March 10, 2026
Advertisement
މީރާ
މީރާ / ސޯޝަލް މީޑިއާ

ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތުކުރާތީ މީރާއިން ސުވާލު އުފައްދައިފި

Aminath Zara
އައިމިނަތު ޒާރާ
Jul 20, 2024, 03:08 AM
މާލެ ސިޓީ

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރު، އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ކުންފުންޏަކާ ދެކޮޅަށް ދައުލަތުން ދައުވާ ކުރާ މައްސަލައެއްގައި އެ ކުންފުނި ތަމްސީލްކުރާ ޤާނޫނީ ވަކީލެއްގެ ގޮތުގައި ހައި ކޯޓުގައި ވަކާލާތުކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Advertisement

އިބްރާހިމް މުނައްވަރުގެ އަމިއްލަ ކުންފުންޏާ ދެކޮޅަށް ހައި ކޯޓުގައި ބަލަމުންދަނީ ޓެކްސްއާ ގުޅުން ހުރި މައްސަލައެކެވެ. އެ ކުންފުނި ތަމްސީލްކުރާ ޤާނޫނީ ވަކީލެއްގެ ގޮތުގައި ހައި ކޯޓުގައި ވަކާލާތުކުރައްވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ވެސް ފުރުއްވާ މުނައްވަރެވެ.

އިއްޔެ ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި މީރާގެ ވަކީލް ވަނީ އެ ކަން ހައި ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ސަމާލުކަމަށް ގެނެސްފައެވެ. މީރާގެ ވަކީލުން ވިދާޅުވީ މީރާ ތަމްސީލްކުރައްވަނީ ދައުލަތްކަމަށާއި ދައުލަތާ ދެކޮޅަށް ދައުލަތުގެ މިނިސްޓަރަކަށް ވަކާލާތު ކުރެވިގެން ނުވާނެކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީއަކީ ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި ބެލެހެއްޓުމުގެ ޒިންމާ އޮންނަ މިނިސްޓްރީއަށް ވާއިރު، އެ މިނިސްޓްރީގެ ނައިބަކު ދައުލަތާ ދެކޮޅަށް އަމިއްލަ ކުންފުންޏެއް ތަމްސީލް ކުރުމަކީ މަސްލަހަތު ފުށުއަރާ ކަމެއްކަމަށް ވެސް މީރާގެ ވަކީލު ވިދާޅުވިއެވެ.

މީރާގެ އެ ވާހަކަތަކުގެ ރައްދުގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ވެސް އޮންނަ މުނައްވަރު ވިދާޅުވީ، އެ ބޭފުޅާ އެ މަގާމުގައި ހުންނެވިޔަސް، ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ހަސްމެއް ތަމްސީލް ކުރައްވަން ހުރަހެއް އޮތްކަމަށް ގަބޫލު ނުކުރެއްވޭކަމަށެވެ. އަދި މުނައްވަރަކީ މީރާއާ ގުޅޭ އެއްވެސް މަސައްކަތެއް ކުރައްވާ ބޭފުޅެއް ނޫންކަމަށާއި އިކޮނޮމިކް މިނިސްޓްރީއަކީ ވެސް މީރާއިން ކުރާ މަސައްކަތްތަކާ އެއްވެސް ވަރަކަށް ގުޅޭ މަސައްކަތްތަކެއް ކުރާ ތަނެއް ނޫންކަމަށް މުނައްވަރު ވިދާޅުވިއެވެ.

އިއްޔެގެ އަޑުއެހުން ނިންމާލީ މީރާގެ ވަކީލް ފާހަގަކުރި މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހު އަލުން އަޑުއެހުމެއް ބާއްވަން ހައި ކޯޓުގައި މި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންކަމަށްވާ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދު މަޝްވަރާކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved