

ޣައްޒާއަށް ސަހްޔޫނީން ދެމުންދާ ނިރުބަވެރި ހަމަލާތަކުގައި ޔަހޫދީ ފައުޖުގެ އަމާޒު ޣައްޒާގެ މެދާއި ދެކުނަށް އަނބުރައިލައިފިކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.
ނިރުބަވެރި ސަހްޔޫނީން ޣައްޒާގެ އަލް-މަވާސީ ރެފިއުޖީ ކޭމްޕަށް ރަޙުމު ކުޑަ ޙަމަލާތަކެއްދީ 91 މުސްލިމުން ޝަހީދު ކޮށްލާފައިވެއެވެ. އެއަށް ފަހު މިހާރު އެ ފައުޖުތައް ވަނީ ޣައްޒާގައި މެދުތެރޭގައި އޮންނަ ދެ ރެފިއުޖީ ކޭމްޕު ކަމުގައިވާ އަލް-ބުރަޔިޖާއި އަލް-މަޣާޒީއަށް ޙަމަލާތައް އިތުރު ކޮށްފައެވެ. އަދި ޣައްޒާގެ މެދުތެރޭގައި އޮންނަ ދަޔިރް އަލް-ބަލަޙާއަށްވެސް ވަނީ ހަމަލާތައް ދޭން ފަށަފައެވެ.
އެގޮތުން ފާއިތުވި ދެ ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ރަފަޙާއި, އަލް-ބުރަޔިޖާއި, އަލް-މަޣާޒީގެ އިތުރުން ދަޔިރް އަލް-ބަލަޙަށް ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 80އަށްވުރެ ގިނަ ޢަދަދަކަށް ކުޑަކުދިން ހިމެނެއެވެ.
ޚާން ޔޫނިސްގައި ހުޅަނގުން އޮންނަ މަވާސީއަށް ދިން ޙަމަލާތައް ޔަހޫދީ ފައުޖުން އަމާޒު ކޮށްފައި ވަނީ އެތަކެއް ސަތޭކަ ހާސް ރެފިއުޖީން ދިރިއުޅެމުން ދިޔަ ފޭލިގެތައް ޖަހާފައިވާ ސަރަޙައްދަށެވެ. އެ ޙަމަލާގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 300އަށް އުފުލިފައެވެ.
މަވާސީއަށް ފަހު ޔަހޫދީންގެ ޙަމަލާތައް އިތުރު ކޮށްފައިވާ ރަށްތަކުގެ ތެރޭގައި ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙް ހިމެނެއެވެ. އެ ރަށުގެ ރައްޔިތުން ބުނީ, އެ ރަށުގެ ހުޅަނގާއި މެދުތެރޭގައި ހުރި ޢާންމުންގެ ގެދޮރަށް ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތައް އިތުރު ކޮށްފައިވާ ކަމުގައެވެ. ރަފަޙްގެ އިރުމަތީގައި ހުންނަ ގެއަކަށް ބޮން އަޅައި ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ 10 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ހާމަ ކުރިއެވެ.
ޣައްޒާ ޢުދުވާނާ ގުޅިގެން އެ ސަހަރުގައި ދިރިއުޅޭ 2.3 މިލިޔަން ވަރަކަށް މީހުން ވަނީ ނިކަމެތިވެފައެވެ. އެ ސަހަރަށް ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ވެއްދުން ހުއްޓުވާފައި އޮތުމުން, ޣައްޒާގެ ރައްޔިތުންގެ ތެރެއިން އެތަކެއް ސަތޭކަ ހާސް ބަޔަކު ވަނީ ހައިހޫނުގައި ޖެހިފައިއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ދެވޭނެ ގޮތެއް ވެސް ނެތެވެ.
މީގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 38,664އަށް އުފުލިފައެވެ