ސަރުކާރުގައި ތިއްބެވި ބޭފުޅުން ޒާތީ ގޮތުން ދިމާކުރިޔަސް އެމަނިކުފާނު ފަހަތަށް ނުޖެއްސޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ދަ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީއެންއެފް އޮތީ ރައްޔިތުންނާއެކު ކަމަށާއި ރަސްމީކޮށް އިދިކޮޅުގައި ތިބީ އެމްޑީޕީން ކަމަށެވެ. އަދި ޕީއެންއެފްގެ ޕޯޑިއަމްގައި ދައްކަނީ ރައްޔިތުންނަށް ކަންބޮޑުވާ ކަންކަމާއި، ގައުމުގެ ހާލަތު އޮތް ގޮތުން ރަނގަޅު ކުރަންޖެހޭ ކަންކަމުގެ ވާހަކަތައް ކަމަށެވެ.
އޭގެ ބަދަލުގައި ޕީއެންސީގެ ޕޯޑިއަމްގައި ޒާތީ ގޮތުން ޕީއެންއެފްގެ ބޭފުޅުންނާއި ދިމާއަށް އެއްޗެހި ކިޔަސް ހައްލުކުރަންޖެހޭ ކަންކަމަށް ހައްލުތަކެއް ނުލިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގައި ތިއްބެވި ބޭފުޅުން ކުރަންވީ ކަމަކީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުން ކަމަށާއި ޒާތީ ގޮތުން ދިމާކުރިޔަސް ޕީއެންއެފްގެ ބޭފުޅުންނަށް އަސަރެއް ނުކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަޅުގަޑުގެ ވެސް، ހުސެއިންގެ ވެސް، ޖަމީލުގެ ވެސް، އަޅުގަޑުމެންގެ ހަން ވަރަށް ބޯވާނެ. އެޔަކުންނެއް އަޅުގަޑުމެންނަކަށް އަސަރެއް ނުކުރާނެ
ރައީސް ޔާމީން ވިދާޅުވީ ކަންކަމުގައި ބިރެއް ވެސް ނުގަންނާނެ ކަމަށާއި މިހާރުވެސް ޕީއެންއެފްގެ ޕޯޑިއަމްގައި ދައްކަމުންދާ ވާހަކަތައް އެގޮތުގައި ދައްކަމުންދާނެ ކަމަށެވެ. އަދި ބިރު ދެއްކުމުގެ ގޮތުން ތަންތަނަށް ހާޒިރުކުރާނަމަ އެތަނަކަށް ދާނެ ކަމަށާއި ނަމަވެސް އެންމެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު ބަހާއި އަމަލު ދިމާކުރައްވަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބަލަން އުޅޭގޮތަށް ރައީސް މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ސިޓީ ކައުންސިލްގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ވެސް ބެލުމަށް ރައީސް ޔާމީން ގޮވާލެއްވިއެވެ.