theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
30 މިލިއަން ރުފިޔާ ޕެންޑިން ބިލާއެކު، ގައިދީންގެ ކޮއްތު ހުއްޓިދާނެ ކަމުގެ ބިރު،! / ފޭސްބުކް
ހަބަރު
30 މިލިއަން ރުފިޔާ ޕެންޑިން ބިލާއެކު، ގައިދީންގެ ކޮއްތު ހުއްޓިދާނެ ކަމުގެ ބިރު!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
09 ޖުލައި 2025
މާލެ ސިޓީ

ކަރެކްޝަންސްއިން ބަލަހައްޓަމުންދާ ޖަލުތަކުގައި ތިބޭ ގައިދީންނަށާއި އޮފިސަރުންނަށް ކާން ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަން ދިމާވާ އެންމެ ބޮޑު ދައްޗަކީ ފިނޭންސް މިނިސްޓްރީން ބިލުތަކަށް ފައިސާ ނުދިނުން ކަމަށް އެ އިދާރާގެ ވެރިން ރައްޔިތުންގެ މަޖިލީހުގައި ބުނެފި އެވެ.

ޕްރިސްކޯގެ ވެރިން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ޕްރިސްކޯ އެ ކޮމިޓީއަށް ހާޒިރުކުރީ އެ އެ ސޮސައިޓީގެ ދަށުން މާލޭ ސަރަހައްދު ޖަލުތަކުގެ ކޭޓަރިންގެ ހިދުމަތް ފޯރުކޮށްދެމުންދާއިރު މާފުށީ ޖަލު ފިޔަވައި ދެން ހުރި ޖަލުތަކުގެ އެ ހިދުމަތް ޓެންޑާ ބޯޑުގެ ބެލުމުގެ ދަށުން ކުރިއަށް ނުގެންދާތީ އެކަން އެގޮތަށް ކުރާ ސަބަބު ސާފުކުރުމަށެވެ. އަދި އެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ ބައެއް ޝަކުވާތަކާ ގުޅިގެންނެވެ.

މި ބައްދަލުވުމުގައި ޕްރިސްކޯގެ ޗެއާ އަދި ބޯޑު މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

ޕްރިސްކޯއިން ބުނީ ގަވާއިދުން ގަޑިންގަޑިއަށް ކާން ނުދެވުމަކީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި މަސްލަހަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި މިއީ، ކަރެކްޝަނުން ކޯޓާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ޖަވާބުދާރީވާން ޖެހޭ ކަންކަން ކަމަށް އެ ކޯޕަރޭޓިވްގެ އޮފިޝަލަކު ބުންޏެވެ.

އެހެންވެ، ގައިދީންނަށް ކާން ދިނުމުގެ ކަންކަމުގެ ކޮންޓްރޯލް ކަރެކްޝަނުގައި އޮތުން މުހިންމު ކަމަށް ޕްރިސްކޯގެ އޮފިޝަލް ބުންޏެވެ. އަދި މިހާރު އޮތް ގޮތަށް ޕްރިސްކޯގެ ދަަށަށް އެކަންކަން ބަދަލުކުރެވިގެން ދިޔައީ، ކާން ދިނުމުގެ ހިދުމަތަށް ބުރޫއަރައި، ޖަލުގެ މަސްލަހަތު ގެއްލިގެންދާ ފަދަ ހާލަތެެއް ކުރިމަތިވިޔަ ނުދިނުމަށް ކަމަށް އޭނާ ބުންޏެވެ.

ޕްރިސްކޯ ބައިވެރިނުވެ ޑެންޓާ ބޯޑުން އިއުލާންކޮށްގެން އެ ހިދުމަތް ދޭން ބަޔަކާ ހަވާލުނުކުރެވެންވީ ސަބަބަކީ ކޮބައިތޯ ސުވާލުކުރުމުން ޕްރިސްކޯގެ ޗެއާ މޫސާ އަންވަރު ވިދާޅުވީ ކާން ދިނުމުގެ ކަންކަން ކުރާ ފަރާތް، ޕްރިސްކޯއާއެކު އެއްބަސްވުމެއް ހަދާފައި އޮތުމުގެ އެންމެ ބޮޑު ބޭނުމަކީ އެކަމުގެ ކޮންޓްރޯލު ކަރެކްޝަންސްއަށް ބޭއްވުން ކަމަށެވެ.

މިހާރު އެ ހިދުމަތް ހަވާލުކޮށްފައި އޮތީ މޭނާ ކޭޓަރިންނާ އެވެ. މޭނާއަށް ދޭންޖެހި މިހާތަނަށް ނުދީ އޮތް ފައިސާގެ އަދަދު 30 މިލިއަން ރުފިޔާ އަރާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެހެން ކުންފުނިތަކާ ހިލާފަށް ފައިސާ ނުލިބޭތީ ހިދުމަތައް އެމީހުން ދަތިނުކުރާ ކަމަށް ވިދާޅުވި އެވެ.

ޖަލުތަކުގެ އޮޕަރޭޝަން މި ގޮތަށް ހިންގާ އިރުގައި، ހިދުމަތްދޭ ފަރާތުގެ އެއްވެސް ކަހަލަ ތަކުލީފެއް، ނޫނީ މީގެ ގޯހެއް، ނޫނިއްޔާމުން އެ މީހުންގެ ފަރާތުން މީގެ ކަމެއް ދިމާވެއްޖެއްޔާމުން އަޅުގަނޑުމެން މުޅި އޮޕަރޭޝަން ހުއްޓާލަން ޖެހޭ، މިހާރު މޭނާ ކޭޓަރިންއަށް ދޭންޖެހޭ ޕެންޑިން ބިލްސްގެ ތެރޭގައި 19 މިލިއަން ރުފިޔާ ހިމެނޭ، މާފުށީ ޖަލު އޮފިސަރުންގެ ކޮއްތުގެ ޕެންޑިންގައި ވެސް 11 މިލިއަން ރުފިޔާ އެބަހުރި ދައުލަތުން ދޭންޖެހޭ

- މޫސާ

ބައެއް ފަހަރު ކާއެއްޗެހި ނައިސްގެން އެތަކެތި ބަލައި ޖަލު އޮފިސަރުން ގޮސްފައި ހުންނާނެ ކަމަށާއި ބައެއް ފަހަރު ހާރުދަމުގެ ކެއުން ހަނދާންނެތިގެން ނުކައްކާ ހުންނަ ފަހަރުތައްވެސް ދާކަމަށް ޕްރިސްކޯއިން ބުންޏެވެ. އެކަންކަމަކީ ގައިދީން ގަބޫލުކުރާ ކަންކަން ނޫން ކަމަށާއި އެފަދަ ހާލަތްތަކުގައި ޖަލުގެ ކޮންޓްރޯލު ބެލެހެއްޓުމަށް އުނދަގޫވާ ކަމަށް ޕްރިސްކޯއިން އިތުރަށް ބުނެއެވެ.

ކަރެކްޝަނުން މި ޝަކުވާތައް އޮއްސާލިއިރު، ގިނަ ވިޔަފާރިތަކުން، ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، ވެސް އަންނަނީ މި ޝަކުވާ ކުރަމުންނެވެ. ސޯލިހު ސަރުކާރުން ވާރުތަވީ ބިލުތައް ހިމެނޭހެން ބިލުތަކަށް ގަވާއިދުން ފައިސާ ދައްކަމުން އަންނަ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ގިނަ ވިޔަފާރިތަކުން ބުނަނީ ލިބެން ޖެހޭ ފައިސާތައް އަދިވެސް ނުލިބޭ ކަމަށެވެ. އެކަމުގެ ދަތިން އަރައިނުގަނެވި ގނަ ވިޔަފާރިތައް މިހާރު އަންނަނީ ބަންދު ވެސް ކުރަމުން ނެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved