theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ސިޔާސީ
އަނެއްކާވެސް މުއިއްޒު ކުރެޑިޓް ނަންގަވަނީ، ކައުންސިލްތަކަށް ގްރާންޓު ދޫކުރާއިރު ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރާނެކަމަށް ވިދާޅުވިއިރު މިހާރުވެސް ރިއާޔަތްކުރޭ!
06 ސެޕްޓެމްބަރު 2025

ކައުންސިލުތަކަށް ބަޖެޓު ދޭ އިރު ރަށުގެ އާބާދީއަށް ބެލުމުގެ އިތުރުން ރަށުގެ ބޮޑު މިނަށް ބަލާފައި ބަޖެޓު ކަނޑައަޅާ ގޮތަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއިރު ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދޭއިރު މިހާރު ވެސް ރަށުގެ ބޮޑު މިނަށް ބަލާކަން ހާމަވެއްޖެއެވެ.

އެކްސްގައި މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓު ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ފިސްކަލް ފޯމިއުލާގައި ވާގޮތުން އާބާދީ ކުޑަ ރަށްރަށަށް ލިބޭ އަދަދު މަދު ކަމަށެވެ. ނަމަވެސް އާބާދީ މަދަސް، ބިމުގެ ގޮތުން ބޮޑެތި ރަށްރަށުގައި މުނިސިޕަލް ހިދުމަތްތައް މަދު ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެކަން ހައްލު ކުރުމަށްޓަކައި ފިސްކަލް ފޯމިއުލާ މުރާޖާ ކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތް ކުރެވޭ ގޮތަށް ބަދަލުކޮށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅާނީ އެ ބަދަލާއެކުގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ފައިސާ ނުވަތަ ބްލޮކް ގްރާންޓަކީ ލާމަރުކަޒީ ގާނޫނުގެ 79 ވަނަ މާއްދާގެ ހ. ގެ ދަށުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއް ބޭނުން ކޮށްގެން ދޫކުރާ ފައިސާ އެކެވެ. ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް ދޭންޖެހޭ ފައިސާގެ އަދަދުތައް އޮންނަނީ ގާނޫނުގައި ވެސް ކަނޑައަޅައިފަ އެވެ.

އެގޮތުން ސަރުކާރުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނައި ބަޖެޓު ފާސްވުމުން ފާސްވި ބަޖެޓާ އެއްގޮތަށް ދައުލަތުގެ އެ އަހަރެއްގެ އާމްދަނީގެ ގޮތުގައި އަންދާޒާ ކުރާ މިންވަރުގެ މަދުވެގެން ފަސް ޕަސެންޓާ އެއްވަރުގެ އަދަދެއްގެ ފައިސާ ކައުންސިލްތަކަށް ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވެ އެވެ.

އަދި ކައުންސިލުތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ފަޅާއި ބިމާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 40 ޕަސެންޓަށްވާ ފައިސާ ކައުންސިލްތަކަށް ދޭން އެ ގާނޫނުން ލާޒިމު ކުރެ އެވެ.

އެ ފައިސާ ދޫކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން ފިސްކަލް ފޯމިއުލާ އެކުލަވައިލުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަން ވެސް ލާމަރުކަޒީ ގާނޫނުގެ 79 ވަނަ މާއްދާގެ ބ. ގައި ބަޔާން ކޮށްފައިވެ އެވެ. އޭގެތެރޭގައި ރަށުގެ ނުވަތަ ސިޓީ ކައުންސިލުގެ އާބާދީއަށާއި ރަށުގެ ބިމާއި ބަނދަރާއި ފަޅުން ބޭނުންހިފާ ސަރައްދަށް ރިއާޔަތް ކުރަންޖެހޭނެ ކަމަށް އެ އަކުރުގައި ސާފުކޮށް ބަޔާން ކޮށްފައިވެ އޮވެ އެވެ.

އެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބްލޮކް ގްރާންޓު ފުރަތަމަ ދޫކުރަން ފެށީ 2020 ވަނަ އަހަރު އެވެ. އެ އަހަރު ކައުންސިލްތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީން އެކުލަވައިލި ފިސްކަލް ފޯމިއުލާގައި ވެސް ދެވަނައަށް އެންމެ ބޮޑު ބުރަދަނެއް ދީފައި ވަނީ ރަށުގެ ބޮޑު މިނަށެވެ.

އެގޮތުން 2020 ވަނަ އަހަރު ރަށު ކައުންސިލްތަކަށް ފައިސާ ދޫކުރިއިރު، ރަށުގެ ބޮޑު މިނަށް 10 ޕަސެންޓުގެ ބަރުދަނެއް ދީފައިވެ އެވެ. އޭގެފަހުން 2022 ވަނަ އަހަރާ ހަމައަށް ވެސް ފައިސާ ދޫކޮށްފައި ވަނީ ރަށުގެ ބޮޑު މިނަށް 10 ޕަސެންޓުގެ ބަރުދަނެއް ދީގެންނެވެ.

އޭގެފަހުން 2023 ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމައަށް ވެސް ރަށު ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދޫކުރަމުން އައިސްފައި ވަނީ ރަށުގެ ބޮޑު މިނަށް ހަތެއް ޕޮއިންޓް ފަސް ޕަސެންޓުގެ ބުރަދަނެއް ދީގެންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved