މަސްވެރިން ދަތި ހާލުގައި މަސައްކަތްކޮށް ހައްގު ފައިސާކޮޅު ހޯދުމަށް ސަރުކާރަށް އެދި އާދޭސް ދަންނަވާއިރު، އެ އާދޭސްތަކަށް ބީރު ކަންފަތެއްދީ މަސްވެރިން އައްޑޫގައި ކުރަމުން އަންނަ މުޒާހަރާ ރޫޅާލުމަށް ފުލުހުންގެ ބާރުގެ ބޭނުން ސަރުކާރުން ކޮށްފިއެވެ.
މިއީ ސަރުކާރުން ކުރި ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި އަމާންއޮމާންކޮށް މަސްވެރިންގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެކަމަށް ހުރަސްއެޅުމަކީ ސަރުކާރުން މަސްވެރިންނާއި މެދު ދެކޭ ގޮތް ވަރަށް ސާފުކޮށް ހާމަވާ ކަމެއް ކަމަށް ބުނެ މި ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދެއެވެ.
މީގެ އިތުރުން، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައިވެސް މަސްވެރިންނާއި އަދި އެހެނިހެން ސުލްހަ އެއްވުންތައް ރޫޅާލުމަށް ފުލުހުންގެ ބާރު ބޭނުންކޮށްފައިވެއެވެ. އޭރު އިދިކޮޅުގައި ތިއްބެވި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން ގެންދެވީ އެބޭފުޅުންގެ ވެރިކަމުގައި އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަހިކޮށްދެއްވާނެކަމަށެވެ. ނަމަވެސް ވެރިކަމުގެ އާރާއި ބާރު ލިބިވަޑައިގެންނެވުމުން ކުރީ ސަރުކާރެކޭ މިއަދުގެ ސަރުކާރެކޭ ވަކި ތަފާތެއް އޮތް ކަމަކަށް ފާހަގައެއްނުވެއެވެ.
މަސްވެރިކަން ކުރާ ފަރާތްތަކުންވެސް ކެއިން ބުއިމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ޚަރަދުކުރަން ޖެހޭ އިރު ފައިސާ ނުލިބި މަސްތަކެއް ފާއިތުވެގެން ދިޔުމުން ފެނިގެންދަނީ ވެރިކަމަށް ކުފޫ ހަމަނުވާ ދިވެހި ދަރިންގެ އިހުސާސްތައް ދަންނަން ނޭގޭވެރިކަމެއް ގާއިމުވެފައި އޮތް ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.
އައްޑޫގައި ފައިސާ ނުލިބިގެން މަސްވެރިން ވަނީ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން މުޒާހަރާކުރަން ފަށާފައެވެ.