ގައުމުގެ މާލީ ހާލަތު ދަށްވެފައިވާތީ ޚަރަދު ކުޑަކުރަން ސިޔާސީ މަގާމުތަކުން މީހުން ވަކިކުރަން ނިންމާފައިވާކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވުމަށް ފަހު ސިޔާސީ ގިނަ މުވައްޒަފުންތަކެއް ސަރުކާރު ހިއްސަވާ ދެ ކުންފުންޏަކަށް ބަދަލުކުރަން އުޅޭކަން ހާމަވެއްޖެއެވެ.
ތޭރަ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުތަކުން މީހުން މަދު ކުރާނެކަމަށް ބުނި ނަމަވެސް އެއީ ވެސް ބޮޑު އޮޅުވާލުމެެވެ. އެގޮތުން މިހާރު 42 ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންތަކެއް ސަރުކާރުގެ ހިއްސާ އޮތް ދެ ކުންފުނި ކަމަށްވާ އެމްޓީސީސީއަށާ އަދި އެސްޓީއޯއަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައިކަން ތޭރަ އޮންލައިނަށް ވަނީ ކަށަވަރުވެފައެވެ.
މިކަމުގެ މައުލޫމާތު އެނގިހުރި ސަރުކާރުގެ އިސް އޮފިޝަލަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ކިޔައިދީފައިވާ ގޮތުގައި ނައިބު ވަޒީރުންގެ ލެވެލު އިން ފެށިގެން ގޮސް ޕޮލިޓިކަލް ޑިރެކްޓަރުންގެ މަގާމާ ހަމައަށް ހިމެނޭހެން 42 މީހަކު މި ދެ ކުންފުންޏަށް ހަމަހަމަކޮށް ބަހާލަން ސަރުކާރުން ވަނީ ނިންމާފައެވެ.
ނަމަވެސް މިކަމާ މެދު ދެ ކުންފުނީގެ ވެރިންވެސް ތިބީ ހިތްހަމަ ނުޖެހިފައިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އެމްޓީސީސީ އާ އެސްޓިއޯ އަށް ގިނަ ސިޔާސީ މުވައްޒަފުން ބަދަލުކުރަން ސަރުކާރުން ނިންމާފައިވާއިރު މި ދެ ކުންފުންޏަކީ ވެސް މާލީ ހާލަތު ގޯސް ދެ ކުންފުނިކަން ފާހަގަކޮށްލެވެއެވެ.
އެސްއޯއީތަކުގެ ދަރަނި 35 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު އޭގެ ހިރާސް އޮތް އެގާރަ ކުންފުނީގެ ތެރޭގައި އެސްޓީއޯ ހިމެނެއެވެ.