
ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެ ކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުގެ ރާއްޖޭގެ ރޭޓިން މިއަހަރު ސީސީސީ ޕްލަސް އަށް ދަށްކުރުމާއި ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން ގައުމު ދަތުރު ކުރާ މިސްރާބާއި މެދު ބައިނަލް އަގްވާމީ މާލީ އިދާރާތަކާ ކްރެޑިޓް ރޭޓިން އެޖެންސީ ތަކުން ރާއްޖެ މިދަނީ ބަނގުރޫޓްވުމާ ދިމާލަށް ކަމަށް ބުނަމުންދާއިރު މި މައްސަލަތައް ސީރިއަސް ކަމާއިއެކު ބެއްލެވުމަށް ރައީސް މުއިއްޒަށް ޑރ ޖަމީލް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ޚަރަދު ކުޑަކުރައްވަން ވައުދުވެ ރައްޔިތުން އިތުބާރުކޮށް ވެރިކަމަށް ހޮވާފައިވާއިރު ގައުމު ސަލާމަތް ކުރުމަށް ފިޔަވަޅުތައް މިހާރުން މިހާރަށް ނެންގެވުމަށްވެސް ޑރ ޖަމީލްގެ އެކްސް ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.
މި ގައުމަށް ދެރަ ގޮތެއް ވާން އެެއްވެސް ދިވެހި ދަރިއެއް ބޭނުންނުވާނެ ކަމަށާއި އިލްމީ ގާބިލް ފަންނުވެރި ފަރާތްތަކާއި ޒިންމާތައް ހަވާލުކޮށް ގައުމު ރަނގަޅު މިސްރާބަކަށް ގެންދިއުމަށް ޑރ ޖަމީލް ވިދާޅުވިއެވެ.










