April 15, 2026
Advertisement
 ކަޅުއޮށްފުންމި
ކަޅުއޮށްފުންމި / ޕީއެސްއެމް

ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައަކަތް ފަށައިފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 23, 2024, 09:44 PM

އަލިރަސްގެފާނު ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅު ކަމުގައިވާ ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

Advertisement

މިކަމާއި ގުޅޭގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، މާލެ ގެނައުމަށް ހަމަޖެހިފައިވަނީ އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅުގެ ނަކަލުކަމަށެވެ.

އެ އޮޑިކޮޅު ގެނައުމަށް ހަމަޖެހިފައިވަނީ މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނަށް ކަމަށްވެސް އެ އިދާރާއިން ވަނީ އިއުލާންކޮށްފައެވެ.

ކަޅުވަކަރު މިސްކިތް ހުރި މައިދާނުގައި ކަޅުއޮށްފުންމި ބެހެއްޓުމަށް ކަނޑައެޅުނީ  އޮޑިކޮޅު ގެނައުމަށް ފަހު ބެހެއްޓުމަށް އެކަށީގެންވާ ތިން ސަރަޙައްދެއްގެ ސަރވޭ ކުރުމަށް ފަހު ކަމަށް ވެސް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. 

މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަޅުއޮށްފުންމީގެ ނަކަލު ބަދެވުނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެންނެވެ.

އެކި މަރުޙަލާތަކަށް ބަހާލައިގެން ކަޅުއޮށްފުންމި އާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެވުޒާރާއިން ވަނީ ރާވާފައެވެ. މިގޮތުން މިހާރު ކުރިއަށް ދާ މުހިންމު މަސައްކަތް ތަކަކީ އުޅަނދުގެ މަރާމާތަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މާލެ ގެނައުމަށް ޢަމަލު ކުރާނެ ގޮތެއް ހަމަޖެއްސުން ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ. އަދި މި މަޝްރޫއު ކުރިއަށް އޮތް 3 ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށްވެސް ވަނީ އެ ވުޒާރާއިން ބުނެފައެެވެ.

ކަޅުއޮށްފުންމި މާލެ ގެނެސް މަރާމާތުގެ މަސައްކަތްތަކަށް ފަހު ޢާއްމުންނަށް ޒިޔާރަތް ކުރެވޭގޮތަށް ހުޅުވާލުމަށް ހަމަޖެހިފައިވާއިރު އޮޑިކޮޅު ގެނެސް އެކަމަށް ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved