ދައުލަތުގެ އެއްވެސް އެސެޓަކަށް ނުވަތަ މުދަލާއި ފައިސާއަށް އެއްވެސް ސަރުކާރަކުން ނުވަތަ އެއްވެސް ފަރާތަކުން ޣައްދާރުވެފައިވާނަމަ އެ މައްސަލަ ބަލާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ފުލުހުންނާއި ގުޅިގެން އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވެ ޣައްދާރުވެފައިވާނަމަ އެމީހަކު އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށާއި އެއްވެސް މީހެއްގެ މޫނަށް ކަނދުރާއަކަށް ބެލުމެއް ނެތި އިންސާފު ޤާއިމު ކުރާނެ ކަމަށެވެ.
އިހުސާން ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއެއްގޮތަށް ރާއްޖޭގައި އިންސާފު ޤާއިމުކުރުމަށް ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްޤު އަދަބު ދޭނެ ކަމަށެވެ. މިހާރުގެ އެކި މައްސަލަތަކުގެ ތަހުޤީގު ކުރިޔަށްދާކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ގުޅިގެން ކުރިއަށް އޮތްތަނުގައިވެސް އެމަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އޭސީސީއަށް ބޭނުންވާ އެއްބާރުލުން ފުލުހުންގެ ފަރާތުން ދެއްވާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.