީނީއަށް ގޮވާ އެ ހަރަކާތްތައް މިހާރު ހުއްދަވުމަކީ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށާއި ދީނީ އިލްމުވެރިންނަށް އަމާޒުވެގެންދާނެ ކަމެކެވެ.










