ގދ އަތޮޅު ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން / ތިނަދޫ ކައުންސިލް
ސިޔާސީ
ގދ. އަތޮޅު ކައުންސިލަރުން ކުރި ބޮޑު ޚަރަދު ފަޅައަރައިފި
Aishath Naja
އައިޝަތު ނަޖާ
01 ޖުލައި 2024
މާލެ ސިޓީ

މިއަހަރުގެ ތެރޭގައި ގދ. އަތޮޅު ކައުންސިލުން ތުރުކީ އަށާއި ދުބާއީއަށް ދަތުރުކޮށް އެ ދަތުރަށް 837,000ރ. (އަށް ލައްކަ ތިރީސް ހަތް ހާސް) ރުފިޔާ ހަރަދުކޮށްފައިވާ ކަން ހާމަވެއްޖެއެވެ.

ކައުންސިލްތަކުން މާލީ ޒިންމާދާރުކަމެއް ނެތި ހަރަދުކުރާތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ ފިސްކަލް ޒިންމާއަށް ޒިންމާވުމުގެ ބާރު ދައުލަތުގައި ނެތް ހާލަތު މިހާރު އޮތް ބައެއް ގާނޫނުތަކުގެ ސަބަބުން ފަހިވެފައިވާ ކަމަށެވެ.

ކައުންސިލްތަކުގެ ގާނޫނުގެ ދަށުން ދީފައިވާ ބާރު ކައުންސިލްތަކުން ހިފަނީ އެއްވެސް މާލީ ޒިންމާދާރުކަމެއް ނެތި ކަމަށް ވިދާޅުވެ އޭނާ ވަނީ ގދ އަތޮޅު ކައުންސިލަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ޖުލައި 26 ގެ ބަންދުގައި ވެސް ހއ. އަތޮޅު ކައުންސިލަރުން ބެންކޮކް ދަތުރެއް ރާވާފައިވާ ކަމަށް ވިދާޅުވެ ނާޒިމް ގދ. އަތޮޅު ކައުންސިލުން ކުރި ދަތުރުގެ ތަފްސީލު ހިއްސާކުރައްވާފަ އެވެ.

އެގޮތުން ގދ އަތޮޅު ކައުންސިލަރުން 12 ދުވަހަށް ތުރުކީއަށް ތިން ދުވަހަށް ދުބާއީއަށް ދަތުރުކުރުމަށް 837,078.96ރ. (އަށްލައްކަ ތިރީސް ހަތް ހާސް ހަތްދިހަ އަށް ރުފިޔާ) ހަރަދުކޮށްފައިވާ ކަމަށާއި ޑޮލަރު ގަތީ ކަޅު ބާޒާރުން 17.60ރ. އަށް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި އެޔަށްވުރެ ޒިންމާ ވާން ޖެހޭނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ގދ. އަތޮޅު ކައުންސިލްގައި ތިބެނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved