އާދިއްތަ ދުވަހުގެ ރޭ ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ޕާޓީގެ މައި ޖަގަހަ ހުޅުވި އިރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ވަސްވެސް ނެތް ކަން ހާމަވެއްޖެއެވެ.
ޖަގަހަ ހުޅުވި އިރު ޕީޕީއެމްގެ އެއްވެސް ނިޝާނެއް ފެންނަން ނެތްތާ އެ ޕާޓީގެ އާންމު މެމްބަރަކު ވެސް ފެންނަން ނެތެވެ.
ޕީޕީއެމް އޮތީ މިހާރު ނަމެއްގައެވެ. ކޯލިޝަން އޮތަސް ޕީޕީއެމްގެ އެއްވެސް ބައްދަލުވުމެއް ނުވަތަ ޕީޕީއެމްގެ އެއްވެސް ވާހަކައެއް ވެސް، އެއްވެސް ވެރިޔަކު ދައްކަވާ މަންޒަރެއް ނުފެނެއެވެ.
ޕީޕީއެމްގެ ނައިބު ރައީސުން ކަމަށްވާ އަހުމަދު ޝިޔާމް އަދި ޢައްސާން މައުމޫން ވެސް ފެނިގެން ދަނީ ބޮޑަށް ޕީއެންސީގެ ހަރަކާތްތަކުންނެވެ.
ޕީއެންސީ އަކީ ވަރަށް މަދު މެމްބަރުންތަކެެއް އޮތް ޕާޓީއެއް ނަމަވެސް ފަހުން މި ވަނީ ޕީޕީއެމްގެ އާންމު މެމްބަރުންނަށް ބިރު ދައްކާ، ވަޒީފާގެ ހުވަފެންދައްކާ އެތައް ކަމެއްކޮށްގެން ޕީއެންސީއަށް ސޮއި ކުރުއްވާފައެވެ.
މިކަން ހާމަވެފައިވަނީ ބޮޑަށް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށެވެ. އެގޮތުން ޕީޕީއެމްގެ ފަރާތުން ކުރީ މަޖިލިސް ގައި ދާއިރާތައް ތަމްސީލް ކުރައްވަމުން ގެންދެވި ދެ މެމްބަރުން ކަމަށްވާ ސަލީމް އަދި ޠާރިގް (ޓޮމް) ވެސް މި ފަހަރު މަޖިލީހަށް ވާދަކުރެއްވީ "ޕީއެންސީ" ގެ ޓިކެޓްގައެވެ.
މި ވާހަކަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޕީޕީއެމް ފައްތާލީ ރައީސް މުއިއްޒު އަދި އަދުރޭގެ ބޮޑު ރޭވުމަކުންކަން ވަނީ ހާމަވެފައެވެ.
ޕީޕީއެމްއަށް އެތައް ހިދުމަތްތަކެއް ކޮށްދިން އާންމު މެމްބަރުން ވަނީ ބޭކާރުކޮށްލާފައެވެ. މި ޝަކުވާތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އާންމު މެމްބަރުން އަންނަނީ ކުރަމުންނެވެ.
ޕީޕީއެމްގެ ވަސްވެސް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވުމާއެކު މުޅި ސަރުކާރު ވަނީ ޑިފެންސަށް ވެސް ފައިބާފައެވެ، އެގޮތުން ޕީޕީއެމްގައި ދިރުން އޮތްކަމަަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.
ނަމަވެސް މިއަދު ގިނަ ބަޔަކު ދެކޭ ގޮތުގައި ޕީޕީއެމްގެ ވަސްވެސް ނެތެވެ.