

ނިމިގެން ދިޔަ މިއަހަރުގެ އަޟްހާ އީދާއި ދިމާކޮށް ކ. މާފުއްޓަށް އަރުވަން އުޅުނު ހުރިހާ ބަނގުރަލެއް ފުލުހުން ހިފަހައްޓާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި އިހުސާން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށަށް ބަނގުރާ އެތެކުރުން ހުއްޓުވުމަށް ހާއްސަ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އަދި މާލެއަށް ބަނގުރާ އެތެރެކުރަނީ ހުޅުމާލެ ކައިރި ސަފާރީތަކުން ކަމަށްވެސް އިހުސާން ފާހަގަކުރެއްވިއެވެ. މިގޮތުން ކަސްޓަމްސް މެދުވެރިކޮށް ސަފާރީތައް އޮޑިޓްކުރުމާއި ބަލާ ފާސްކޮށް މިފަދަ ކަންކަން ހުއްޓުވުމަށް ގިން މަސައްކަތްތައް ކުރައްވަމުން އަންނަކަމަށް ވިދާޅުވެފައިވެއެވެ.
އިހުސާން ވިދާޅުވި ގޮތުގައި، މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް 150 މިލިއަން ރުފިޔާ މަސްތުވާތަކެތި ހިފަހައްޓާފައިވެ އެވެ. އޭގެ ތެރޭގައި، ބަނގުރާ ވެސް ހިމެނެ އެވެ.