ޖަލަށް މަނާތަކެތި ވައްދާ އެކަން ހުއްޓުވުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރުމަކީ އާންމުންގެ ގިނަ ފާޑުކިޔުން އަބަދުވެސް ކަމާއި ބެހޭ އިދާރާތަކަށް އަމާޒުވާ ކަމެކެވެ.
ހޯމް މިނިސްޓަރ ޢަލީ އިހުސާން ވިދާޅުވެފައިވާ ގޮތުގައި މަސްތުވާތަކެތި ހުއްޓުވާ، ވަކި މީހަކަށް ނުބަލާ އަދަބު ތަންފީޛުކުރުމުގެ ސިޔާސަތު ދަށުން މާފުށީ ޖަލަށް ވަގަށް ވައްދާ ތަކެތި ދެނެގަތުމަށް ހާއްސަ މެޓަލް ޑިކެޓްޓަރު ހަރުކޮށްފައިވެއެވެ.
މިނިސްޓަރު ކުރިން ވިދާޅުވީ ތަކެތި ވަގަށް ވެއްދުން އެއްކޮށް ނުހުއްޓުވޭނެ ކަމަށާއި ނަމަވެސް މަދުކުރެވޭނެ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ އެކަށޭނަ ވަސީލަތްތައް ގާއިމުކުރެވިފައިނުވާ ކަމަށެވެ. މެޓަލް ޑިޓެކްޓަރ ހަރުކުރުމަކީ މިކަމަށް ހައްލެއް ގެނައުމަށް ކުރެވުނު މަސައްކަތެއް ކަމަށް މިނިސްޓަރ ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އަންނަ މަހު ހަށިގަނޑު ސްކޭންކުރާ ނުވަތަ ބޮޑީ ސްކޭނިންގ މެޝިނެއް ވެސް ބެހެއްޓުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ދައުލަތުގެ މީޑިޔާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އިހުސާން ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެ ގިނައިން ސްކޭމް ކޯލުތައް ކުރަނީ ޖަލުން ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ ޖަލުތެރޭގެ ކޮންމެ ގޮޅިއަކުން ކަހަލަ ގޮތަކަށް ފޯނު ފެންނަމުންދާ ކަމަށެވެ.
ހަމަ އެހެންމެ މަސްތުވާތަކެތިވެސް ފެންނަމުންދާ ކަމަށާއި އެކަންކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.