ރައީސް އަބްދުﷲ ޔާމީނަށް ނުހއްގުން މިދިޔަ ސަރުކާރުގައި ކުރި ހުކުމުން އެމަނިކުފާނު ސަލާމަތްކުރުމުގައި ރައީސް މުހައްމަދު މުއިއްޒުގެ ހިތްމަތާ މިންނެއް ގިނަ ކަމަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުުނަމުންދާ ދިއުމަށް ރައީސް ޔާމީން ރައްދުދެއްވައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ވަހަކަ ދެއްކި ބައިވެރިންގެ ތެރެއިން ބައިވެރިޔަކާ ކުރެއްވި ސުވާލެއްގެ ތެރެއިން ރައީސް ޔާމީން ވަނީ ސެޕްޓެމްބަރު 30, 2023, ގައި އޮތް ރިޔާސީ އިންތިހާބަށް ފަހު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެމަނިކުފާނު ގެއަށް ބަދަލުކުރުމަށް އަދި މިނިވަން ކުރުމަށް ވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ނުވާ ކަމަށާ އަދި އެމަނިކުފާނުގެ ނުހައްގުން ހުކުމުން ސަލާމަތްވުމުގައި ރައީސް މުއިއްޒާ ސަރުކާރުގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ.
އެގޮތުން އެމަނިކުފާނު ވަނީ އެމަނިކުފާނު ގޮތަކަށް މިނިވަންވެވަޑައިގެންނެވި ގެންެނެވުމުގެ މެޑަލް ޖަހަން ސަރުކާރުން އުޅޭތީ އެކަމަށް ފާޑުވިދާޅުވެފައެވެ.
މުއިއްޒު ވޯޓުން ހޮވިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް ދިޔައިރު އެ މީޓިންގައި ތިބީ ހަތަރު މީހުން. މުއިއްޒުއާ އެކީގައި ދިޔައީ އަބްދުއްރަހީމް. އަނެއްކޮޅުން ސޯލިހު އާއި ރައީސް އޮފީހުގެ އިސް ބޭފުޅެއް. އެ މީޓިންގައި ވެސް ޔާމީން ގެއަށް ބަދަލުކޮށްދޭށޭ, ޔާމީން މިނިވަން ކޮށްދޭށޭ މުއިއްޒުއެއް ނުބުނޭ
ރައީސް ޔާމީން މިނިވަން ކުރުމަށް ރައީސް ސޯލިހުގެ އަރިހުން ހޮވިވަޑައިގެން ރައީސް އޮފީހުގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އެދިވަޑައިގެންނެވި ކަމަށް ވަރަށް ގިނަ ޕޯޑިއަމްތަކުގައި ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. އެ ވާހަކަތައް ދޮގު ކުރައްވައި ރައީސް ޔާމީން ވަނީ އެމަނިކުފާނު ރޭ ހިއްސާކުރެއްވީ ހުރިހާ ރައްޔިތުންނަށް އެނގެން ޖެހޭ ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެމަނިކުފާނުގެ މައްސަލައަށް ނުފޫޒު ފޯރުވަން މިހާރުގެ ސަރުކާރުގެ ވަޒީރަކު ވެސް މަސައްކަތްކުރެއްވި ކަމަށާ އަދި މައްސަލައަށް ނުފޫޒު ފޯރުވި ހުރިހާ މީހުންގެ ފުލް ލިސްޓު އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.