March 20, 2026
Advertisement
މަޖިލީހުގެ ޖަލްސާ
މަޖިލީހުގެ ޖަލްސާ / -

ދަރަންޏާ ބެހޭ ބިލް ރައްޔިތުންގެ މަޖިލިހަށް ބަލައިގަނެފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 3, 2024, 10:59 PM
މާލެ ސިޓީ

ސަރުކާރުން ހުށައެޅި ދައުލަތުގެ ދަރަންޏާ ބެހޭ ބިލް ރައްޔިތުންގެ މަޖިލިހަށް ބަލައިގަނެ ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

Advertisement

މި ބިލް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ. ބިލުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދައުލަތުގެ ދަރަނި މެނޭޖްކޮށް ގައުމުގެ އިގުތިސާދީ ފުދުންތެރިކަން ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތް ކަށަވަރުކުރުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އަދުގެ ޖަލްސާގައި މި ބިލަށް ބަހުސްކުރުމަށް ފަހު ވޯޓުގައި ބައިވެރިވި 78 މެންބަރުންގެ ވޯޓާއެކު ވަނީ މަޖިލިހަސް ބިލު ބަލައިގަތުމަށް ފާސްކޮށްފައެވެ.

މި ބިލުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ ދަރަނި ނެގުމާ ބެހޭ އުސޫލުތައް، ދަރަނި މެނޭޖުކުރުމާ ބެހޭ އުސޫލުތައް، ދައުލަތުގެ ދަރަންޏާ ބެހޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓް ކުރުމާ ގުޅޭ އުސޫލުތައް އަދި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުގެ ސޮވެރިން ގެރެންޓީ ދިނުމާ ބެހޭ އުސޫލުތައް ހިމެނެ އެވެ.

މީގެ އިތުރުން ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތުތައް އެކްސްޓާނަލް އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓެއް ހަދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 15 ކުރިން ފާސްކުރަން ޖެހޭނެ ކަމަށްވެސް މި ބިލުގައި ބުނެފައިވެއެވެ.

ދަރަންޏާ ބެހޭ ބިލެއް ސަރުކާރުން ހުށަހަޅާފައި މިވަނީ ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އަޅުވައި މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ނިންމަވާފައިވާކަން ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved