މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މުހައްމަދު ޖަމީލް ނިޔާވީ އޭނާއަށް ޖަލުތެރޭގައި އަނިޔާކޮށްގެން ކަމަށް މައުލޫމާތު ލިބުމުން އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
އެގޮތުން ބައެއް ފަރާތްތަކުން ބުނެފައިވަނީ އަނިޔާ ކޮށްގެން ޖަމީލަށް ނުހިނގިގެން ގެންދަނިކޮށް ވެސް ބައެއް ގައިދީންނަށް ފެނިފައިވާ ކަމަށާއި ސިއްހީ ފަރުވާ ނުދީ ބާއްވާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުން މީިޑިޔާ ގްރޫޕަށް ފޮނުވި މެސެޖްގައި ބުނެފައިވަނީ ޖަލުގައި ގައިދީއަކު މަރުވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ކަރެކްޝަނުން ވަނީ ޖަމީލް އަށް އަނިޔާކުރި ކަމަށްބުނެ ދައްކަމުން އަންނަ ވާހަކަތައް ދޮގުކޮށްފައެވެ.
އެހެން ކަމުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޖަމީލް މިއަދު ނިޔާވެފައިވާއިރު، އޭނާ އަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށާއި އަދި އެއީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.