

ޚަރަދު ކުޑަކުރުން މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނަމެއްގައި ކުރާކަމެއްކަން ހާމަވެއްޖެއެވެ.
ދައުލަތުގެ ދަރަނިތައް އާމްދަނީއާ ނުބައްދަލުވެގެން ރައީސް މުއިއްޒު ޚަރަދު ކުޑަކުރުމުގެ ފިޔަވޅުތަކެއް އަޅުއްވަން ނިންމަވާ އެކަން އިއުލާންކުރި ފަހުންވެސް ދައުލަތުގެ އެކި އެކި އިދާރަތަކާ ކުންފުނިތަކުގެ އެކި އެކި މަގާމުތަކަށް "ބޮޑު" މުސާރައިގައި މީހުން އައްޔަންކޮށްފައިވެއެވެ.
އެގޮތުން ސަރުކާރުގެ މަގު ހަދާ ކުންފުނި، އާރުޑީސީއަށް 35،000ރ. ގެ މުސާރާގައި ދެ ކޮންސަލްޓެންޓުން ވަނީ ނަގާފައެވެ.
ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ އާރުޑީސީއިން ހަރަދުކުޑަކުރުމަށް ނިންމައި މުވައްޒަފުންނަށް ޖުލައި 4، ގައި މެމޯއެއް ފޮނުވި އެވެ. އެ ކުންފުނިން މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމީ ސަރުކާރުގެ މާލީ ހާލަތު ގޯހުން ގޯހަށްދާ މި ދަނޑިވަޅުގައި، ހަރަދު ކުޑަކުރުމަށް ސަރުކާރުން ވެސް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.
ނަމަވެސް ހަމަ އެ ދުވަހު އާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީހު ވަނީ މުވައްޒަފުންނަށް އިތުރު މެމޯއެއް ފޮނުވާފަ އެވެ.
ކުންފުނީގެ ހިއުމަން ރިސޯސަސް މަސައްކަތްތަކާއި ރިޕެއާ އެންޑް މެއިންޓަނަންސްގެ މަސައްކަތްތައް ތަރުތީބުކުރުމަށް އަލަށް ނަގާފައިވާ ދެ ކޮންސަލްޓެންޓުންގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް ވަނީ އެ މެމޯގައި އެދިފައިވެ އެވެ. ރިޕެއާ އެންޑް މެއިންޓަނަންސް ކޮންސަލްޓަންޓަކަށް ނަގާފައިވަނީ މޭޖާ ރިޓަޔާޑް އަލީ ނަޖީބް އެވެ. އެޗްއާރު ކޮންސަލްޓަންޓަކަށް ނަގާފައިވަނީ ޣުފްރާން އަބްދުލްޣަނީއެވެ.
ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް އިތުރުވެފައިވާއިރު، ޚާއްސަކޮށް ރިކަރަންޓު ޚަރަދަށް ދައުލަތުން ބޮޑު ހޭދައެއް ކުރާކަން ހިސާބުތަކުން ހާމަވާއިރު ދައުލަތުގެ ޚަރަދުތައް ކުޑަކޮށް އިގްތިސޯދީ އިސްލާހީ ފިޔަވަޅުތަކެއް ނާޅައިފިނަމަ ރާއްޖެ ބަނގުރޫޓުވާނެކަމުގެ އިންޒާރު ދުނިޔޭގެ މާލީ އިދާރާތަކުން ދީފައިވެއެވެ.
ނަމަވެސް ރައީސް މުއިއްޒު ހުރިހާ ކަމެއްގައި ގެންގުޅުއްވާ އުސޫލުން ޚަރަދު ކުޑަކުރައްވަން ފިޔަވަޅުތަކެއް އަޅުއްވާކަމަށް ވިދާޅުވުމަށް ފަހު ގެންދަވަނީ އެކަމާ ދިމާ އިދިކޮޅަށް އަމަލުފުޅުތައް ބަހައްޓަވަމުންނެވެ.