ހައުސް އޮފް ޕީއެންސީ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ މުއިއްޒު ފައިސާ ޗާޕުނުކޮށް މިހާތަނަށް ލޯނުތަކަށް 13 ބިލިއަން ރުފިޔާ ދައްކާފައިވާކަމަށް ވިދާޅުވުމުން ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ފާޑު ވިދާޅުވެއްޖެއެވެ.
އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ލޯނުތަކަށް ފައިސާ ދެއްކި ކަމަށް ބުނާ މިންވަރާއި ފެންނަން ހުރި ކަންކަމާ ދިމާ ނުވާކަން ހާމަވެއްޖެ ކަމަށެވެ.
ފައިސާ ޗާޕުނުކޮށް މިހާތަނަށް ލޯނުތަކަށް 13 ބިލިއަން ރުފިޔާ ދައްކާފައިވާކަމަށް މުއިއްޒު ބުނެފައިވާއިރު އެއީ މުއިއްޒު ބުނާ ގޮތުންނަމަ އަމިއްލަ ކުންފުނިތަކަށް 4 ބިލިއަން ރުފިޔާ، ސަރުކާރު ކުންފުނިތަކަށް 7 ބިލިއަން ރުފިޔާ އަދި ބޭރުގެ ދަރަނިތަކަށް 2.7 ބިލިއަން ރުފިޔާ އެވެ.
މިކަމަށް ރައްދުދެއްވައި އަމީރު ވަނީ މި ސަރުކާރުން ކުރި ހަމައެކަނި ހަރަދަކީ މުސާރަ ދިނުމާއި ދަރަނި ދެއްކުންތޯ ސުވާލުކޮށްފަ އެވެ.
މި އަހަރުގެ މިހާތަނަށް ބަޖެޓުން 18 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މުސާރައަށް 5 ބިލިއަން ރުފިޔާ ހަރަދުކޮށް ބާކީ އޮތް 13 ބިިލިއަން ރުފިޔާ ހުސް ކުރީ ސަރުކާރުގެ "ދަރަނި"އަށް ތޯ އަމީރު ސުވާލު ކުރެއްވި އެވެ.
މީގެ އިތުރުން އެސްޑީއެފްގައި ފައިސާ ހުރިކަމަށް ބުނާ އަދަދުތަކަކީ ވެސް އޮޅުވާލައިގެން ބުނާ އަދަދުތަކެއް ކަމަށް އަމީރު ވިދާޅުވި އެވެ. ނޮވެމްބަރު 2023 ނިމުނުއިރު އެސް.ޑީ.އެފް ގައި ޑޮލަރުން 141.1 މިލިއަން ހުންނާނެ ކަމަށާއި އެމް.އެމް.އޭ ގައި ޑޮލަރު އެކައުންޓުގައި ކޭޝް ބެލެންސްގެ ގޮތުގައި 2 މިލިއަން ޑޮލަރު ހުންނާނެކަމަށް އަމީރު ވިދާޅުވި އެވެ.
ސަރުކާރުގެ ރަސްމީ ދަތުރުތަކާއި ގަތް ޑްރޯންތަކުގެ ޚަރަދުތައް ކޮބާތޯވެސް އަމީރު ބުނެފައިވެއެވެ.